ADVERTISEMENT

އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް

ފައްޒާރު ހާޒިރުކުރީ އާންމުކުރި މައުލޫމާތެއް ސާފުކުރަން


އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނަމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލް ފުލުސް އޮފީހަށް ހާޒިރުކުރީ އާންމުކުރެއްވި މައުލޫމާތެއް ސާފުކުރައްވަން ކަމަށް އޭނާގެ ވަކީލު މަހުފޫޒު ސައީދު ވިދާޅުވެއްޖެއެވެ.

 

ޕެޓީ ކޭޝްގެ ނަމުގައި ގިނައަދަދެއްގެ ފައިސާ އެ ކުންފުނީގެ އެކި މުވައްޒަފުންގެ އެކައުންޓަށް ޖަމާކޮށް ހިންގެ ހިޔާނާތް ފަޅާއެރީ 2022 ވަނަ އަހަރުއެވެ. އެ މައްސަލައިގައި ސުވާލުކުރުމަށް ފައްޔާޒް ފުލުހަށް ހާޒިރުވާން އަންގާފައިވަނީ މިއަދު މެންދުރުފަހު 3:00 އަށް ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގަށެވެ.

 

ފައްޔާޒަށްފޮނުވި ޗިޓްގައި ސަބަބެއްގެ ގޮތުގައި ބުނެފައިވަނީ އާރުޑީސީގެ ފައިސާއަށް އެ ކުންފުނީގެ މުވައްޒަފުން ހިޔާނާތްތެރިވެ، އެ ހިޔާނާތްތެރިވި ފައިސާއިން ފައްޔާޒަށް މާލީ މަންފާތަކެއް ލިބިފައިވާކަމަށް ބެލެވޭތީ ކަމަށެވެ.

 

ފުލުސް އޮފީހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ފައްޔާޒުގެ ވަކީލު ވިދާޅުވީ ފައްޔާޒަށް ކުރެވޭ ތުހުމަތަކީ އާރްޑީސީއާއެކު ވިޔަފާރީގެ މުއާމަލާތެއް ކުރާ ކުންފުންޏަކަށް ފޮނުވި ޕޭމަންޓަކުން ލިބުމުން އެ ކުންފުނިން ފައްޔާޒްގެ އެކައުންޓަށް ފައިސާ ފޮނުވުން ކަމަށެވެ. މަހުފޫޒު ވިދާޅުވީ އެމައުލޫމާތުތަކަކީ ފުލުހުންގެ ފަރާތުން އެދިވަޑައިގަންނަވާނަމަ ލިޔެކިޔުމުންވެސް ފޮނުވައިދެވޭނެ މައުލޫމާތުތަކެއްކަމަށާއި އެއީ އާންމުވެސް ކޮށްފައި ހުރި މައުލޫމާތުތަކެއް ކަމަށެވެ.

 

ވަޒީރެއްގެ މަގާމުގައި ހުރެއްޖެކަމަށްވާނަމަ ޑިކްލެއަރ ކުރައްވަންޖެހޭ ވިޔަފާރީގެ މަސްލަހަތުތަކަކީ ކޮބައިކަން. އެއްވެސް ފަރާތަކަށް ދައްކަންޖެހޭ ދަރަންޏެއް އޮތްނަމަ އެކަންވެސް އެބަ ހާމަކުރަންޖެހޭ. އެހެންވީމާ ކޮންމެ އަހަރަކު އެއް ފަހަރު އެމައުލޫމާތުތައް ހާމަކުރައްވާއިރުގައި މިފައިސާ ލިބިވަޑައިގެންފިކަން މިފައިސާގެ ތަބީއަތަކީ ކޮބައިކަން އެއީ ހާމަކުރެވިފައި ހުރި މައުލޫމާތު.

 

މަހުފޫޒް ވިދާޅުވީ އާރުޑީސީގެ މި މައްސަލައިގައި ސާފުކުރަންޖެހޭ މައުލޫމާތެއް ނެތް ކަމަށެވެ. އަދި މިއީ ލިޔުމުންވެސް ފޮނުވޭނެ މައުލޫމާތު ކަމަށެވެ. މީގެ އިތުރުން ފައްޔާޒުގެ މައްޗަަށް ޖިނާއީ ކުށެއްގެ ތުހުމަތުގައި ނޫންކަން ފުލުހުން ކަށަވަރުކޮށްދީފައިވާ ކަމަށެވެ.

 

އެ ހިޔާނާތާ ގުޅޭ މައުލޫމާތުދިނުމަށް، މި މަހުގެ ތިންވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ހެޑު ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް އަބްދުﷲ ރަޝީދު ވިދާޅުވެފައިވަނީ އާރުޑީސީގެ ހިޔާނާތުގެ ތެރެއިން ތިން މުވައްޒަފެއްގެ އަމިއްލަ އެކައުންޓުތަކަށް ޖުމުލަ 14 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން ރުފިޔާ ޖަމާކޮށްފައިވެއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.