ADVERTISEMENT

އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހްޤީޤު އަވަސްކުރަން މަޝްވަރާކޮށްފި


އެފްއޭއެމްގެ ފައިސާއިން މަނީލޯންޑަރ ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހްޤީޤު އަވަސްކުރަން މަޝްވަރާކޮށްފިއެވެ.

 

ފުލުހުންނާއި ބައްދަލުކުރައްވާ މި މަޝްވަރާތައް ބާއްވާފައިވަނީ ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމެވެ.

 

މި ބައްދަލުވުމާއި ގުޅޭގޮތުން ޕީޖީ އޮފީހުން ބުނީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްއަށް އެކި ތަންތަނުން ލިބޭ ފައިސާއަށް ޚިޔާނާތްތެރިވެ، އެފައިސާ ލިބުނު ބޭނުން ފިޔަވައި އެހެން ބޭނުންތަކަށް ބޭނުންކޮށް، އެފައިސާއިން މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތު ކުރެވިގެން، ޤާނޫނު ނަންބަރު 9/2009 (ޕްރޮސިކިއުޓަރ ޖެނެރަލްގެ ޤާނޫނު) ގެ 15 ވަނަ މާއްދާ (ޕްރޮސިކިއުޓަރ ޖެނެރަލްގެ މަސއޫލިއްޔަތުތަކާއި ބާރުތައް) ގެ (ޅ) އިން ބާރު ލިބިގެން، ޕްރޮސިކިއުޓަރ ޖެނެރަލް އަމުރު ކޮށްގެން ދިވެހި ފުލުހުންގެ ޚިދުމަތުން ތަޙްޤީޤުކުރަމުން ގެންދާ މައްސަލައިގައި މަސައްކަތްކުރައްވާ އިންވެސްޓިގޭޓަރުންނާ މިއަދު ޕްރޮސިކިއުޓަރ ޖެނެރަލް ބައްދަލު ކުރައްވާފައިވާ ކަމަށެވެ. 

 

މިބައްދަލުވުމުގައި، އެމައްސަލައިގައި މިހާރު ބާކީ ނުނިމި ހުރި މަސައްކަތްތަކަކީ ކޮބައިކަމާއި، އެމަސައްކަތްތައް ނިންމާނެ ގޮތުގެ ވަގުތު ރޮނގަކާބެހޭ ގޮތުން މަޝްވަރާ ކުރެވިފައިވެއެވެ. މިމަސައްކަތުގައި ދައުލަތުގެ އިދާރާތަކުން ބޭނުންވާ އެހީތެރިކަން ހޯދޭނެ ގޮތްތަކާއި، މިމައްސަލައިގައި މިހާތަނަށް ލިބިފައިވާ ހެކިތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅައި، ޕްރޮސިކިއުޓަރުން އެ ހެކިތައް ދިރާސާކޮށް، އިތުރަށް ހޯދައި ފުރިހަމަކުރަންޖެހޭ ކަންކަމަކީ ކޮބައިކަމާބެހޭ ގޮތުން މަޝްވަރާކޮށް، ގޮތްތަކެއް ނިންމާފައިވާ ކަމަށް ޕީޖީއޮފީހުން ބުނެއެވެ.

 

މިމައްސަލައިގައި އިތުރަށް ތުހުމަތު ކުރެވޭ މީހުންގެ ބައިތަކުގައި ތުހުމަތު އިއްވައި ބަޔާން ނެގުމާބެހޭ ގޮތުންވެސް މަޝްވަރާ ކުރެވިފައިވެއެވެ. މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެވުނީ، ފުލުހުން މިމައްސަލައިގައި ކުރައްވަން ހުރި މަސައްކަތްތައް ނިންމަވައި، ވީހާވެސް އަވަހަކަށް، ދައުވާކުރުމާމެދު ގޮތެއް ނިންމުމަށް އެއޮފީހަށް ހުށަހަޅުއްވައި ދިނުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

 

ފުޓުބޯޅަ އެސޯސިއޭޝަން (އެފްއޭއެމް)އިން ހިންގާފައިވާ ހިޔާނާތުގެ ތެރެއިން، 10،000 ޑޮލަރަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެފްއޭއެމްގެ އިސް ދެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީއަށް ފޮނުވާފައެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.