ADVERTISEMENT

އިތުރު 3 ވައްތަރެއްގެ އުޅަނދު ޓްރެކް ކުރެވޭ ލިސްޓަށް ލައިފި


އިތުރު 3 ވައްތަރެއްގެ އުޅަނދު ޓްރެކް ކުރެވޭ ލިސްޓަށް ލައިފިއެވެ.

 

ކަސްޓަމްސް އިން ބުނީ، ކަސްޓަމްސްގެ ކޮންޓްރޯލުގެ ދަށުގައި ހުންނަ އުޅަނދުފަހަރާއި، އެފަދަ އުޅަނދުފަހަރަށް ގޮސްއައިސްވާ އުޅަނދުފަހަރާއި، ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދާ ނުވަތަ ވަކި ގޮތަކަށް ޢަމަލު ކުރަން ޤާނޫނު ނުވަތަ ގަވާއިދު ލާޒިމުކޮށްފައިވާ މުދަލާއި އެފަދަ މުދާ އުފުލާ އުޅަނދުފަހަރާއި އެފަދަ މުދާ ރައްދުކުރަންޖެހޭ އުޅަނދުފަހަރުގެ ޙަރަކާތްތައް މޮނިޓަރކޮށް، ކަސްޓަމްސްގެ ކޮންޓްރޯލް ހަރުދަނާކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

 

އެގޮތުން ”ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުން އެއްތަނުން އަނެއްތަނަށް ގެންދެވޭ މުދަލާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައިވާ އުޅަނދުފަހަރު މޮނިޓަރކޮށް ބެލެހެއްޓުމާބެހޭ އުޞޫލު“ ވަނީ 2018 ވަނަ އަހަރު އެކުލަވާލެވި ޢަމަލުކުރަން ފަށާފައެވެ.

 

މިއުޞޫލަށް ފުރަތަމަ ޢަމަލުކުރަން ފެށިއިރު ”ރަސްމީ ބަނދަރު ފިޔަވައި އެހެން ތަންތަނަށް ދިއުމަށް ހުއްދަ ދެވޭ އުޅަނދުފަހަރު“ އަދި ”ކަސްޓަމްސްއިން ދޫކުރާ ބަނގުރަލާއި އޫރުމަސް ގެންދަންޖެހޭ ތަނަށް ގެންދިއުމަށްޓަކާ އެތަކެތި އުފުލާ އުޅަނދުފަހަރު“ ތަކުގައި އުޅަނދުފަހަރު އޮންނަ ތަން (ލޮކޭޝަން) އަންގައިދޭ އާލާތް (ޓްރެކިންގ ޑިވައިސް) ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ކަސްޓަމްސްއިން މޮނިޓަރކުރަން ފެށިއެވެ.

 

އަދި މިއުޞޫލަށް އެންމެ ފަހުން 2024 ފެބްރުވަރީ 29 ވަނަ ދުވަހު ގެނެވުނު އިސްލާހާއި ގުޅިގެން ކުރިން ޓްރެކިންގ ޑިވައިސް އަޅުވަންޖެހޭ އުޅަނދުފަހަރުގެ އިތުރުން އިތުރު 3 ވައްތަރެއްގެ އުޅަނދުފަހަރުގައިވެސް ޓްރެކިންގ ޑިވައިސް ހަރުކުރަން ޖެހެއެވެ.

 

އެ އުޅަނދު ފަހަރުތަކަކީ:

– ބަނގުރަލާ އޫރުމަހުގެ ބާވަތްތައް ހުންނަ ސަފާރީ އުޅަނދުފަހަރު؛

– ސޭފް އެންކަރޭޖްގެ ދަށުން ލޯކަލް ބަނދަރެއްގައި ބޭއްވުމުގެ ހުއްދަ ދެވޭ އުޅަނދުފަހަރު؛

– ކަސްޓަމްސް ކޮންޓްރޯލްގެ ދަށުގައި އޮންނަ އުޅަނދުފަހަރަށް ތަކެތި ހިފައިގެންދާ ލޯކަލް އުޅަނދުފަހަރު.

 

2024 މާރޗް 15 ވަނަ ދުވަހުން ފެށިގެން މި އުޞޫލަށް ޢަމަލުކުރަން ފެށިފައިވާއިރު، މި އުޅަނދުފަހަރު އޮންނަ ތަން (ލޮކޭޝަން) އަންގައިދޭ އާލާތް (ޓްރެކިންގ ޑިވައިސް) ހަރުކުރެވި އުޅަނދުފަހަރުތަކުގެ ހަރަކާތްތައް ކަސްޓަމްސްއިން މޮނިޓަރކުރަމުން ގެންދާނެއެވެ.

 

އަދި، މި އުޞޫލާއި ޚިލާފުވާ ފަރާތްތަކަށް ކަސްޓަމްސްއިން ދެމުންދާ ޚިދުމަތް މެދުކަނޑާލާ  އަދި ކަސްޓަމްސްގެ ޤާނޫނާއި ގަވާއިދާ ޙިލާފުވެއްޖެނަމަ، ޤާނޫނާއި ގަވާއިދުގެ ދަށުން ފިޔަވަޅުވެސް އަޅަމުން ގެންދާނެ ކަމަށް ވެސް ކަސްޓަމަސް އިން ބުނެއެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.