ދިވެހިން ބޭރުގެ ގައުމުތަކަށް ހިޖުރަކުރުމުން ލިބެނީ ފައިދާތޯ؟ ނުވަތަ ގެއްލުންތޯ؟

އަލީ ޝާހީން
30 Dec 2024
ރިޕޯޓް

ހިންދުކަނޑުގެ ތަނަވަސް އުނގުތެރޭގައި އަލިމަހުގެ ހާރެއްހެން އެތުރި ވިދާ ބަބުޅަމުންދާ ދިވެހިރާއްޖެ އަކީ ބިމުގެ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުންނާއި އާބާދީގެ ގޮތުން ވެސް ކުޑަ ގައުމެކެވެ. މިއާއި މި ނޫންވެސް އެހެން ސަބަބުތަކާއި ހުރެ އުފަން ގައުމު ދޫކޮށް ބޭރުގެ ގައުމުތަކަށް ދިރިއުޅުން ބަދަލުކުރާ ދިވެހިންގެ އަދަދު އެހާމެ ގިނައެވެ. އެއާއެކު އުފެދިގެންދާ ސުވާލަކީ ދިވެހިން ބޭރުގެ ގައުމުތަކަށް ހިޖުރަކުރުމުން ލިބެނީ ފައިދާތޯއެވެ؟ ނުވަތަ ގެއްލުންތޯއެވެ؟

ދިވެހިން ބޭރުގެ ގައުމުތަކަށް ހިޖުރަކުރުމުން ލިބޭ އެންމެ ބޮޑު އެއް ފައިދާއަކީ ވަސީލަތްތަކުގެ ތަނަވަސްކަން ކަމާއިމެދު އެއްވެސް ޝައްކެއް ނެތެވެ. ދިވެހިރާއްޖެއަކީ އެހެން ގައުމުތަކާއި އަޅައި ބަލާއިރު ވަސީލަތްތަކުގެ ގޮތުން ކުޑަ ގައުމެއް ކަމާއިމެދު އެއްވެސް ދެކޮޅު ހެދުމެއް ނެތެވެ. ރާއްޖޭގައި ވަޒަންވެރި އުޅޭ ދިވެހިންނަކީ ވެސް އެހެން ގައުމުތަކުގެ ވަސީލަތްތަކަށް ބޭނުންޖެހިފައިވާ ބައެކެވެ. ސިއްހީ ދާއިރާގެ ވަސީލަތްތައް މިސާލަކަށް ފުދޭނޫންތޯއެވެ؟ ދިވެހިން އެހެން ގައުމަކަށް ދިރިއުޅުން ބަދަލުކުރާ މައިގަނޑު އެއް ސަބަބަކީ ސިއްހީ ފައިދާތަކަށް ޓަކައެވެ. ރާއްޖޭގައި ތައާރަފްވެފައިނުވާ އެތަކެއް ޚިދުމަތްތަކެއް އަވަށްޓެރި އިންޑިއާއިން ވެސް ލިބެއެވެ. ދިވެހިން ބޭރުގެ ގައުމުތަކަށް ހިޖުރަކުރުމުގެ ސަބަބުން ތަޢުލީމީ ވަސީލަތްތަކުގެ ފޮނި މީރުކަން ލިބިގެންދެއެވެ. އެގޮތުން ސްކޫލު ތައުލީމާއި ކޮލެހްތަކުން ފޯރުކޮށްދޭ ތައުލީމުގެ ފެންވަރު ވެސް މާ ރަނގަޅެވެ. ރާއްޖޭގައި ނުކިޔެވޭ އެތައް ކޯސްތަކެއް ބޭރު ގައުމުތަކުން ކިޔެވެއެވެ.

ބޭރު ގައުމުތަކަށް ކުރާ ހިޖުރައިގެ ސަބަބުން ދިވެހިންނަށް ލިބިގެންދާ އަނެއް ފައިދާއަކީ ތަފާތު އެކި ކަންތައްތައް ދަަސްވުމެވެ. މީގެ ތެރޭގައި ތަފާތު ބަސްތައް ދަސްވުމަށް މަގުފަހިވެގެން ދެއެވެ. “އިންޓަރނޭޝަނަލް ލެންގުއޭޖް” ކަމަށްވާ އިނގިރޭސިއާއި ދިވެއްސަކީ އާންމުކޮށް ރާއްޖޭގައި ބޭނުންކުރަމުންދާ ދެ ބަހެވެ. ނަމަވެސް ދިވެހިން ހިޖުރަކުރާ ގައުމެއްގެ ގޮތުން އެ ގައުމެއްގެ “ނޭޓިވް ލެންގުއޭޖް” ނުވަތަ އެ ގައުމެއްގެ މަންމަ ބަސް، އެ މާހައުލެއްގެ ތެރޭގައި އުޅުމުން ދަސްވެގެންދެއެވެ. މީހާ “މަލްޓިލިންގުއަލް”ވުމަކީ އެމީހެއްގެ ވިސްނުންތެރިކަން އިތުރުކޮށްދޭ ކަމެއް ވެސް މެއެވެ. މީގެ އިތުރަށް ބޭރު ގައުމެއްގައި ވަޒަންވެރިވުމުގެ ސަބަބުން ދަސްވެގެންދާ އާ ކަމެއްގެ ގޮތުގައި އާ ކާއެއްޗެއްސާއި މޫސުމީ ގޮތުން އާ މާހައުލެއްގައި އުޅެވެއެވެ. އެ ގައުމުގެ ޘަގާފަތާއި އާދަކާދައާއި ކެއުންބުއިމުގެ ކަންކަން ދަސްވެގެންދެއެވެ. މޫސުމީ ގޮތުން ތަފާތު ދުވަސްވަރުތައް ފެނި އާ ތަޖުރިބާއެއްގެ ގޮތުގައި އެކަންވެގެންދެއެވެ.

ބޭރު ގައުމެއްގައި ދިރިއުޅެވުމަކީ އެތަނުގައި ވަޒީފާ ވެސް އަދާކުރަންޖެހޭ ކަމެކެވެ. އެހެންކަމުން ބޭރުގެ ގައުމެއްގައި ދިރިއުޅެ ވަޒީފާ އަދާ ކުރުމަކީ ކުރެވޭ އާ ތަޖުރިބާއެއްގެ އިތުރުން އާ ރައްޓެހިންތަކަކާއި އެކު އުޅެވުމެވެ. އެކިއެކި ގައުމުތަކުން ރައްޓެހިންވެގެން ދެއެވެ. މީގެ އިތުރަށް ބޭރު ގައުމުތަކުގެ ވަޒީފާގެ ފެންވަރު ރާއްޖޭގެ ވަޒީފާތަކުގެ ފެންވަރާ އަޅައި ބަލާއިރު ރަނގަޅުވެފައި އެކަމުން ލިބޭ އާމްދަނީ ވެސް ކުރެވޭ މަސައްކަތާ އެކަށީގެންވެއެވެ.

ދިވެހިން ބޭރުގެ ގައުމުތަކަށް ހިޖުރަކުރުމުން ލިބޭ އެންމެ ބޮޑު އެންމެ ވިހަގަދަ އެއް ގެއްލުމަކީ ދީނާއި އަޤީދާ ބަލިކަށިވެގެން ދިޔުމެވެ. ދިވެހިރާއްޖެ ފަދަ ސައްތައިން ސައްތަ މުސްލިމް ގައުމެއްގައި އުޅުމަށްފަހު އެހެން ދީންތަކެެއް އޮންނަ ގައުމަކަށް ދިރިއުޅުން ބަދަލުކުރުމީ އޭގެ ސަބަބުން ނޭދެވޭ އަސަރުކުރާނެ ކަމެއްކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ޣައިރު މުސްލިމުން، މުސްލިމުންނާއި ދެކޮޅަށްކުރާ ފިކުރީ ހަނގުރާމައިގައިޖެހި އޭގެ ޝިކާރައަކަށް ވަމުންދާ ދިވެހިންދަނީ އިތުރުވަމުންނެވެ. ދީނާއިމެދު ޝައްކުތަކާއި ވަހުމްތައް އުފެދި އެހެން ދީންތަކާއި މެދު ވިސްނުމަށް ޖާގަ ދެވެއެވެ. އެހެން ދީންތަކުގެ ޚާއްސަ ދުވަސްތައް ފާހަގަކުރުމުގައި ބޭރުގައުމުތަކުގައި އުޅޭ ދިވެހިން ވެސް ބައިވެރިވާކަމީ ހިތާމަކުރަންޖެހޭ ކަމެކެވެ.

ހިޖުރަކުރުމުގެ ސަބަބުން ދިވެހިންނަށް ލިބޭ އަނެއް ގެއްލުމަކީ ދިވެހިން ދިވެހި ޘަގާފަތާއި ދިވެހިބަސް ހަނދާން ނައްތާލުމެވެ. ދިވެއްސަކަށްވެހުރެ އަމިއްލަ މައް ބަހުން ވާހަކަ ދައްކަން ވެސް ލަދުގަނެއެވެ. ރާއްޖެއަށް ބަންދުގައި އަންނައިރު ދިވެހިބަސް ހަނދާންނެތި، މީހާ ހުންނަނީ އިނގިރޭސި ބަހުން ވާހަކަ ދައްކަން އާދަވެފައެވެ. ދިވެހި ލިބާހާއި މުންޑުލާން ލަދުގަނެ ދިވެހި ކެއުންތައް ކާން ފަކުރުގަންނަ ދިވެހީންގެ އަދަދު މަދެއް ނޫނެވެ. އެހެން ގައުމުތަކުގައި ވަޒަންވެރި ވަމުންދާ ދިވެހިންގެ ހާލަތަކީ މިއީ އެވެ.

ރާއްޖެ ހުސްވެ ބޭރުގެ ގައުމުތަކަށް ދިރިއުޅުން ބަދަލުކުރުމުގެ ސަބަބުން ލިބިގެންދާ އެހެން ގެއްލުމަކީ ރާއްޖޭގައި މަސައްކަތްކުރާނެ ދިވެހިންގެ އަދަދު މަދުވުމެވެ. ރާއްޖޭގެ ވަޒީފާގެ މާހައުލުގައި ބިދޭސީންގެ އަދަދު އިތުރުވެގެންދާ ސަބަބެއްކަމުގައި މިކަން ވެސް ވެގެންދެއެވެ. ރާއްޖޭން ބޭރަށްދާ ދިވެހިން ރާއްޖެ އަންނަނީ ޓޫރިސްޓުންގެ ގޮތުގައެވެ. ޗުއްޓީ ހަދާލާށެވެ. މިކަަމުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެއިން ބޭރުވެގެންދާ އާމްދަނީގެ އަދަދުދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.

ދިވެހިން ބޭރުގެ ގައުމުތަކަށް ހިޖުރަކުރުމަކީ އޭގައި ގެއްލުމާއި ފައިދާ ހިއްސާކުރާ ކަމެކެވެ. ބޭރުގެ ގައުމުތަކަށް ހިޖުރަކުރުމުގެ ސަބަބުން ލިބޭ ވަސީލަތްތަކުގެ ތަނަވަސްކަމާއި، އާ ކަންކަން ދަސްވުމާއި، އާ ރައްޓެހިންލިބި، ރަނގަޅު ފެންވަރުގެ ވަޒީފާ ލިބުމަށް މަގުފަހިވެއެވެ. ނަމަވެސް އަޤީދާ ބަލިކަށިވެ، ޘަގާފަތާއި ބަހަވީގޮތުން ކުރާ ގެއްލުންތައް ގިނަވެ، ރާއްޖޭގެ އިގްތިޞާދަށް ވެސް އޭގެ ނޭދެވޭ އަސަރުތައް ކުރެއެވެ. ދިވެހިން ބޭރުގެ ގައުމުތަކުގައި ވަޒަންވެރިވުމަކީ ގެއްލުމާއި ފައިދާ ހަމަހަމަ ކަމެކެވެ.

ކޮމެންޓް
އިތުރު ލިއުން
ސަޕޯޓަރުންނާއެކު މާލެ ފުރިފައި: ފެނުނީ ސަރުކާރަށް އޮތް ބޮޑު ތާޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި، ރޭ، މާލޭގެ އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި އެއްވުމަށް 13،000 އަށް ވުރެ ގިނަ ސަޕޯޓަރުން އެއްވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ ރޭ އޮތް އެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
15 Nov 2025
ހަބަރު
ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ، ތަހުނިޔާ ވިދާޅުވެއްޖެ
މިއަދު ފާހަގަކުރަމުންދާ ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ޑރ. މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު މުޙައްމަދު މުސްޠަފާއަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
15 Nov 2025
ހަބަރު
ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި މީހަކު ނިޔާވެއްޖެ
ހުޅުމާލެ ފޭސް ދޭއްގައި ރޭ، ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކު ނިޔާވެއްޖެއެވެ.
11 Nov 2025
ހަބަރު
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވައިފިއެވެ.
11 Nov 2025
ހަބަރު