ADVERTISEMENT

ރެހެންދި އެވޯޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި


2024 ވަނަ އަހަރުގެ ރެހެންދި އެވޯޑަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

 

ރެހެންދި އެވޯޑަކީ، ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަހާ ގުޅުވައިގެން 2014 ވަނަ އަހަރުން ފެށިގެން، އަހަރަކު އެއްފަހަރު، ޤައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާކުރުމަށް އަންހެނުން އަދާކުރާ ދައުރުގެ އަގު ޤައުމީ ފެންވަރެއްގައި ވަޒަންކޮށް، އަންހެނުން ބާރުވެރިކުރުވުމުގެ ގޮތުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ވުޒާރާއިން ދޭ ޚާއްޞަ އެވޯޑެކެވެ.

 

މި އެވޯޑު ލިބޭ ފަރާތްތައް ކަނޑައަޅާނީ، އެވުޒާރާއިން މިކަމަށް އެކުލަވާލާފައިވާ ”ރެހެންދި އެވޯޑު އިވެލުއޭޝަން ކޮމިޓީ“ އިންނެވެ. ރެހެންދި އެވޯޑުގެ ގޮތުގައި ދޭނީ ޝީލްޑަކާއި، ޤައުމީ އެކިއެކި މުނާސަބަތުގައި ބޭނުންކުރެވޭގޮތަށް ފަރުމާ ކޮށްފައިވާ ހެދުމުގައިޖަހާ ރަމްޒީ ”ބުރޫޗް“ އެކެވެ.

 

ރެހެންދި އެވޯޑުގެ މަޤްޞަދަކީ ދިވެހިރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ކުރާ މަސައްކަތްތަކުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، ޤައުމީ ޚިދުމަތަށް އިތުރު އަންހެނުން ނިކުތުމަށް ހިތްވަރުދިނުމެވެ. ހަމަމިއާއެކު، އަންހެނުން ކުރާ އަގުހުރި މަސައްކަތްތަކާއި އަންހެނުން ޙާޞިލުކޮށްފައިވާ ކާމިޔާބީތައް ފާހަގަކޮށް އަގުވަޒަންކުރުމެވެ. މީގެއިތުރުން، އަންހެނުންގެ ބައިވެރިވުން މަދު ދާއިރާތަކަށާއި މުޖުތަމަޢަށް އަލަށް ތަޢާރުފުވާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކުރުންވެސް މި އެވޯޑުގެ މައިގަނޑު މަޤްޞަދުތަކުގެ ތެރޭގައި ހިމެނެއެވެ.

 

މި އެވޯޑު ދެވޭނީ މިއެވޯޑަށް ހުށަހެޅުމަށް ތައްޔާރުކުރެވިފައިވާ ފޯމު ފުރިހަމަކުރުމަށްފަހު އެ ދާއިރާއަކާ ގުޅުންހުރި ލިޔެކިޔުންތައް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން މިއެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކަށެވެ. މިގޮތުން މި އެވޯޑަށް ހުށަހެޅޭ މައިގަނޑު ދެ ކެޓެގަރީއެއްވެއެވެ. އެއީ ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީއާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެވޯޑަށް ހުށަހެޅޭ ކެޓަގަރީއެވެ. ވަކިވަކި އަންހެނުންނަށާއި ޖަމުޢިއްޔާ ޖަމާޢަތްތަކަށް އެވޯޑަށް ހުށަހެޅޭ ކެޓަގަރީގައި 4 ދާއިރާއެއްގެ ދަށުން ހުށަހެޅުމުގެ ފުރުޞަތުވަނީ ހުޅުވާލެވިފައެވެ.

 

އެއީ ލީޑަރޝިޕް އަދި ގަވަރނަންސް، އިޤްތިޞާދީގޮތުން ބާރުވެރިކުރުވުން، އިޖުތިމާޢީ ގޮތުން ބާރުވެރިކުރުވުން އަދި އަންހެނުން ޢާންމުކޮށް ކޮށްނޫޅޭ މަސައްކަތްތައް ނުވަތަ “ ނޮން- ޓްރެޑިޝަނަލް ރޯލްސް“ ގެ ދާއިރާއެވެ. އެވޯޑަށްއެދި ހުށަހަޅާ ފަރާތްތަކަށް މިއިން ކޮންމެވެސް އެއް ދާއިރާއަކަށް ހުށަހެޅިދާނެއެވެ.

 

ފޯމު ފުރިހަމަކުރުމަށްފަހު، އެޕްލިކޭޝަނަށް ބޭނުންވާ އެންމެހައި ލިޔެކިޔުންތަކާއެކު ހުށަހަޅާނީ، އީމެއިލް މެދުވެރިކޮށް، [email protected] އަށެވެ. އަދި ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން މެންދުރުފަހު 2:00 ޖަހަންދެން އުމަރު ޒާހިރު އޮފީސް އިމާރާތުގެ ކައުންޓަރުންވެސް ފޯމު ބަލައިގަންނާނެއެވެ.

 

އެވޯޑަށް އެދި ހުށަހަޅާ ކޮންމެ ލިޔުމަކީ އެވޯޑަށް އެދި ހުށަހަޅާ ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކާއި ހާސިލުކޮށްފައިވާ ނަތީޖާތައް ދައްކުވައިދޭ ލިޔުންތަކެއްކަން ކަށަވަރުކުރަންވާނެއެވެ. އަދި އެވޯޑަށް ނަން ހުށަހެޅުމުގެ ސުންގަޑިއަކީ 2024 އޭޕްރިލް 18 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 2:00 އެކެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.