ADVERTISEMENT

ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޔަޤީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން – ދިރާސާ


ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޔަޤީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68 އިންސައްތަ މީހުން ކަމަށް ހިއުމަން ރައިޓސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

 

ގްރޭޓަރ މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތައް ހިމެނޭހެން ކުރެވުނު މި ސަރވޭ ކުރެވިފައިވަނީ 1 މާރޗް އިން 9 މާރޗްއަށެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން ކުރިއަށް ގެންދިޔަ މި ސަރވޭއަކީ ގާނޫނު ނަންބަރު 6/2006 (ހިއުމަން ރައިޓްސް ކޮމިޝަންގެ ޤާނޫނު) ގެ 2 ވަނަ މާއްދާގެ (ހ) އަދި (ށ) އާއި އެ ޤާނޫނުގެ 20 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ މަޤްޞަދުތަކާއި މަސްއޫލިއްޔަތުތައް އަދާކުރުމުގެ ގޮތުން، އިންތިޚާބުތަކަށް ކުރިމަތިލުމުގެ
ޙައްޤާއި ވޯޓު ދިނުމުގެ ޙައްޤު އަދި މި ނޫންވެސް އިންތިޚާބާ ގުޅުންހުރި އެންމެހައި ޙައްޤުތައް ލިބިދީފައިވާ މިންވަރު ދެނެގަތުމަށް އިންތިޚާބުތައް މޮނިޓަރކުރުމަކީ އެ ކޮމިޝަނުން ކުރަމުންދާ މަސައްކަތެކެވެ.

 

އެގޮތުން ފާއިތުވެދިޔަ އިންތިޚާބުތަކުގެ މޮނިޓަރިންގ މަސައްކަތްތަކުންނާއި ކަމާ ގުޅުންހުރި އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުންނާއި މީޑިއާ މޮނިޓަރިންގގެ މަސައްކަތްތަކުގެ ތެރެއިން ނިޒާމާ ގުޅޭ ގޮތުން އާންމުންގެ ތެރޭގައި ކަންބޮޑުވުންތައް ހުރިކަން ފާހަގަކުރެވިފައިވާތީ އެ ކަންކަމާ ގުޅޭ ގޮތުން ތަފާސްހިސާބު ނެތުމާއި ސިސްޓެމަޓިކް އުސޫލެއްގެ ތެރެއިން މި މައުލޫމާތު އެއްކުރެވިފައި ނުވާތީ އިންތިޚާބީ މާހައުލާއި އިންތިޚާބާއި ގުޅުންހުރި ނިޒާމީ މައްސަލަތަކާ މެދު އާންމުންގެ ޚިޔާލު ހުރިގޮތް ދެނެގަތުމަށްޓަކައި ކުރެވިފައިވާ ސަރވޭއެކެވެ.

 

މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދުތަކެއް ހިމެނޭހެން ހަދާފައިވާ މި ސަރވޭގައި ޖުމްލަ 1174 މީހުން ބައިވެރި ވެފައިވެއެވެ. މީގެ ތެރޭގައި ހިމެނެނީ 642 (55%) އަންހެނުން ނާއި 532 (45%) ފިރިހެނުންނެވެ. ސަރވޭގެ ބައިވެރިންގެ ތެރޭގައި 18 އަހަރާއި 25 އަހަރާއި ދެމެދުގެ 15% މީހުން، ޒުވާނުންގެ އާބާދީގެ އުމުރުފުރާ ( 18 އަހަރާއި 35 އަހަރާއި ދެމެދު) ގެ 49% މީހުން މައުލޫމާތު ދީފައިވެއެވެ.

 

18 އަހަރާއި 25 އަހަރާއި ދެމެދުގެ އާބާދީގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އަލަށް ވޯޓުލާ އާބާދީއެވެ. ސަރވޭގެ 36% މީހުންނަކީ 36 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންނެވެ. އަދި 56 އާއި 65 އާއި ދެމެދުގެ އާބާދީގެ 8% މީހުން ހިމެނޭއިރު ސަރވޭގެ ބައިވެރިންގެ 6% އަކީ 65 އަހަރުން މަތީގެ މީހުންނެވެ. އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ 74 މީހުން (6%) މީހުން ސަރވޭއަށް މައުލޫމާތު ދީފައިވެއެވެ.

 

ސަރވޭގެ ބައިވެރިންގެ ތެރެއިން ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ޔަޤީންކަމާއެކު ވޯޓުލާނެކަމަށް ބުނެފައިވަނީ 68% މީހުންނެވެ. 19% މީހުން އަދި ގޮތެއް ނުނިންމާކަމަށާއި 13% މީހުން ވޯޓު ނުލާނެކަމަށް މައުލޫމާތު ދީފައިވެއެވެ. މި ކަމާމެދު އަންހެނުންނާއި ފިރިހެނުންގެ ޤަބޫލުކުރުންތަކުގައި ތަފާތެއްނެތްކަން ފާހަގަކުރެވިފައިވެއެވެ.

 

އެކި އުމުރުފުރާތަކަށް ބަލާއިރު ވޯޓު ލާނެކަމަށް 65 އަހަރުން މަތީގެ މީހުންގެ ތެރެއިން 85% އާއި ގާތްކުރާ އަދަދަކަށް މީހުން ބުނެފައިވާއިރު ޒުވާނުންގެ އާބާދީގައި މި އަދަދު 60% އަށް ދަށްވުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. ޕްރ-ިއިލެކްޝަން ދަތުރުތަކުގެ ބައްދަލުވުންތަކާއި ކަމާގުޅޭ އަލަށް ވޯޓުލާ ފަރާތްތަކާއި ޒުވާނުން އިންތިޚާބުތަކަށާއި 1 އިދާރާތަކާއެކު ބޭއްވުނު ބައްދަލުވުންތަކުގައިވެސް އިންތިޚާބުކުރެވޭ ފަރާތްތަކަށް ކުރާ އިތުބާރު ދަށްވަމުން ދާކަން ފާހަގަކޮށްފައިވެއެވެ.

 

މާލެ އާއި އަތޮޅުތަކަށް ބަލާއިރު ގްރޭޓަރ މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުގެ 78% މީހުން ވޯޓު ލާނެ ކަމަށް ބަޔާންކޮށްފައިވާއިރު އަތޮޅުތެރޭގައި މި އަދަދު 52% އަށް ދަށްވެފައިވެއެވެ.

 

ވޯޓުލުމާ މެދު ގޮތެއް ނުނިންމާ މީހުންނާއި ވޯޓުނުލާނެ ކަމަށް ބުނެފައިވާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ އިންތިޚާބުކުރެވޭ މެންބަރުންނަށް އިތުބާރު ނެތުމެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތަށް އިތުބާރު ނެތުމާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކުން ތިމާގެ ދިރިއުޅުމަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޤަބޫލުނުކުރެވުމަކީ އެ ފަރާތްތަކުން ވޯޓުލުމާމެދު ގޮތެއް ނުނިންމާ ސަބަބުތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ
ކަންކަމެވެ.

 

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް މީހަކު އިޚްތިޔާރުކުރާއިރު ރައްޔިތުން އެންމެ ބޮޑަށް އިސްކަންދެނީ ވާދަކުރާ ކެންޑިޑޭޓެއް ދާއިރާއަށް ގެންނަން ހުށައަޅާ ތަރައްޤީއަށް ކަމުގައި 34% މީހުން ފާހަގަކޮށްފައިވެއެވެ. އިންތިޚާބު ކުރެވޭ މީހާގެ ޤާބިލުކަމަށް 31% ފަރާތްތަކުން އިސްކަންދޭއިރު ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ދާއިރާއަކުން ތަޢުލީމު ޙާޞިލުކޮށްފައިވާ މީހަކަށް އިސްކަންދޭކަމަށް ބުނެފައިވަނީ 16% މީހުންނެވެ.

 

މީގެ އިތުރުންވެސް އަމިއްލަ ރަށުގެ ކެންޑިޑޭޓަކަށްވުމާއި ތާޢީދުކުރާ ޕާޓީގެ ކެންޑިޑޭޓަކަށްވުމާއި އާއި ލާއިން ތާއީދުކުރާ ކެންޑިޑޭޓަކަށް ވުމަށް 5% އާ ގާތް އަދަދެއްގެ ފަރާތްތަކުން އިސްކަންދޭ ކަމަށް ސަރވޭއިން ދައްކައެވެ. 18 އަހަރާއި 25 އަހަރާއި ދެމެދުގެ އާބާދީގެ ތެރެއިން 13% މީހުން އާޢިލާއިން ތާއީދުކުރާ ކެންޑިޑޭޓަކަށް އިސްކަންދޭކަން ފާހަގަކޮށްފައިވެއެވެ. މީގެ ތެރެއިންވެސް އެ އުމުރުފުރާގެ އަންހެނުންގެ ތެރެއިން އާޢިލާއިން ތާޢީދުކުރާ ކެންޑިޑޭޓަކަށް
އިސްކަންދޭ ނިސްބަތް ގިނަކަން (17%) ފާހަގަކުރެވިފައިވެއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.