ADVERTISEMENT

ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވާލަނީ

03 އޭޕްރިލް 2024

ޖުމްހުރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާ ހަވާލުވެހުންނެވި މިނިސްޓަރު އާދަމް ޝަރީފް އުމަރު ރޭ ވިދާޅުވެއްޖެއެވެ.

 

މިކަމާ ގުޅިގެން މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޖުމްހުރީ މައިދާނުގައި ހަލާކުވެ ވީރާނާވަމުން ދިޔަ ފެންއަރުވާ ވަޑާން މަރާމާތުކޮށް ކުޑަ އީދަށް ހުޅުވާލުމުގެ މަސައްކަތަކީ ރައީސް މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމެއްގެ މަތިން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އެގޮތުން މި މަސައްކަތް ބާރަށް ކުރިއަށް ދާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

ޖުމްހުރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން ހުޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އޭރު ރައީސް މުއިއްޒު ހުންނެވީ ހައުސިން މިނިސްޓަރުގެ މަގާމުގައެވެ.

އެހެންނަމަވެސް، އެތަން ހަލާކުވެ ބޭނުންނުކޮށް ހުންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

 

މީގެކުރިން މާލޭ ސިޓީގެ މޭޔަރު ކަމުގައި ހުންނަވައި ރައީސް މުއިއްޒު ވަނީ، ކުރީގެ ސަރުކާރުން އެއްވެސް ވަރަކަށް ފެންއަރުވާ ވަޑާން ބަލަހައްޓާފައި ނުވާ ކަމަށް ވިދާޅުވެފައެވެ. އަދި އެ ތަން މަރާމާތު ކުރުމުގެ މަސައްކަތް ކައުންސިލުން ވެސް އޭރު ކުރިއެވެ.

 

ފެންއަރުވާ ވަޑާމަކީ އެމްޓީސީސީ އިން ހަދާފައިވާ ބިނާއެކެވެ. މިނިސްޓަރު މީގެ ކުރިން ވިދާޅުވިފައިވާ ގޮތުގައި އެތަން މަރާމާތު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދަނީ އެމްޓީސީސީ އިންނެވެ. އެ ފެންއަރުވާ ވަޑާމަކީ ރާއްޖޭގެ އެކުވެރިކަން ދައްކުވައިދޭ ބިނާއެކެވެ.

 

 

 

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.