ADVERTISEMENT

އަލް-ޝިފާ ހޮސްޕިޓަލުގެ ތެރޭގައި އިޒްރޭލު ސިފައިން އަންހެނުން ރޭޕްކުރަނީ


ގާޒާގެ އުތުރުގައި ހުންނަ އަލް-ޝިފާ ހޮސްޕިޓަލަށް އިޒްރޭލު ސިފައިން ވަދެ، ހޮސްޕިޓަލުގެ ތެރޭގައި އަންހެނުން ރޭޕްކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

 

އިޒްރޭލުން އަލް-ޝިފާ ހޮސްޕިޓަލަށް ވަދެ ނިރުބަވެރި ހަމަލާތައް އަނެއްކާވެސް ހިންގަން ފަށާފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ.

 

އިޒްރޭލުގެ އަސްކަރިއްޔާއިން ވަނީ ގާޒާގެ އުތުރުގައި ހުންނަ އަލްޝިފާ މެޑިކަލް ކޮމްޕްލެކްސް ހަލާކުކޮށްލާނެ ކަމުގެ އިންޒާރުވެސް ދީފައެވެ. އެގޮތުން މެޑިކަލް ޓީމްތަކާއި ބަލިމީހުން އެތެރޭގައި ތިއްބާ ހޮސްޕިޓަލުގައި ރޯކޮށްލާނެ ކަމަށް އިޒްރޭލުން ވަނީ ބުނެފައެވެ.

 

ގާޒާ ސަރުކާރުގެ މީޑިއާ އޮފީހުން ހޮނިހިރު ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަލްޝިފާ މެޑިކަލް ކޮމްޕްލެކްސްގެ އެތެރެއިން ހެކި ބަސްތަކެއް ލިބިފައިވާ ކަމަށާއި، އިޒްރޭލުގެ އިސްތިއުމާރީ އަސްކަރިއްޔާއިން މެޑިކަލް ސްޓާފުންނާއި އެތަނުގައި ހިޔާވަހިކަން ހޯދަމުންދާ ގެދޮރު ގެއްލިފައިވާ މީހުންނަށް ބިރު ދައްކައި، އެމީހުންނާއެކު މުޅި ހޮސްޕިޓަލް ރޯކޮށްލާނެކަމުގެ އިންޒާރު ދީފައިވާ ކަމަށެވެ.

 

މީޑިއާ އޮފީހުން ވަނީ އިޒްރޭލުގެ އަސްކަރިއްޔާއިން އަނިޔާވެރިކަމާއި ބަދަލު ހިފުމުގެ ނިޔަތުގައި ހިންގަމުން ގެންދާ ”އޯގަނައިޒްޑް ކްރައިމް“ ކުށްވެރިކޮށްފައެވެ. އަދި އެ ހަމަލާތަކުގެ ޒިންމާ އެމެރިކާގެ ސަރުކާރާއި ބައިނަލްއަގްވާމީ މުޖުތަމައުން ފުރިހަމައަށް އުފުލަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.

 

މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނުން ފެށިގެން އިޒްރޭލު ސިފައިން އަލް-ޝިފާ މެޑިކަލް ކޮމްޕްލެކްސް ބަލައި ފާސްކުރަމުން އަންނައިރު، އެތަނުގައި އެތައް ހާސް ބަލިމީހުންނާއި، ޒަޚަމްވެ، ގެދޮރު ގެއްލިފައިވާ ފަލަސްތީނުގެ ރައްޔިތުން ތިބި އިރު، ގެދޮރު ގެއްލުނު މީހުން މެރުމާއި، ބަޑީގެ ހަމަލާތަކާއި، ބޮޑެތި އަދަދުތަކުން މީހުން ހައްޔަރުކުރުމާއި، ކައިރީގައި ހުރި ސަރަހައްދުތަކަށް ބޮން އެޅުމުގެ ހާދިސާތައް އަންނަނީ ހިންގަމުންނެވެ.

 

އިޒްރޭލުގެ އަސްކަރިއްޔާއިން ހޮނިހިރު ދުވަހު ކުރި އިއުލާނެއްގައި ބުނެފައިވަނީ ފަލަސްތީނުގެ 170 މީހަކަށް މަރުގެ އަދަބު ދީ، އެތައް ސަތޭކަ ބަޔަކު ތަހުގީގަށް ހިފަހައްޓާފައިވާ ކަމަށާއި އޭގެ ތެރެއިން މަދުވެގެން 160 މީހުން އިޒްރޭލަށް ގެންގޮސްފައިވާ ކަމަށެވެ.

 

މިއީ މިދިޔަ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ގާޒާއާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން އިޒްރޭލު ސިފައިން އެ ކޮމްޕްލެކްސް ބަލައި ފާސްކުރި ދެވަނަ ފަހަރެވެ.

 

ފަލަސްތީނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ބައިނަލްއަގުވާމީ ކޯޓް އޮފް ޖަސްޓިސްގައި މިހާރު ވެސް ޝަރީއަތް ހިނގަމުން އަންނަ އިޒްރޭލުން އަންނަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން ގާޒާއާ ދެކޮޅަށް ނުރައްކާތެރި ހަނގުރާމައެއް ހިންގަމުންނެވެ.

 

ގާޒާގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ގާޒާގައި ހިންގަމުންދާ ޖަރީމާތަކުގައި މިހާތަނަށް ފަލަސްތީނުގެ 32،070 މީހުން ޝަހީދުވެ 74،298 މީހުން ޒަޚަމްވެފައިވާ ކަމަށެވެ.

 

މީގެ އިތުރުން، 7،000 އެއްހާ މީހުން، އެމީހުންގެ ގެދޮރުގެ ކުނިތަކުގެ ދަށުގައި ޝަހީދުވެފައިވާކަމަށް ބެލެވެއެވެ. ފަލަސްތީނާއި ބައިނަލްއަގްވާމީ ޖަމިއްޔާތަކުން ބުނާ ގޮތުގައި ޝަހީދުވި މީހުންނާއި ޒަހަމްވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.