ADVERTISEMENT

ލައިލަތުލް ޤަދްރި ހޯދޭތޯ ގަދައަޅައި މަސައްކަތްކުރަމާތޯއެވެ.


އަޅުގަނޑުމެން މިވަގުތު ގުނަމުން މިދަނީ ރަމަޟާންމަހުގެ ފަހު ދިހައިގެ ދުވަސްތަކެވެ. އާދެ. ބަރަކާތްތެރި ރެއެއް އެ ރޭތަކުގައި ހިމެނިގެންވާ ދުވަސްތަކެވެ. އެހެންކަމުން ރަމަޟާންމަހުގެ އެހެންދުވަސްތަކަށް ވުރެ ބޮޑަށް މިދުވަސްތަކުގައި އަޅުކަންތަކަށް ޚާއްސަ ސަމާލުކަމެއްދޭންޖެހެއެވެ. ރަމަޟާންމަހުގެ ފަހު ދިހަދުވަހަށް މިހާ ޚާއްސަ ސަމާލުކަމެއް ދެވިފައިވަނީ އެ ދުވަސްތަކުގެ ތެރޭގައި ހިމެނޭ ބަރަކާތްތެރި ރެއެއްގެ ސަބަބުންނެވެ. އާދެ! ލައިލަތުލް ޤަދްރިއެވެ.

 

އެ ރެއަކީ މި އުއްމަތަށް މާތްﷲ ދަރުމަވަންތަ ވޮޑިގެންނެވި ޚާއްސަ ރެއެކެވެ. އެރޭގެ މާތްކަމާއި މަތިވެރިކަން އަހަރުގެ އެހެން ހުރިހާ ރޭތަކަށް ވުރެ މާތްވެފައިވެއެވެ. އެރެއަކީ ކީރިތި ޤުރުއާން ބާއްވައިލެވުނު މަތިވެރި ރެއެވެ. އާދެ! ލައިލަތުލް ޤަދްރިއެވެ. ލައިލަތުލް ޤަދްރި އާއި ބެހޭ ގޮތުން ޤުރުއާނުގައި ޚާއްސަ ސޫރަތެއް ބާވައިލައިވާފައިވެއެވެ.

ކީރިތި ޤުރުއާނުގެ سورة القدر ގެ ފުރަތަމަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

إِنَّا أَنزَلْنَاهُ فِي لَيْلَةِ الْقَدْرِ ‎﴿١﴾‏

މާނައީ: ހަމަކަށަވަރުން، ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީ ليلةالقدر ވިލޭރޭގައެވެ.

 

އެހެންކަމުން ޤުރުއާން ބާވައިލެއްވުނު މަތިވެރި ރެއަކީ ލައިލަތުލް ޤަދްރިކަން އެނގިގެންދެއެވެ. ابن عبَّاس ވިދާޅުވެފައިވެ އެވެ. “ޤުރުއާން އެކުއެކީގައި اللوحُ المَحفُوظ  (ލަވްޙުޟް މަޙްފޫޟު) އިން بَيت العِزّة (ބައިތުލް ޢިއްޒަ) އަށް (ދުނިޔޭގެ އުޑަށް) އެއްފަހަރާ ބާވައިލެއްވުނެވެ. އަދި އެއަށްފަހު، 23 އަހަރުދުވަސް ތެރޭގައި އެކިއެކި ޙާދިޘާތަކާއި އެކިއެކި ދުވަސްތަކުގެ މަތިން ރަސޫލުﷲ ސައްލައްﷲ ޢަލައިހިވަސައްލަމައަށް އަށް ބާވައިލެއްވުނެވެ.” بَيت العِزّة (ބައިތުލް ޢިއްޒަ) އަށް (ދުނިޔޭގެ އުޑަށް) އެއްފަހަރާ ޤުރުއާން ބާވައިލެއްވުނީ لَيْلَةُ القَدر ގައެވެ.

 

ހަމައެސޫރަތުގައި لَيْلَةُ القَدر މާތްކަމާއި ބެހޭ ގޮތުން سورة القدر ގެ ތިންވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާ އަންގަވާފައިވެއެވެ.

لَيْلَةُ الْقَدْرِ خَيْرٌ مِّنْ أَلْفِ شَهْرٍ ‎﴿٣﴾‏

މާނަ: ”ليلةالقدر ވިލޭރޭ، އެއްހާސް މައްސަރަށްވުރެ ހެޔޮކަން ބޮޑެވެ.“

ނިކަން ވިސްނަވާށެވެ. 1000 މައްސަރަކީ 83 އަހަރަށްވުރެ ގިނަ ދުވަހެވެ. އެހެންކަމުން އެންމެ ރެއެއްގައި ކުރެވޭ އަޅުކަމުގެ ސަބަބުން އިންސާނާގެ މުޅި އުމުރުގައި އޭނާކުރި ހެޔޮ ޢަމަލުތަކަށް ވުރެ ގިނަ ދަރުމައާއި ޘަވާބު ހޯދުމުގެ ފުރުޞަތު އޭނާއަށް އެ ރޭގައި ލިބިގެންދެއެވެ. އެހެންކަމުން އެރޭ ވީ އެންމެ ގިނައިން ހެޔޮ ޢަމަލުތައްކޮށް ދަރުމައާއި ޘަވާބު ލިބިގަނެވޭތޯ މަސައްކަތްކުރަންޖެހެއެވެ.

أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ގެ ކިބައިން އިމާމް ބުޚާރީ އާއި މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘެއްގައިވެއެވެ.

عَنْ أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ:(_مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ) رواه البخاري (1901)، ومسلم (759)

“ “لَيْلَةُ القَدر ވިލޭރޭގައި، ﷲއަށް އީމާންވެ، އެރޭގެ ޘަވާބާއި ދަރުމަ ﷲގެ ޙަޟުރަތުން ލިބުމަށްއެދި އަޅުކަމުގައި ޤާއިމްވެއްޖެ މީހާއަށް އޭނާގެ އިސްވެގޮސްފައިވާ ފާފަތައް ﷲ ފުއްސަވައިދެއްވާނެ އެވެ.“

 

އެރޭގެ މާތްކަން އެނގިގެންދާ އަނެއް ސަބަބަކީ އެރެއަކީ މާތްﷲ ގެ އަމުރުފުޅާއި އެކު ޖިބްރީލްގެފާނާއި މަލާއިކަތް ބޭކަލުން ދުނިޔޭގެ ބިމަށް ފައިބައި ވަޑައިގަންނަވާ ރެއަކަށް ވާތީއެވެ. އަދި فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާންދެން،  ސަލާމަތާއި އަމާންކަން ލިބިގެންވާ ރެއަކަށް ވާތީއެވެ.

ކީރިތި ޤުރުއާނުގެ سورة القدر ގެ ހަތަރުވަނަ އާޔަތާއި ފަސްވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ.

تَنَزَّلُ الْمَلَائِكَةُ وَالرُّوحُ فِيهَا بِإِذْنِ رَبِّهِم مِّن كُلِّ أَمْرٍ ‎﴿٤﴾‏ سَلَامٌ هِيَ حَتَّىٰ مَطْلَعِ الْفَجْرِ ‎﴿٥﴾‏

މާނަ: ”ملائكة ންނާއި، جبريل ގެފާނު އެބޭކަލުންގެ ވެރިރަސްކަލާނގެ إذن ފުޅާއެކު، ހުރިހާ أمر ފުޅަކާއިގެން އެރޭ ފައިބައިވަޑައިގަންނަވާނެތެވެ.

އެއީ فجر ގެ އަލިކަން ފާޅުވެއްޖައުމަށްދާނދެން، أمان ކަމާއި، ސަލާމަތްކަން ލިބިގެންވާ ރެޔެކެވެ.“

 

أَبِي هُرَيْرَةَ رَضِيَ اللَّهُ عَنْهُ ގެ ކިބައިން ރިވާވެގެންވާ ޙަދީޘް ބަސްފުޅެއްގައިވެއެވެ.

”وإن الملائكة تلك الليلة أكثر في الأرض من عدد الحصى “ .

“ހަމަކަށަވަރުން އެ ރޭގައި ބިންމަތީގައިވާ ގާކޮޅުތަކުގެ ޢަދަދަށްވުރެ ގިނައިން ބިންމައްޗަށް މަލާއިކަތުން ފައިބައިވަޑައިގަންނަވާނެ އެވެ.“

 

އާދެ! ލައިލަތުލް ޤަދްރި ވަނީ ރަމަޞާންމަހުގެ ފަހު ދިހައިގެ އޮނަހިރި ރޭތަކުގެ ތެރޭގައި ކަމުގައި ވުން ގާތްކަން ބޮޑުކަމުގައި ޢިލްމުވެރިން ދެކެލައްވައެވެ. އޭގެ މާނައަކީ 21، 23، 25، 27، 29 ފަދަ ރޭތަކުން ރެއެއް ލައިލަތުލް ޤަދްރި ކަމުގައިވުން ބޮޑެވެ. މިއީ ޝާފިޢީ މަޛްހަބު، ޙަންބަލީ މަޛްހަބު އިޚްތިޔާރު ކުރައްވާ ގޮތެވެ. އަދި މާލިކީ މަޛްހަބުގައިވެސް އެފަދަ ބަސްފުޅެއް އައިސްފައިވެއެވެ. އަދި އިބްނު ތައިމިއްޔާ، އައްޞަންޢާނީ، އިބްނު ބާޒް އަދި އިބްނު އުޘައިމީން (رحمهم الله الجميع) އިޙްތިޔާރުކުރައްވަނީ މިގޮތެވެ. އެހެންކަމުން ރަމަޟާންމަހުގެ ފަހު ދިހައިގެ ތެރެއިންވެސް އޮނަހިރި ރޭތަކުގައި ގިނަވަގުތު އަޅުކަމުގައި ހޭދަކުރުން މުހިންމެވެ.

 

ލައިލަތުލް ޤަދްރިއަކީ އެރެއެއްގައި ދުޢާ އިޖާބަކުރެއްވޭނެކަމުގައި އެންމެ ބޮޑަށް ބެލެވޭ ރެއެވެ. އެހެންކަމުން އެރޭ ގިނައިން ދުޢާކުރުން އެދެވިގެންވެއެވެ. މާތް ﷲ އެކަމަނާއަށް ރުއްސުންލެއްވި ޢާއިޝަތުގެފާނު ވިދާޅުވިއެވެ. “ލައިލަތުލް ޤަދްރިއަކީ ކޮން ރެއެއްކަން ތިމަންކަމަނާއަށް އެނގިވަޑައިގަންނަވާނަމަ އެރޭ ތިމަންކަމަނާ ވިދާޅުވާންވީ ކޮން ޛިކުރެއްތޯ ސުވާލު ދެންނެވުމުން ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ.

(قُولِي: اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي)

މާނައީ: ”ކަމަނާ މިފަދައިން ވިދާޅުވާށެވެ.“ ”اللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّي“ (އޭ ﷲ އެވެ. އިބަ ﷲ އީ ގިނަގިނައިން ޢަފޫކުރައްވާ، ޢަފޫ ކުރެއްވުމަށް ލޯބިކުރައްވާ އިލާހެވެ. މިއަޅާއަށް ޢަފޫކޮށްދެންވާނދޭވެ!)

 

މީގެއިތުރުން އެ ރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް އެދި ރަމަޟާންމަހުގެ ފަހު ދިހައިގައި ޢިޢުތިކާފްކުރުމަކީ ވެސް މުހިންމުކަމެކެވެ.   އެހެނީ ليلةالقدر ވިލޭ ޙާޞިލްކުރުމަށް އެދިވަޑައިގެން ރަސޫލާ صلى الله عليه وسلم ފަހު ދިހައިގައި އިޢުތިކާފުކުރެއްވިއެވެ. ހަަމައެެހެންމެ އެ ރޭތަކުގައި ރޭ އަޅުކަން ކުރުމާއި ގިނަގިނައިން ޤުރުއާން ކިޔެވުމާއި ޞަދަޤާތްކުރުމާއި މީހުންނަށް ހެޔޮ ފޯރުވުމަކީ އެރޭގެ ދަރުމައާއި ޘަވާބު ހޯދުމަށް އެދިގެން ކުރެވިދާނެ ކަންކަމެވެ. ބުއްދިވެރީންނަކީ އެ ރޭ ފާއިތުވެ ދިއުމުގެ ކުރީން އެ ރޭ ޙާޞިލްކުރުމަށް ގަދައަޅައި މަސައްކަތްކުރާ މީހުންނެވެ. މިއީ އުޚްރަވީ ޙަޔާތަށް އިންވެސްޓުކުރަން އެންމެ ފައިދާ ބޮޑު ރެއެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.