ADVERTISEMENT

ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރަނީ


ފުވައްމުލައް ސިޓީގެ އެއަރޕޯޓާއި އިންވެގެން އޮތް ހުސްބިން ފަތުރުވެރިކަމަށް ތަރައްގީކުރުމުގެ ފަހުމުނާމާގައި ފުވައްމުލައް ސިޓީ ކައުންސިލާއި، ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްއާއި ދެމެދު ސޮއިކޮށްފިއެވެ.

 

ފުވައްމުލައް އެއަރޕޯޓް ބެލެހެއްޓުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ރީޖަނަލް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އާރްއޭސީއެލް) އާއި ދެމެދު މިފަހުމުނާމާގައި ސޮއިކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ފުވައްމުލައް ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރައްވާފައިވަނީ ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީޤްއެވެ. އަދި އާރްއޭސީއެލްގެ ފަރާތުން ސޮއި ކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު މުބީންއެވެ.

 

މިފަހުމުނާމާގައި ވާގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ފުވައްމުލައް އެއަރޕޯޓްގެ ރަންވޭއާއި އިންވެގެން އޮތް ހުސްބިންތަކާއި ގުޅޭގޮތުން އާރްއޭސީއެލްއާއި މައުލޫމާތު ހިއްސާކުރަންވާނެއެވެ. އާރްއޭސީއެލް އިން މިފަހުމުނާމާ ގައި އެއްބަސްވެފައިވާ ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަމަށް އެސަރަހައްދު ހުޅުވާލުމުގެ ކުރިން ކުރަންޖެހޭ ސާރވޭ ހެދުމުގެ މަސައްކަތުގައި ކައުންސިލްއަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ.

 

މީގެ އިތުރުން އެސަރަހައްދުގައި ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ހިންގާ މަޝްރޫއުތައް ރާވައި، އެކަމާއި ގުޅޭ މަޝްވަރާކުރުމަށް ދެފަރާތުންވެސް ގުޅިގެން މަސައްކަތްކުރުމަށްވެސް މިފަހުމުނާމާގައި ފުވައްމުލައް ސިޓީ ކައުންސިލާއި އާރްއޭސީއެލްވަނީ އެއްބަސްވެފައެވެ.

 

ފުވައްމުލަކު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން، ފަތުރުވެރިކަމުގެ ފެސިލިޓީތައްވެސް ހިމެނޭހެން މުޅި އެއަރޕޯޓުގެ މާސްޓަރ ޕްލޭނެއް އެކުލަވާލުމަށް ހަމަޖެހިފައިވާކަމަށް މީގެ ކުރިން އާރްއޭސީއެލް އިން ވަނީ ހާމަކޮށްފައެވެ.

 

އަދި އެއަރޕޯޓާއި އިންވެގެންހުރި ހުސްބިންތަކުން ފަތުރުވެރިކަމަށް ގާތްގަނޑަކަށް 200 އެއްހާ އެނދު އުފެއްދިދާނެކަމަށް އެކުންފުނިން ލަފާކޮށްފައިވާއިރު އެކަމަށްހުރި ފުރުޞަތުތަކާ ގުޅޭގޮތުން މީގެކުރިންވެސް ފުވައްމުލައް ސިޓީ ކައުންސިލާއި އާރްއޭސީއެލްއާއި ދެމެދުވަނީ މަޝްވަރާކޮށްފައެވެ.

 

ކޮމެންޓް
ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.