ADVERTISEMENT

ފަހު 10 ގެ ދުވަސްތައް ސަރުކާރުން ބަންދުކުރީ ރޭއަޅުކަމަށް ފުރުޞަތުދެއްވައި، ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށް – ރައީސް


ރަމަޟާންމަހުގެ ފަހު 10 ގެ ދުވަސްތައް ސަރުކާރު ބަންދުކުރައްވަން ނިންމެވީ، ރޭއަޅުކަމަށް ފުރުޞަތުދެއްވައި، މި ދުވަސްތަކުގައި އެންމެ ހެނދުނާ އޮފީހަށް ދިއުމުގެ ބުރަ ލުއިކޮށްދެއްވުމަށްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ޢާންމުންގެ ސުވާލުތަކަށް މީސްމީޑިއާގައި ސީދާ ރައީސުލްޖުމްހޫރިއްޔާ ޖަވާބުދެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިޔަށްގެންދަވާ ސިލްސިލާ ”ރައީސްގެ ޖަވާބު“ ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

 

ރަމަޟާންމަހުގެ ފަހު 10 ގައި ކޮންމެހެން ޚިދުމަތަށް ނުކުންނަން ޖެހޭ ސަރުކާރު މުވައްޒަފުންނަށް ޚާއްޞަ ޢިނާޔަތެއް ދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި ހަމަ އެހެންމެ މިފަހަރުގެ ރޯދަމަހު ކާބޯތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ޚާއްޞަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅުއްވާފައެވެ. އަދި ކާޑުގެ ބާވަތްތައް ހިމެނޭހެން ރޯދަ ހަދިޔާ ސަރުކާރުން ވަނީ ރައްޔިތުންނަށް ބައްސަވާފައެވެ.

 

އަދި ރޯދަމަހު ކަރަންޓާއި ފެނުގެ ބިލުތަކަށް ލުޔެއް ދެއްވުމުގެ ގޮތުން، ބިލްތަކުން ޑިސްކައުންޓެއް ދެއްވައި ވަކި މިންވަރެއް މަޢާފްކޮށްދެއްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އިޢުލާންކުރައްވާފައެވެ. މިހުރިހާ ކަމަކަށް ބަލާއިރު މިއަހަރުގެ ރޯދަމަހަކީ ސަރުކާރުން މިހާތަނަށް ރައްޔިތުންނަށް އެންމެ ގިނަ ލުއި ހޯއްދަވައިދެއްވި ރޯދަމަހަށްވާނެއެވެ.

 

ރައީސުލްޖުމްހޫރިއްޔާ ވަނީ މިފުރުޞަތުގެ ބޭނުންހިފައި ރަމަޟާންމަހުގެ ފަހު 10 ގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފައި، އަޅުކަން ގިނަކުރުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އިސްލާމްދީންމަތީ ރާއްޖެ ހޭދަކުރި 897 އަހަރުގެ ތާރީޚަށް ބަލާއިރު، މިއީ ރަމަޟާންމަހުގެ ފަހު 10 ރައްޔިތުންނަށް އަޅުކަމަށް ޚާއްޞަކޮށްދޭން މިފަދަ ނިންމެވުމެއް ދައުލަތުން ނިންމެވިކަން އެނގެން އޮތް ފުރަތަމަ ފަހަރެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.