އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި ރާއްޖެ އޮންނަން ޖެހޭ: ރައީސުލްޖުމްހޫރިއްޔާ

އައިޝަތު ޝިއުރާ
27 Sep 2024
ހަބަރު

އިންޑިއާ ކަނޑުގެ ބާރުތަކުގެ މެދުގައި އޮންނަ ހަމަޖެހުމަށްޓަކައި ދިވެހިރާއްޖޭގެ އިސްތިރާޖީ މުހިއްމުކަމަށް އަލިއަޅުއްވާލައްވަމުން، އިންޑިއާ ކަނޑުގެ ބާރުތަކުގެ ތަރުތީބު ކަށަވަރުކުރުމަށް، ދިވެހިރާއްޖެއަކީ ބާރުގަދަ، ފުދުންތެރި އަދި މިނިވަން ޤައުމެއްގެ ގޮތުގައި އޮންނަން ޖެހޭކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އިސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް، އެމަނިކުފާނު އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ދުނިޔޭގެ އެންމެ މަތީ ފަންތީގެ ޔުނިވަރސިޓީތަކުގެ ތެރޭގައި ގުނާލެވޭ ޕްރިންސްޓަން ޔުނިވަރސިޓީއަށް ޒިޔާރަތް ކުރައްވައި، އެ ޔުނިވަރސިޓީގެ ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް ޕޮލިސީގެ "ޑީންސް ލީޑަރޝިޕް ސީރީސް"ގައި ދެއްވި ތަޤުރީރެއްގައެވެ.

ހަލުވި ދުވެއްޔެއްގައި ރާއްޖެއަށް އަންނަމުންދާ ބަދަލުތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރާއްޖޭގެ ވާހަކައަކީ، ކާމިޔާބުކަމާއެކު ތަރައްޤީވަމުންދާ ޤައުމެއްގެ ވާހަކަ ކަމަށް ވިދާޅުވެފައެވެ. އަދި ޝާމިލު، ފުދުންތެރި މުޖުތަމަޢެއްގެ ގޮތުގައި ޤައުމު ބައްޓަންކޮށް، މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލަ ޙައްލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ބައިނަލްއަޤުވާމީ މާލީ އާކިޓެކްޗަރ އިސްލާޙުކުރުމަކީ އެ މަނިކުފާނުގެ ޢަޒުމެއްކަމަށް ވިދާޅުވާ ވިދާޅުވުން ވަނީ ތަކުރާރުކުރައްވާފައެވެ.

މޫސުމީ ކާރިސާއެއް އަޔަނުދިނުމަށްޓަކައި ދުނިޔޭގެ ފެންވަރުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު އަޑުއުފުލުމުގައި ދިވެހިރާއްޖެ އަދާކުރާ އިސް ދައުރުގެ މައްޗަށް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ. ތިމާވެށި ޙިމާޔަތްކޮށް، މޫސުމަށް އަންނަ ބަދަލުތަކާމެދު ހޭލުންތެރިކަން އިތުރުކުރުމަށް ދިވެހިން އިޚްލާސްތެރިކަމާއެކު މަސައްކަތްކުރާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ އަރުވާފައެވެ. ޑިޖިޓަލް ޓްރާންސްފޯމޭޝަނަށާއި، އާޓިފިޝަލް އިންޓެލިޖަންސް ބޭނުންކުރުމަށް ރާއްޖޭގައި މަސައްކަތްތަކެއް ކުރާނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއަދުގެ ތަޤުރީރުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖެއަށް އދ.ގެ މެންބަރުކަން މުހިއްމުވީ ސަބަބު ހަނދުމަފުޅުކޮށްއަރުވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ތަޤުރީރު ކުރިއަށް ގެންދަވަމުން، އަދުގެ ބައިނަލްއަޤުވާމީ ނިޒާމު ބިނާވެފައި އޮތް އަސާސީ އުޞޫލުތަކަކީ، ޤައުމުތަކާއި ދައުލަތްތަކުގެ މެދުގައި އިސްތިޤުލާލަށް އަދި އިސްތިޤުލާލީ ހަމަހަމަކަމަށް އިޙްތިރާމްކުރުމުގެ ސިފަ ދެމެހެއްޓުންކަމަށް ވިދާޅުވިއެވެ. އަދި ކުދި ޖަޒީރާ ޤައުމުތައް ކުރިއަރައިގޮސް، ފުދުންތެރިވުމަށް، އެ ޤައުމުތަކުގެ މިނިވަންކަމާއި އިސްތިޤުލާލު ރައްކާތެރިކުރުމުގެ މުހިއްމުކަމަށްވެސް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.

ޣައްޒާގައި ހަނގުރާމަކޮށް ނަސްލު ނައްތާލުމުގެ ޤަތުލުއާންމު ހިންގަމުން ގެންދާ މި ދަނޑިވަޅުގައި، އިސްވެ ދެންނެވި އުޞޫލުތައް ހިފަހައްޓަމުން ދިއުމަކީ އެމެރިކާގެ މުއައްސަސާތަކަށް ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ޔުނިވަރސިޓީތައް ދެމިތިބެން ވާނީ، ސުލްޙަވެރިކަމާ، ޒިންމާދާރުކަމާ، މުޖުތަމަޢަށް ލާބައާއި މަންފާ ދެނިވި، މުޒާހަރާތައް ކުރުމަށް އޮތް ޙައްޤަށް އިޙްތިރާމްކުރާ، އަދި ފިކުރާއި ޚިޔާލު ފާޅު ކުރުމުގެ ވަރުގަދަ މައިދާންތަކެއްގެ ގޮތުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މި ޒިޔާރަތަކީ ޕްރިންސްޓަން ޔުނިވަރސިޓީގެ ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއާޒް ސްކޫލްގެ އެޑްވަރޑްސް އެސް. ސެންފޯޑް ޕްރޮފެސަރ އޮފް ޕޮލިޓިކްސް އެންޑް އިންޓަރނޭޝަނަލް އެފެއާޒް، ޑީން އަމާނީ އޭ. ޖަމާލްގެ ދަޢުވަތަކަށް، "ޑީންސް ލީޑަރޝިޕް ސީރީޒް" ގެ ދަށުން ކުރެއްވި ޒިޔާރަތެކެވެ.މި ޒިޔާރަތުގައި ޑީން އަމާނީ އޭ. ޖަމާލްއާ ބައްދަލުކުރައްވައި، ދެ ފަރާތުން ގުޅިގެން މަސައްކަތްކުރެވިދާނޭ ދާއިރާތަކާމެދުވެސް މަޝްވަރާކުރެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު