ADVERTISEMENT

ކަޅާއި ހުދުން ކިތައްމެ ވަރަކަށްވެސް ލިޔެވިދާނެ، ނަމަވެސް ތަންފީޒުކުރާނެ ބަޔަކު ނެތެވެ.


ފޭސްބުކަށް ވަދެލައި ހަބަރުތައް ކިޔާލުމަށްޓަކައި ސްކްރީން ސްކްރޯލް ކޮށްލިތަނުން ފެނުނީ ރާއްޖޭގައި ލޯކަލް ޓޫރިޒަމް ހިންގާ ރަށަކަށް އައިސް އުޅުނު ފަތުރު ވެރިންތަކެއް ބިކިނީގައި ރަށުތެރޭގައި އުޅެނިކޮށް ނަގާފައިވާ ފޮޓޯ ތަކެކެވެ. ލޯކަލް ޓޫރިޒަމް ހިންގަން ހުއްދަދޭ ރަށްރަށުގައި ފުލުހުން ގާއިމުވެތިބޭއިރު، އެ މީހުންކުރާ ގާނޫނާ ހިލާފު މިފަދަ ކަންކަން ހުއްޓުވައި އެ މީހުން ގާތުގައި ނުވަތަ އެ މީހުންނާ ޒިންމާވެގެން ގެނެސް ތިބި މީހުންނާ ބައްދަލުކޮށް އެކަންކަން މަނާކުރުމަށް ފުލުހުން މަސައްކަތްކުރަންޖެހެއެވެ.

 

ހަގީގަތަކީ މިފަދަ މަންޒަރުތައް އާންމުވެގެން މިދަނީ ފުލުހުންނަށްވެސް މިފަދަ މަންޒަރުތައް ފެނި އެހެންނަމަވެސް ފުލުހެއްގެ ހައިސިއްޔަތުން އެކަން މަނާ ނުކުރާތީއެވެ. ފުލުހުންނަކީ ދިވެހިރާއްޖޭގެ ގާނޫނުތައް ނެގެހެއްޓުމުގެ އެންމެ މަތީ ވާޖިބު ހަވާލުކުރެވިފައިވާ ފަރާތެވެ. އެހެންކަމުން މުޖުތަމުން ފެންނަ މިފަދަ ކަންކަން ފުލުހުން މަނާ ނުކުރާއިރު އާންމު ރައްޔިތު މީހާއަށް މިކަންކަން މަނާ ކުރަން ކެރޭނެބާއޭ މިއީ އުފެދޭ ސުވާލެކެވެ.

 

ދިވެހިން ދިރިއުޅޭ ރަށްރަށުގައި ނޭނގި ނަމަވެސް ފަތުރުވެރިން އެކުރަނީ ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފު ކަމެކެވެ. އެކަންކަމުގައި ޒިންމާވާ ފަރާތްތަކާ މެދު އަމަލުކުރެވިދާނެ ގޮތް ގާނޫނުތަކާއި ގަވާއިދުތަކުގައި ލިޔެފައި އެބަހުއްޓެވެ. ރަށުތެރެއިން ފުލުހުންނަށް ފެންނަ މިފަދަ މަންޒަރުތައް ހުއްޓުވަން ފުލުހެއްގެ ހައިސިއްޔަތުން މަސައްކަތް ނުކުރުމަކީ ފުލުހެއްގެ ހައިސިއްޔަތުން ފުލުހެއްގެ ޒިންމާ އަދާނުކުރުން ކަމަށް ދެކެމެވެ. މީ ވަރަށް ވެސް ދެރަކަމެކެވެ.

 

ދިވެހިރާއްޖޭގައި ޓޫރިސްޓް ގެސްޓުހައުސް ހިންގުމާ ބެހޭ ގަވާއިދުގައިވެއެެވެ. ”ޓޫރިސްޓް ގެސްޓްހައުސްތަކުގައި ތިބޭ ޓޫރިސްޓުން ގެސްޓްހައުސްގެ އޮފީސް ނުވަތަ ރިސެޕްޝަން އޭރިއާފަދަ އާންމުކޮށް މުވައްޒަފުންއުޅޭ ހިސާބަށް އަންނައިރު އަދި ގެސްޓްހައުސް ހުރި ރަށުތެރެއަށް ނުކުމެއުޅޭއިރު ނުވަތަ މީހުން އުޅޭ ރަށްރަށަށްދާއިރު ހެދުންއަޅަންވާނީ އެކަމާބެހޭ ގަވާއިދުގައި ކަނޑައެޅިފައިވާ މިންގަނޑުތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ. އެގޮތުން ފިރިހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓާއި ސޯޓު، އަންހެނަކުނަމަ އެންމެ ކުޑަމިނުން ޓީޝާޓް، ބްލައުޒް ނުވަތަ ގަމީހާއި ސްކާޓް ނުވަތަ ފައިގެ ފަލަމަސްގަނޑު ނިވާވާވަރުގެ ސޯޓުބުރި. ގައި ފެންނަވަރުގެ ތުނި ހެދުން ނުވަތަ މޭމަތިގައި އައްސާފައިހުންނަ ފޮތިބުރި އެއީ އެކަށީގެންވާ ހެދުމެއްކަމުގައި ނުބެލެވޭނެއެވެ.“

 

ގަވާއިދުގައިވާ އެއްޗެއް ކިޔައިލުމުން އެނގިގެން މިދަނީ އާންމުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިކަން ކުރަމުންދަނީ ގަވާއިދުތަކާ ހިލާފަށްކަމެވެ. ދެން އޮތީ މިކަންކަން ބަލައި އިހުމާލުވާ ފަރާތްތަކާ މެދު ފިޔަވަޅެއް އެޅޭނީ ކޮންކޮން ބަޔަކަށްތޯ ބަލައިލުމެވެ. އެގޮތުން ފުރަތަމަ ވެސް އަޅުގަނޑު ކިޔާލަން ބޭނުންވީ ގާނޫނު އަސާސީގައިވާ ދިވެހި ފުލުހުންގެ މަގުސަދެވެ. އެއަށްފަހު އަލަށް ތަސްދީގު ކުރެވުނު “ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނު” އެވެ.

 

މިގޮތުން އަޅުގަނޑަށް އެންމެ ބޮޑަށް އަޅައިގަތީ ގާނޫނު އަސާސީގެ 244 ވަނަ މާއްދާގެ (ރ) ގައި އޮތް “ޤާނޫނު ނެގެހެއްޓުން” މާއްދާއެވެ. އެ މާއްދާގެ (ހ) ގައި ވަނީ ފުލުހުންގެ ޚިދުމަތުގެ މައިގަނޑު މަގުސަދަކީ ”މުޖުތަމައުގެ އަމާންކަމާއި ރައްކާތެރިކަން ދެމެހެއްޓުން” މިއެވެ. (ށ) ގައި ވަނީ ”ދިވެހިރާއްޖޭގައި އުޅޭ އެންމެހައި މީހުން ހިމާޔަތްކޮށްދީ އެބައި މީހުންގެ މުދަލާއި ގެދޮރު ރައްކާތެރިކޮށްދިނުން” މިއެވެ. ފުލުހުންގެ ޚިދުމަތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ (ހ) ގައިވަނީ ”ވަކިފަރާތަކަށް ޖެހުމެއްނެތި ޒާތީ ތަޢައްސުބުން އެއްކިބާވެ ފަސްޖެހުމެއްނެތި ހަމަހަމަގޮތެއްގައި ގާނޫނު ނެގެހެއްޓުމާއި ގާނޫނު ތަންފީޒުކުރުން” މިއެވެ.

 

ހަގީގަތުގައި ދިވެހިންގެ އިޖުތިމާއީ ފޭރާން ހަލާކުވެގެން މިދަނީ ގާނޫނާއި ގަވާއިދުތައް އެކަމަށް ތަން ނުދޭތީއެއް ނޫނެވެ. ކަމާ ގުޅުންހުރި އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުންނެވެ.

ކޮމެންޓް




ތެދުވެރިކަމާއި އިޚްލާސްތެރިކަން އިސްކޮށް ތާޒާ ޚަބަރާއި މައުލޫމާތު ރައްޔިތުންނަށް ގެނެސްދިނުމުގައި

Newsroom
Phone: 9533999
Information : [email protected]
Marketing : [email protected]
Ameen avenue teak 706, reethigas magu, Hulhumale
Republic of Maldives
© 2024 Halha All rights reserved.