އައްޑޫ ކައުންސިލް އުފެދިފައިވާ ގޮތާއި ގުޅޭގޮތުން ނަގާ، ޚިޔާލު ހޯދުމުގެ ވޯޓުގައި ހިމެނޭ ސުވާލުތައް އިސްލާހުކުރައްވައިފި

އައިމިނަތު
12 Oct 2025
ހަބަރު

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން 6 އޮކްޓޫބަރު 2025 ގައި އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 27/2025 (އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން) ގައި ހިމެނޭ ސުވާލުތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން އިޞްލާޙުކުރައްވަން މިއަދު ނިންމަވައިފިއެވެ.

އެމަނިކުފާނު މި ގޮތަށް ކަނޑައެޅުއްވީ، އައްޑުއަތޮޅު ހުޅުދޫއާއި މީދޫ، އެއް ރަށު ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި އެ ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭތޯ ބެލުމަށް އޮތް ސުވާލު އުނިކުރައްވައި، ވަޒީރުންގެ މަޖިލީހުގެ ލަފާގެ މަތީން، ރައީސުލްޖުމުހޫރިއްޔާގެ ޤަރާރު ނަންބަރު 27/2025 އިޞްލާޙުކުރެއްވުމަށްފަހު މިއަދު ނެރުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 31/2025 އިންނެވެ.

ރައީސްގެ މި ޤަރާރުގައިވާ ގޮތުގެ މަތީން އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ތިރީގައިވާ ސުވާލުތައް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ވަނީ ނިންމަވައިފައެވެ.

އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު

1. އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 27/2025 (އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށްދާނީ އިލެކްޝަން ކޮމިޝަނުން އިޢުލާނުކުރައްވައިފައިވާ ގޮތަށް މި ހިނގާ 2025 އޮކްޓޫބަރު 25 ވަނަ ދުވަހުއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު