ADVERTISEMENT

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 510,000 އަށްވުރެ މައްޗަށް އަރައިފި


މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 510,000 އަށްވުރެ މައްޗަށް އަރައިފިއެވެ.

 

ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި ޑެއިލީ އަޕްޓޭޑްސް ރިޕޯޓުން ދައްކާގޮތުން މިއަހަރުގެ މިހާތަނަށް 513,377 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު %13.9 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވާ ފަތުރުވެރިންގެ އަދަދަކީ 450,607 އެވެ.

 

ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދަށް ބަލާއިރު މިދިޔަ ފެބްރުވަރީ މަހަކީ ރެކޯޑު އަދަދަކަށް ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި މަހެކެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މިދިޔަ ފެބްރުވަރީ މަހު 217,392 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ ފެބްރުވަރީ މަހާއި އަޅާބަލާއިރު %22.2 ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކޮށްފައިވަނީ 177,915 ފަތުރުވެރިންނެވެ.

 

ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާރު އެވްރެޖްކޮށް 6,667 ފަތުރުވެރިން ޒިޔާރަތްކުރެއެވެ. އަދި އެވްރެޖްކޮށް 7-8 ދުވަހުގެ ޗުއްޓީއެއް ހޭދަކުރެއެވެ.

 

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ ޗައިނާ، ރަޝިއާ، އިޓަލީ އަދި ޔޫކޭ އިންނެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން 60,699 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އަދި ރަޝިއާއިން 52,385 ފަތުރުވެރިންނާއި، އިޓަލީން 49,480 ފަތުރުވެރިން އަދި ޔޫކޭއިން 46,849 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.

 

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނެސް، ފަތުރުވެރިކަމުގެ އައު ރެކޯޑެއް ހެދުމެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.