ADVERTISEMENT

ދިވެހި ޤައުމިއްޔަތަކީ ނަފުރަތުކަމަށް މީހަކު އެ ބުނާ، ވާހަކައާއި ދޮން މޭބިސްކަދުރަކީ ހުތް އެއްޗެއް ކަމަށް ހިޔަޅު ބުނި ވާހަކައާ އެއްފަދަ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ

31 މާރޗް 2024

ދިވެހި ޤައުމިއްޔަތަކީ ނަފުރަތުކަމަށް މީހަކު އެ ބުނާ، ވާހަކައާއި ދޮން މޭބިސްކަދުރަކީ ހުތް އެއްޗެއް ކަމަށް ހިޔަޅު ބުނި ވާހަކައާ އެއްފަދަ ކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެ.
މިނިސްޓަރ އާދަމް ނަސީރު އިބްރާހީމް މިރޭ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައި ވަނީ، ދިވެހި ޤައުމިއްޔަތަކީ ނަފުރަތުކަމަށް މީހަކު އެ ބުނާ، ވާހަކައާއި ދޮން މޭބިސްކަދުރަކީ ހުތް އެއްޗެއް ކަމަށް ހިޔަޅު ބުނި ވާހަކައާ އެއްފަދަ ކަމަށެވެ.
ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ ދިވެހި ޤައުމިއްޔަތުގެ ސިފަ ހުތުރު ކުރެއްވުމަށް ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވާހަކަފުޅު ދައްކަވާފައިވާ ދަނޑިވަޅެއްގައެވެ.
ޙަޤީޤީ ޤައުމިއްޔަތަކީ 4000 އަހަރު ދިވެހީން މި ރާއްޖެ އަމިއްލަ މިނިވަން ޞުލްޙަވެރި ޤައުމެއްގެ ގޮތުގައި ދެމެހެއްޓި މާތް ހަރުދަނާ ސިފަތައް ކަމަށާއި، އެ ގޮތުގައި ދެމިތިބުމުގެ ވިސްނުން ކަމުގައި ވެސް އެކްސްގައި ކުރެއްވި ޓުވީޓުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ކުރިއަށް އޮތް ރައްޔިތުން މަޖްލިސް އިންތިޚާބުގެ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ޝާހިދު ވިދާޅުވީ ޑރ. މުޢިއްޒު ވެރިކަމަށް ވަޑައިގަތީ ޤައުމިއްޔަތުގެ ރޫޙެއް އުފެއްދެވުމަށާއި، ވަޠަނީ ބޭފުޅެއްގެ ގޮތުގައި ދައްކަވަމުން ކަމަށް ވީ ނަމަވެސް، ދައްކަވަމުން ގެންދެވީ އޮޅުންސުވާއްޔެއް ކަހަލަ އެއްޗެއް ކަމަށެވެ. އެއީ ބުހުތާން ދޮގު ތަކެއް ކަމަށާއި، އޮޅުވާލުމެއް ކަމަށާއި، އަދި އެދޮގުތައް ފަޅާއަރުމުންދާ ކަމަށެވެ.
މި ވާހަކަފުޅުގައި އަބްދުﷲ ޝާހިދު އިތުރަށް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒު ގެންނަވަން އުޅުއްވާ ޤައުމިއްޔަތަކީ ނަފްރަތާއި، ދޮގާއި ފިތުނާއިގެ ޤައުމިއްޔަތެއް ކަމަށާއި، މުޅި ވެރިކަން ބިނާ ކުރައްވަން ބޭނުންފުޅު ވަނީ ބައިބައި ކުރެއްވުމެއްގެ މައްޗަށް ކަމަށެވެ.
އަދި ދިވެހިން ތެރެއިން އެއް ބަޔަކީ ދިވެހި ރައްޔިތުން ނޫން ކަމަށް ކަނޑައެޅުމަށް ބޭނުންފުޅު ވާ ކަމަށް ވިދާޅުވެ ރައީސަށް ފާޑުވިދާޅުވިއެވެ.
ޑރ މުޢިއްޒުގެ ވެރިކަމުގެ ފަލްސަފާތައް ޤަބޫލުކުރާ މީހުންނަކީ ދިވެހި ރައްޔިތުން ނޫން ކަމަށް ފާޅުގައި ބުނަމުންދާ ބަޔަކުމި ސަރުކާރުގެ އިސް ސަފުގައި ތިބި ކަމަށާއި، އެފަދަ ވާހަކަތަކަށް ރައީސް ތާޢީދު ކުރައްވާ ކަމަށް ތުހުމަތު ކުރެއްވިއެވެ.
ނަފްރަތާއި، ދޮގާއި ފިތުނާއިގެ ޤައުމިއްޔަތު އުފެއްދުމުގެ ބައިވެރިއެއް ކަމަށާއި އޭގެ އިންމެ އިސް ޖަޑިބަކީ ރައީސް ޑރ. މުޢިއްޒުކަމަށް ވަނީ ވިދާޅުވެފައެވެ.
ޤައުމިއްޔަތާއި ބެހޭ ގޮތުން ދޮގު މާނައިގައި އަބްދުﷲ ޝާހިދު ވާހަކަފުޅު ދެއްކަވާފައިވާ އިރު، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޤައުމިއްޔަތާއި މެދު ދެކެވަޑައިގަންނަވާ ތަޞައްވުރަކީ އެ ދެއްކެވި ވާހަކަފުޅާއި މުޅީން ދުރު ވިސްނުންފުޅެކެވެ. އެއީ ދިވެހިންނަކީ ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހި ކާބަފައިން ފަދައިން އެކަކު އަނެކަކަށް ހެޔޮ، އިސްލަމީ ދީނުގައި ދެމިތިބޭ އަދި ދީލަތީ ޤައުމެއް ކަމުގައި ވުމާއި، އަދި ދިވެހީންނަކީ ދިވެހި ޤައުމާއި އެއްކޮޅަށް ކުރެވޭ ކަންތައްތަކާއި ދެކޮޅަށް ކުރެވޭ ކަންތައްތައް ވަކި ކުރަން އެނގޭ ބަޔަކަށް ވުމެވެ. އަދި ހަމަ މިފަދައިން ދިވެހީންނަކީ ދިވެހީންނަށާއި އެހެން އިންސާނުންނަށް އަޅާލާ އަޚްލާޤް ރަނގަޅު ބަޔަކަށް ވެގެން ދިޔުމަކީ ވެސް ރައީސް ޑރ. މުޢިއްޒު ޤައުމިއްޔަތާއި މެދު ކެދެވަޑައިގަންނަވާ ތަޞައްވުރުގެ މުޙިންމު ބަހާތަކެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.