ADVERTISEMENT

ސައީދުގެ ރައްދު ޔާމީނަށް: ރާއްޖެއަށް ދިމާވެފައިވާ އެއްމެ ބޮޑު އެއް މައްސަލައަކީ ވެރިކަންކޮށް ފައިބާ ފަރާތްތަކަށް އެހެން ވެރިއަކު ވެރިކަންކުރާ މަންޒަރު ހަޖަމް ނުވުން


ރާއްޖެއަށްދިމާވެފައިވާ އެއްމެބޮޑު އެއްމައަސަލައަކީ ވެރިކަންކޮށް ފައިބާފަރާތްތަކަށް އެހެންވެރިއަކު ވެރިކަންކުރާމަންޒަރު ޙަޖަމްނުވުން ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު ރައްދު ދެއްވައިފިއެވެ.

 

އިކޮނަމިކް މިނިސްޓަރ މުހައްމަދު ސައީދު މިފަދައިން ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ތާއިދާއެކު މަޖިލީހަށް ނުކުންނަ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގެ ގޮތުން ޕީއެންއެފްގެ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ރައީސް ޔާމީން ދެއްކެވި ވާހަކަތާއި ގުޅިގެންނެވެ.

 

ޕީޕީއެމްގެ ތެރޭގައި އުފެދުނު ހިޔާލު ތަފާތުންވަތާއެކު އެ ޕާޓީން ވަކިވެވަޑައިގެން އިސްވެ ހުންނަވައި އުފެއްދެވި ޕީއެންއެފްގެ ބައްދަލުމުގައި ރައީސް ޔާމީން ވިދާޅުވީ ސަރުކާރުގެ ހުރިހާ ބޮޑެތި ކެޕިޓަލް މަޝްރޫއުތައް ހުއްޓާލާފައި އޮތީމާ ޑޮލަރަށް ދުވާ ދިވެހި ފައިސާ މިވަގުތު މަދު ކަމަށެވެ. އެހެންވީމާ އިމްޕޯޓް ކުރާ މީހުންނަށް ޑޮލަރު ވެސް ލިބޭ ކަމަށާއި، އެއީ އެމްއެމްއޭއަކަށް އެހެން ޕުރެޝަރެއް ނާންނަ ކަމަށެވެ. އަދި ކޮމާޝަލް ބޭންކްތަކަށް ޕްރެޝަރެއް ނާންނަ ކަމަށާއި، ސަރުކާރުގެ ބޮޑެތި މަޝްރޫއުތައް ހިންގުމަށް ފައިސާ ހޯދާކަށް ނާންނަ ކަމަށެވެ.

 

ރައީސް ޔާމީން ވިދާޅުވީ މި ސަބަބުތަކާ ހުރެ ޑޮލަރު ލިބޭތީ ތަކެތީގެ އަގުތައް މާ ބޮޑުތަން އުފުލިގެން ނުގޮސް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ހުރިހާ މަޝްރޫއުތައް ހިފަހައްޓާފައި އޮތީމުންވެސް ޑޮލަރުގެ އަގު ބޮޑުނުވާނެ ކަމަށެވެ.

 

ރައީސް ޔާމީންގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ރައީސް ޔާމީންގެ ވެރިކަމުގައި ވެސް އިކޮނަމިކް މިނިސްޓަރުކަން ކުރެއްވި މުހައްމަދު ސައީދު ވިދާޅުވީ ޑޮލަރުގެ އަގު އަދިވެސް ދާނީ ދަށަށް ކަމަށެވެ. އެކަން އެހެންވަނީ ރައީސް މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ. އަދި ހުއްޓިފައިވާއެތައް މަޝްރޫޢުތަކެއް ދަނީ އެއްވެސް ވެރިކަމެއްގައި މިހާ ކުރީކޮޅު ކުރިއަށް ނުދާ ބާރުމިނުގައި ކުރިއަށް ކަމަށެވެ.

 

ސައީދު ވިދާޅުވީ ޤައުމުގެ މާލީހާލަތު އޮތީ މީގެކުރީން ވެރިކަމެއް ބަދަލުވެ އައު ސަރުކާރަކާއި ޤައުމު ހަވާލުވިއިރު އޮތް އެއްމެ ނުރައްކާތެރި ޙާލަތުގައި ކަމަށާއި، އެއީ ހަގީގަތް ކަމަށެވެ. ރާއްޖެއަށް ދިމާވެފައިވާ އެއްމެބޮޑު އެއްމައަސަލައަކީ ވެރިކަންކޮށް ފައިބާފަރާތްތަކަށް އެހެންވެރިއަކު ވެރިކަން ކުރާ މަންޒަރު ޙަޖަމްނުވުން ކަމަށް ސައީދު ވިދާޅުވިއެވެ.

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.