ADVERTISEMENT

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދޭން ގެނައި އިސްލާހު ތަސްދީގުކޮށްފި


ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އިދާރީ ދާއިރާތައް ލާމަޒުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ބަދަލު ގެނައުމުގެ ބިލު ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފިއެވެ.

 

މިބިލަކީ، 2024 މާރިޗު 18 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 14 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

 

މި ބިލުގައި އިޞްލާޙު ހުށަހަޅާފައި ވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 51 ވަނަ މާއްދާގެ (ށ)، (ނ)، (ރ)، (ބ) އަދި (ކ) އަށެވެ.

 

މި ބިލުގައި ވާގޮތުން ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާއިރު އެ ރަށް ނުވަތަ ރަށްތައް ތަމްސީލުކުރާ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ކުރު މުއްދަތެއް އޮތްނަމަ، ސިޓީއެއްގެ ދަރަޖަ ލިބިގެންދާނީ އަލަށް އެކުލަވާލެވޭ ކައުންސިލްގެ އިންތިޚާބަށް ފަހުގައިކަން ބަޔާންކޮށްފައިވެއެވެ.

 

ނަމަވެސް އެ ކައުންސިލްގެ ދައުރު ހަމަވުމަށް 1 (އެކެއް) އަހަރު ދުވަހަށް ވުރެ ދިގު މުއްދަތެއް އޮތްނަމަ، މި އިޞްލާޙުގައި ވާގޮތަށް އެ ރަށް ނުވަތަ ރަށްތަކަކީ ސިޓީއެއް ކަމުގައި ކަނޑައަޅައި، ސިޓީއަކަށް ބަދަލުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

 

ސިޓީއެއް އުފައްދަނީ އިދާރީ ދާއިރާއެއްގައި ހިމެނޭ ހުރިހާ ރަށެއް އެކުވެގެން ކަމުގައިވާނަމަ، އެ އިދާރީ ދާއިރާއެއްގެ އަތޮޅު ކައުންސިލް އެހިނދުން ފެށިގެން އުވުނީކަމަށާ އަދި އަތޮޅު ކައުންސިލުން ބަލަހައްޓަމުން ގެންދިޔަ ތަންތަނާއި، ދެމުން ގެންދިޔަ ޚިދުމަތްތައް ކުރިއަށް ގެންދާނީ އެގޮތުން އުފެދޭ ސިޓީ ކައުންސިލުންކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް 11 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަސްދީޤުކުރެއްވުމާއި ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި ޤާނޫނު ފާސްވެ ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.