ADVERTISEMENT

މަސްދޯނިތަކަށް ބޭރުގެ ސިފައިން އެރުން ހުއްޓުވޭނީ އަސްކަރީ ގާބިލުކަން އިތުރުކުރެވިގެން – ޣައްސާން


ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުގައި މަސްވެރިކަން ކުރާ ދިވެހި މަސްދޯނިތަކަށް ބޭރުގެ ސިފައިން އެރުން ހުއްޓުވޭނީ އަސްކަރީ ގާބިލުކަން އިތުރުކުރެވިގެން ކަމަށް ޑިފެންސް މިނިސްޓަރ ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

 

ރައްޔިތުންގެ މަޖިލީހުގައި އިއްޔެ މެންބަރުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރ ޣައްސާން ވިދާޅުވީ ދިވެހި މަސްދޯނިތަކަށް ބޭރުގެ ސިފައިން އެރުން ފަދަ ހާދިސާތައް ހިނގުމުގެ އެންމެ މައިގަނޑު އެއް ސަބަބަކީ، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޮޑުވެފައ،ި ކަނޑުގެ ސަރަހައްދު އެންމެ އެކަށީގެންވާ ގޮތުގައި ބެލެހެއްޓުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ދިވެހި ދައުލަތުގައި މަދުވުން ކަމަށެވެ.

 

އަދި މިފަދަ ހާދިސާތައް ހިނގުން ހުއްޓުވުމަށް ކުރެވޭ ކަމަކީ، ދިވެހިރާއްޖޭގެ އިމުގެ އެތެރޭގެ ސަރަހައްދު ރަނގަޅަށް ބެލެހެއްޓުމަށް ބޭނުންވާ ގާބިލުކަން ދިވެހި އަސްކަރިއްޔާގައި ގާއިމުކުރެއްވުން ކަމަށެވެ. އަދި ދިވެހިރާއްޖޭގެ ސަރަހައްދު ދިވެހި ދައުލަތުން ބެލެހެއްޓޭކަމުގެ
ޔަގީންކަން އެހެނިހެން ޤައުމުތަކަށް ވެސް ލިއްބައިދިނުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

 

ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަހައްދަކީ، މިނިވަންކަމާ އެކު ދިވެހި ރައްޔިތުން އިޤުތިޞާދީ ނަފާހޯދުމުގެ މަސައްކަތްކުރުމުގެ ފުރުސަތު އޮތް ސަލާމަތްތެރ،ި އަދި ރައްކާތެރި ސަރަހައްދެއްގެ ގޮތުގައި ބޭއްވުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުޙައްމަދު މުޢިއްޒު މިހާރު ވަނީ ފައްޓަވާފައި ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ މިކަން ސަރުކާރުން ކާމިޔާބު ކުރާނެ ކަމަށް މިނިސްޓަރ ޣައްސާން ވިދާޅުވިއެވެ.

 

މިނިސްޓަރު ޣައްސާން ވިދާޅުވީ އިންޑިއާ ސިފައިން ދިވެހި މަސްދޯނިތަކަށް އަރައި ކުރިއަށް ގެންދިޔައީ އާދައިގެ ބަލާ ފާސްކުރުމުގެ އޮޕަރޭޝަނެއް ކަމަށެވެ. އެގޮތުން ދިވެހި މަސްވެރިންގެ ފޯނުތަކާއި، މަސްދޯނީގެ އެކިއެކި ބައިތައް ބަލާފާސްކުރި ކަމަށް މިނިސްޓަރު ޣައްސާން ވިދާޅުވިއެވެ. އަދި ވިދާޅުވީ ހާދިސާ ހިނގި ވަގުތު މަސްވެރިން ނަގާފައިވާ ބައެއް ވީޑިއޯތައް ޑިލީޓްކޮށްފައިވާ ކަމަށެވެ.

 

މަސްދޯނިތަކަށް ސިފައިން އަރާފައިވަނީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމަށާއި، ރާއްޖޭގެ އިގްތިސާދީ ސަރަހައްދުން ބޭރުވެފައިނުވާ ކަމަށެވެ. އަދި ދޯނިތަކުގައި ހަރުކޮށްފައި ހުރި ޓްރެކިން ޑިވައިސްތަކުން އެކަން ކަށަވަރުކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

މަސްދޯނިތަކަށް އިންޑިއާ ސިފައިން ހަތިޔާރާއެކު އަރާފައިވަނީ 31 ޖެނުއަރީ އަދި 1 ފެބްރުއަރީ 2024 ގައެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.