ADVERTISEMENT

ހައިޕަސޮނިކް މިސައިލް އުފެއްދުމުގައި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އުތުރު ކޮރެއާއިން ބުނެފި


އުތުރު ކޮރެއާއިން އާ ވައްތަރުގެ އިންޓަމީޑިއޭޓް ރޭންޖް ހައިޕަސޮނިކް މިސައިލަށް ސޮލިޑް ފިއުލް އިންޖީނެއް ކާމިޔާބުކަމާއެކު ޓެސްޓްކޮށްފިއެވެ.

 

އެމެރިކާގެ ދައުލަތުގެ މީޑިއާއިން ބުދަ ދުވަހު މިކަން ރިޕޯޓްކޮށްފައިވާއިރު، އެމެރިކާގެ ސަރަހައްދެއް ކަމަށްވާ ގުއާމް ހިމެނޭ ސަރަހައްދުގެ އިތުރު އަމާޒުތަކަށް ހަމަލާދެވޭނެ ފަދަ ބާރުގަދަ، ހަރުދަނާ މިސައިލެއް އުފެއްދުމަށް ޕިޔޮންގްޔަންގް އިން ކުރަމުންދާ މަސައްކަތަށް ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

 

އުތުރު ކޮރެއާގެ ހުޅަނގު އުތުރުގައި އޮންނަ ސޮހޭ ސެޓެލައިޓް ލޯންޗިން ގްރައުންޑްގައި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ މި ޓެސްޓު ބެލެހެއްޓެވީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންއުން ކަމަށް ކޮރެއަން ސެންޓްރަލް ނިއުސް އެޖެންސީ (ކޭސީއެންއޭ) އިން ވަނީ ބުނެފައެވެ.

 

ކިމްއާ ހަވާލާދީ ކޭސީއެންއޭ އިން ބުނީ މެދުރާސްތާގެ މިސައިލްގެ ސްޓްރެޓެޖިކް ވެލިއު އަކީ އެމެރިކާގެ މެއިންލޭންޑަށް އަމާޒުކޮށް އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލްތަކާ އެއްވަރަށް މުހިންމު އެއްޗެއް ކަމަށާއި ދުޝްމަނުންނަށް އެކަން މާ ރަނގަޅަށް އެނގޭ ކަމަށެވެ. އަދި އާ ހަތިޔާރުގެ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާނެ ޓައިމްޓޭބަލެއް ކަނޑައެޅީ މުހިންމު އިމްތިހާނެއްގެ ބޮޑު ކާމިޔާބީގެ ތެރެއިން ކަމަށް ވެސް ބުނެފައިވެއެވެ.

 

އަސްކަރިއްޔާ ޒަމާނީ ކުރަން ބޭނުންވާކަން ކިމް 2021 ވަނަ އަހަރު އިއުލާނު ކުރައްވައި، އުތުރު ކޮރެއާއިން ތަރައްގީ ކުރަން ނިންމާފައިވާ ހައިޕަސޮނިކް މިސައިލެއް ހިމެނޭ ގޮތަށް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ހަތިޔާރުގެ ސިސްޓަމްތަކެއް އިއުލާނު ކުރެއްވިއެވެ.

 

އެ ގައުމުން މިދިޔަ ޖެނުއަރީ މަހު އިންޓަމީޑިއޭޓް ރޭންޖް ހައިޕަސޮނިކް މިސައިލެއް ޓެސްޓް ކުރި އިރު، އޭގެ ތެރޭގައި އާ ސޮލިޑް ފިއުލް އިންޖީނެއް ހިމެނޭ ކަމަށް ބުނެފައިވެއެވެ.

 

އަންގާރަ ދުވަހު ޓެސްޓު ކުރި އިންޖީނާ ބެހޭ ތަފްސީލެއް އަދި ޓެސްޓުގެ ޓެކްނިކަލް ބާވަތެއް ވެސް ކޭސީއެންއޭ އިން ހާމައެއް ނުކުރެއެވެ.

 

ސޮލިޑް ފިއުލް މިސައިލްތައް އެ މީހުންގެ ލިކުއިޑް ފިއުލް ކުރާ މިސައިލްތަކަށް ވުރެ އަވަހަށް ފޮނުވާލެވިދާނެ ކަމަށާއި، އެ މިސައިލްތައް ދަތުރުކޮށް ސިއްރުކުރަން ފަސޭހަވުމުން ތިއަރިޓިކަލީ އެ މިސައިލްތައް ދެނެގަންނަން އުނދަގޫވާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

 

ހައިޕަސޮނިކް ހަތިޔާރު ފަރުމާކޮށްފައިވަނީ އަޑުގެ ސްޕީޑަށް ވުރެ ފަސް ގުނަ ބާރު މިނުގައި އުދުހޭ ގޮތަށާއި މިފަދަ ސިސްޓަމްތައް ފުރިހަމަކުރެވިއްޖެނަމަ، ސަރަޙައްދީ މިސައިލް ޑިފެންސް ސިސްޓަމްތަކަށް ގޮންޖެހުންތަކެއް ކުރިމަތިވެދާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

 

ޕިއޮންޔޮންގް އިން އެންމެ ފަހުން މިކަން ހާމަކޮށްފައި މިވަނީ އުތުރު ކޮރެއާއިން ގިނަ ރޮކެޓް ލޯންޗަރުތައް ހިމެނޭ ޑްރިލްތައް ކިމް ބަލަހައްޓަވާފައިވާ ކަމަށް ބުނެފައި ވަނިކޮށެވެ.

 

އުތުރު ކޮރެއާއިން އަންނަނީ 2022 ވަނަ އަހަރުން ފެށިގެން މިސައިލް ޓެސްޓްތައް ކުރަމުންނެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.