ރައީސުލްޖުމްހޫރިއްޔާ އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގަންނަވަން ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައިފި

އައިޝަތު ޝިއުރާ
28 Sep 2024
ހަބަރު

އެކުވެރި ދައުލަތްތަކުގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެމެރިކާގެ ނިއުޔޯކުން ފުރާވަޑައިގެންފިއެވެ.

އދގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަން (ޔޫއެންޖީއޭ 79) ގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޑޮކްޓަރ މުޢިއްޒު ފުރާވަޑައިގަތީ ހޮނިހިރު ދުވަހުއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ، ޔޫއެންޖީއޭ 79 ގެ ޖެނެރަލް ޑިބޭޓް، ނުވަތަ ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ތަޤުރީރު ކުރައްވާފައެވެ. މީގެ އިތުރުން އެމަނިމުފާނު ވަނީ އދގެ ސަލާމަތީ މަޖިލީހުގައިވެސް ތަޤުރީރު ކުރައްވާފައެވެ. މިއީ މީގެ 59 އަހަރު ކުރިން، އދގެ މެންބަރަކަށް ދިވެހިރާއްޖެ ވީ ފަހުން، ޤައުމުގެ ރައީސް ކަމުގެ މަޤާމުގައި ހުންނެވި ބޭފުޅަކު، އދގެ ސަލާމަތީ މަޖިލީހުގެ ތަޅުމުގައި ތަޤުރީރު ކުރެއްވި ފުރަތަމަ ފަހަރެވެ.އެމެރިކާއަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ މުހިންމު މައުޟޫޢުތަކަށް އެތައް ތަޤުރީރެއް ދެއްވާފައެވެ. އަދި ޔޫއެންޖީއޭ 79ވަނަ ސެޝަންގެ ހަވާސާގައި ކުރިއަށް ދިޔަ މުހިންމު އެތައް ބައްދަލުވުމެއްގެ ރިޔާސަތުގައި ކޯ-ޗެއަރއެއްގެ ހައިސިއްޔަތުން އެމަނިކުފާނު ވަނީ އިސް ދައުރެއް އަދާކުރައްވާފައެވެ. ހަވާސާ ބައްދަލުވުންތަކުގައި ރައީސްގެ ވާހަކަފުޅުތަކާއި، ތަޤުރީރުތައް މައިގަނޑު ގޮތެއްގައި އަމާޒު ކުރެއްވީ މޫސުމީ ނޭދެވޭ ބަދަލުތައް، އިއާދަކުރަނިވި ހަކަތަ، އިޖުތިމާޢީ އަދި އިޤްތިޞާދީ ގޮންޖެހުންތަކާއި ޑިޖިޓަލައިޒް ކުރުން ފަދަ މައުޟޫޢުތަކަށެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ އެތައް ލީޑަރުންނެއް އެއްތަނަކުން އެއް ވަގުތެއްގައި ބައްދަލުކުރައްވާ، މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވުމަށް ކުރެއްވި މި ދަތުރުފުޅުގައި ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ، ޔޫއެންޖީއޭ 79ވަނަ ސެޝަންގައި ބައިވެރިވެ ވަޑައިގެންނެވުމަށް ނިއުޔޯކަށް ވަޑައިގެންނެވި އެކި ވަފުދުތަކުގެ އެންމެ އިސްވެރިންނާ ބައްދަލު ކުރައްވާ، ދޭދޭ މަޝްވަރާތައް ކުރިއަށް ގެންދަވާފައެވެ. އެގޮތުން ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ، އދގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިއޯ ގުޓޭރޭޒްއާވެސް ބައްދަލު ކުރައްވާފައެވެ. އަދި ނިއުޔޯކްގައި ދިރިއުޅެމުންދާ ދިވެހިންނާވެސް އެމަނިކުފާނު ވަނީ ބައްދަލު ކުރައްވާފައެވެ.

ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެމެރިކާއިން ފުރާވަޑައިގަތުމުގެ ކުރިން ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ "ޑީންސް ލީޑަރޝިޕް ސީރީޒް"ގެ ދަށުން، ޕްރިންސްޓަން ޔުނިވަރސިޓީގެ ޕްރިންސްޓަން ސްކޫލް އޮފް ޕަބްލިކް އެންޑް އިންޓަރނޭޝަނަލް އެފެއަރޒްގައި ތަޤުރީރު ކުރައްވާފައެވެ. އޭގެ އިތުރުން، ރައީސް ޑޮކްޓަރ މުޢިއްޒު ވަނީ، ނިއު ޔޯކްގައި ހުންނަ ގޫގްލްގެ މައި އޮފީހަށްވެސް ޒިޔާރަތް ކުރައްވާފައެވެ.

އދ.ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގަތީ މިހިނގާ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހުގެ ރޭ، އިރާކޮޅުގެ ވަގުތެއްގައެވެ.މިއީ ޑޮކްޓަރ މުޢިއްޒު އދ.ގެ އާންމު މަޖިލީހުގައި ބައިވެރިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު