ADVERTISEMENT

އިންޑޮނޭޝިއާގެ އައްސޭރިފަށަށް ރޮހިންޏާ ބޯޓެއް ބަންޑުން ޖަހާލައިފި


އިންޑޮނޭޝިއާގެ އަޗޭ ޕްރޮވިންސްގެ އައްސޭރިފަށަށް 150 މީހުންނާއެކު ދަތުރުކުރި ބޯޓެއް ބަންޑުން ޖަހާލައިފިއެވެ.

 

މި ހާދިސާގައި އެ ބޯޓުގައި ދަތުރުކުރި ރޮހިންޏާ ރެފިއުޖީންގެ އެތައް ބަޔަކު ގެނބިގެން މަރުވެފައިވާ ކަމަށް ބެލެވޭކަމަށް ރިޕޯޓުތައް ބުނެއެވެ.

 

އިއްޔެ ހެނދުނު އަޗޭގެ ހުޅަނގު އައްސޭރިފަށުގެ ކުއާލަ ބުބޯންގެ ގޮނޑުދޮށުން 19 ކިލޯމީޓަރު ދުރުގައި އޮތް މި ބޯޓު ކަނޑުގަދަވުމުގެ ސަބަބުން މައްސަލައެއް ދިމާވީކަމަށް ބެލެވެއެވެ. މި ހާދިސާއާ ގުޅިގެން ހަތަރު އަންހެނުންނާއި ދެ ފިރިހެނުން ހިމެނޭ ގޮތަށް ހަ މީހަކު އަޗޭނީޒް މަސްވެރިން ބޯޓުން ސަލާމަތްކޮށް ހިޔާއަކަށް ވަނީ ގެންގޮސްފައެވެ.

 

އދ.ގެ ރެފިއުޖީ އެޖެންސީ (ޔޫއެންއެޗްސީއާރް)ގެ މަންދޫބެއް ކަމަށްވާ ފައިސަލް ރަހްމާން ވިދާޅުވީ ސަލާމަތްވި މީހުންގެ ހެކިބަހުން އެނގެނީ އެތައް ބަޔަކު ގެނބިގެން މަރުވެފައިވާ ކަމަށެވެ.

 

އޭނާ ވިދާޅުވީ މަރުވި މީހުންގެ ސީދާ އަދަދު ކަށަވަރު ނުކުރެވޭ ނަމަވެސް ސަލާމަތްކުރި ހަ މީހުންގެ މައުލޫމާތަށް ބަލާއިރު އެތައް ބަޔަކު މަރުވެފައިވާ ކަމަށެވެ.

 

އެ މީހުން އަންދާޒާކުރަނީ ބޯޓު ބަންޑުން ޖަހާލިއިރު ގާތްގަނޑަކަށް 50 ވަރަކަށް މީހުން މަރުވި ކަމަށް.

 

ބެލެވޭ ގޮތުގައި މަރުވި ކަމަށް ބެލެވޭ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

 

ކުއާލަ ބުބޯން ހުންނަ އަޗޭ ބަރަތު ޑިސްޓްރިކްޓްގެ މަސްވެރިންގެ ކޮމިއުނިޓީ ލީޑަރެއް ކަމަށްވާ އަމީރުއްދީން ބުނި އިންޑޮނޭޝިއާގެ ނޭޝަނަލް ސާޗް އެންޑް ރެސްކިއު އެޖެންސީގެ ސާޗް އެންޑް ރެސްކިއު ބޯޓެއް އިއްޔެ ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް ރޮހިންޏާ ބޯޓު ފެނުނުކަމެއް ނުވަތަ ނޫންކަމުގެ ހަބަރެއްވެސް އަދި ނުވާކަމަށް އޭނާ ބުންޏެވެ.

 

ޔޫއެންއެޗްސީއާރުގެ ރަހްމާން ވިދާޅުވީ ރޮހިންޖާ ބޯޓު ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

 

2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި ބޭ އޮފް ބެންގާލްގައި ރޮހިންޏާ ރެފިއުޖީންގެ ބޯޓު ބަންޑުން ޖަހާލައި 17 މީހުން ވަނީ މަރުވެފައެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.