ADVERTISEMENT

ޑޮލަރު ވިއްކި ބިދޭސީން ޑީޕޯޓުކޮއްގެން މައްސަލަ ހައްލުވާނެތަ؟

18 މާރޗް 2024

ރާއްޖޭގައި ޑޮލަރުގެ ކަޅުބާޒާރެއް އުފެދި ހަރަކާތްތެރި ވަމުން އަންނަ ތާ އެތަށް އަހަރެއް ވެއްޖެއެވެ. ދޭތެރެ ދޭތެރެއިން ބިދޭސީން ޑީޕޯޓުވެސް ކުރެއެވެ. ނަމަވެސް މައްސަލަ ހައްލެއް ނުވެއެވެ. މިއީ ގައުމެއްގެ ނިސްބަތުން އަޅުގަނޑުމެން ވިސްނާލުން ރަނގަޅު ކަމެކެވެ. ހައްލު ކުރަން ޖެހޭ މައްސަލައެކެވެ.

 

ޑޮލަރުގެ ބާޒާރަށް އަންނަ ބަދަލުތަކުގެ ބާރު އާހިރުގައި ކުރަނީ އާއްމު ރައްޔިތުމީހާގެ ޖީބަށެވެ. ވިޔަފާރިވެރިން އެކަމުގެ ކަންބޮޑުވުން ފާޅުކުރިނަމަވެސް އެ ވިޔަފާރިވެރިންވެސް ދެކޮޅުޖައްސަނީ އާއްމު މީހާއަށް ވިއްކާ މުދަލުގެ އަގު ބޮޑުކޮއްގެންނެވެ. ކަން މިހެން އޮތްއިރު ރާއްޖޭގައި އޮތް ޑޮލަރުގެ ކަޅު ބާޒާރު ފާޅުކަން ބޮޑުކޮށް ހިންގަމުންދާއިރު ސަރުކާރުން ހުއްޓުވަން މާބޮޑު މަސައްކަތެއް ނުކުރާކަމަށް ބުނެވިދާނެއެވެ.

 

މި ސަރުކާރުން ދާދިފަހުން ވަނީ މި މަސައްކަތުގައި އުޅުނު ބިދޭސީންކޮޅެއް ހައްޔަރުކޮށް ޑީޕޯޓު ކުރަން ނިންމާފައެވެ. ހަޅަ ނޫހަށް އެނގިފައިވާ ގޮތުގައި އިމިގްރޭޝަންއިން ހިފެހެއްޓީ މަގުމަތީގައި ޑޮލަރު ގަންނަން އުޅުނު ބިދޭސީންތަކެކެވެ. މި ކަމުގެ އަޑީގައި ތިބި ބޮޑުން އެތިބީ ދޫވެފައެވެ. ނަމަވެސް މިކަމަށް ސަރުކާރުން މި ނެގި ފިޔަވަޅަށް މަރުހަބާ ކިޔަނެ ޖެހެއެވެ. ޑޮލަރުގެ މައްސަލަ ހައްލުކުރަން މިސަރުކާރު ސީރިއަސްކަން އަޅުގަނޑުމެން ގަބޫލުކުރަން ޖެހެނީ ފުރަތަމަ ދުވަހުން ފެށިގެން ފައިސާ ޗާޕުކުރުން ހުއްޓާލުމުންނެވެ.

 

ރުފިޔާ ޗާޕުރުކުން މާ މޮޅުކަމަކަށްވެ ގައުމުގައި ވެރިކަން ކުރިބަޔަކު 8 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ޗާޕުކުރުމުގެ ނަތީޖާއަކީ ޑޮލަރު 20 ރުފިޔާއަށް އެރުމެވެ. މިކަން ހުއްޓާލިތާ މާގިނަ ދުވަހެއް ނުވެ މިހާރު އެރޭޓު 17 އަށް މިވަނީ ތިރިވެފައެވެ. ނަމަވެސް މި މައްސަލަ އެއްކޮއް ހައްލު ނުކުރާނަމަ ނުވަތަ މައްސަލައިގެ އެންމެ އަޑިއަށް ފީނާ އަސްލު ސަބަބު ހޯދަން ޖެހެއެވެ.

 

އަސްލު މައްސަލައަކީ ކޮބާ؟

 

ވިޔަފާރިތަކަށް ޑޮލަރު ނުލިބުން- ވިޔަފާރިތަކަށް ބޭނުންވާވަރަށް ޑޮލަރު ނުލިބުމަކީ ބޮޑު މައްސަލައެކެވެ. ބޭންކުން ވިޔަފާރިތަކަށް ޑޮލަރު ދޫކުރަނީ ވަރަށް މަދުންނެވެ. ބޮޑު ބައި ހޯދަނެ ޖެހެނީ ރަށުތެރެއިންނެވެ. ނަތީޖާއަކަށްވަނީ އެތަން މިތަނުން ލިބެން ހުރިއަގެއްގައި ޑޮލަރު ގަންނަން ޖެހުމެވެ. ބޭންކުތަށް މެދުވެރިކޮށް ވިޔަފާރިތަކަށް ޑޮލަރު ދޭނަމަ ރަށުތެރެއިން ޑޮލަރު ހޯދަން އޮންނަ ޑިމާޑު ދައްވެ ކަޅުބާޒާރު ނެތިގޮސްދާނެއެވެ.

 

ޑޮލަރުން މުއާމަލާތް ކުރުން ފަސޭހަވުން- ރާއްޖޭގައި ޑޮލަރުން މުއާމަލާތް ކުރުމަކީ ވަރަށް ފަސޭހަކަމެކެވެ. ކޮނެމް މީހަކު ޑޮލަރު އެކައުންޓެއް ގެންގުޅެއެވެ. ޑޮލަރު ޖަމާކޮއް ނެގޭ އޭޓީއެމް އެބަހުއްޓެވެ. ޓްރާންސްފާ ކޮއްލެއެވެ. މަގުމަތުން ފެންނަ ބިދޭސީ ނުވަތަ ދޭސީ މީހާއަށް މާރު ކޮއްލެވެއެވެ. ވިޔަފާރިތަކުން ޑޮލަރުން ތަކެއްޗަށް އަގު ނަގައެވެ.

 

ޑޮލަރުގެ މައްސަލަ ހައްލުކުރަން ބޭނުންނަމަ ރާއްޖޭގައި ޑޮލަރުން ކުރާ މުއާމަލާތް ކޮންޓްރޯލް ކުރެވެން އެބަޖެއެވެ. މިސާލަކަށް ފުރާމީހުންނަށް އެއާރޕޯޓުން ޑޮލަރު ނެގޭނެ އިންތިޒާމު ހަމަޖައްސާ ރަށުތެރެއިން ޑޮލަރު އޭޓީއެމް ނެގިދާނެއެވެ. ޑޮލަރު ގަނެވިއްކުމުގެ ވިޔަފާރި ކުރާ ތަން ތަން އެއާޕޯޓަށް ބަދަލުކޮށް ރަށު ތެރޭގައި އެހިދުމަތް ދިނުން ހަމައެކަނި ބޭންކުތަކަށް ދޫކޮއްލިވިދާނެއެވެ. ކޮނެމެޔަކަށް އާއްމު ރައްޔިތު މީހާއަށް އެންމެ ފައިދާވާނީ ތަކެތި އަގުހެޔޮ ވެގެންނެވެ. ތަކެތި އަގުހެޔޮ ވާނީ ޑޮލަރު ރޭޓް ތިރިވެގެންނެވެ. ރައްޔުތުންގެ ހައްގުގައި ސަރުކާރުން މި ކުރާ މަސައްކަތް އެގޮތުގައި ދެހެއްޓިޖެނަމަ ޑޮލަރު އަގުހެޔޮވެ ރައްޔިތު މީހާގެ ޖީބަށް ލުއި ވާނެއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.