ސިނގިރޭޓުން ކުރި ވައްކަން: އާއްޓޭގެ ބަންދަށް 15 ދުވަސް، ދިގަލިގެ ބަންދަށް 10 ދުވަސް

އައިމިނަތު
15 Oct 2025
ހަބަރު

ހުޅުމާލެ ބަނދަރުން އެތެރެކުރި ސިނގިރޭޓްގެ ދެ ކޮންޓެއިނަރެއް ވަގަށް ނެގި މައްސަލައިގެ ރިންގްލީޑަރުންގެ ގޮތުގައި ފުލުހުން ތުހުމަތުކުރާ ހަތަރު މީހުންގެ ތެރެއިން ދެ ވިޔަފާރިވެރިން ބަންދަށް ފޮނުވާލައިފިއެވެ.

ރާއްޖެއަށް އެތެރެކުރި 13.6 މިލިއަން ސްޓިކް ސިނގިރޭޓް ހިމެނޭ ދެ ކޮންޓެއިނަރު މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން އޭޕްރީލް މަހުގެ 26 ވަނަ ދުވަހު އަތުލައިގަނެ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބެލެހެއްޓޭ ފެސިލިޓީއެއް ކަމަށްވާ ހުޅުމާލެ ސީޕޯޓްގައި ބަހައްޓާފައިވެއެވެ.

އެމްޕީއެލް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސިނގިރޭޓް ކޮންޓެއިނާތައް ގެއްލުނުކަން އޮކްޓޯބަރު އަށް ވަނަ ދުވަހުގެ ރޭ ފާހަގަވި ހިސާބުން އެ ކުންފުނީގެ އެތެރޭގެ ތަހުގީގެއް ފަށާފައިވާ ކަމަށެވެ. މިކަން ފުލުހުންނަށް ރިޕޯޓްކޮށްފައި ވަނީ އޮކްޓޯބަރު މަހުގެ ނުވަ ވަނަ ދުވަހުއެވެ.

އަންގާރަ ދުވަހުގެ ރޭ ފުލުހުން ވަނީ މި ވައްކަމުގެ ފަހަތުގައި ތިބި ރިންގްލީޑަރުން ކަމަށް ބެލެވޭ ހަތަރު މީހަކު ހައްޔަރުކޮށްފައެވެ. އެމީހުންނަކީ:

- ލޮޓަސްގެ ވެރިޔާ އަހުމަދު އާރިފް (އާއްޓޭ)، 61އ

- އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލީ)، 65އ

- ކަސްޓަމްސްގެ މަތީ ފަންތީގެ އޮފިޝަލެއް ކަމަށްވާ ޒިވާރު އިސްމާއިލް، 40އ

- މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ އިންޖިނިއަރިން އާއި ޕްރޮޖެކްޓްތަކުގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި މިހާރު މަސައްކަތް ކުރަމުން އަންނަ ކަސްޓަމްސްގެ ކުރީގެ އޮފިޝަލެއް ކަމަށްވާ މުއާޒް އަލީ، 48އ އެވެ.

މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓުގެ ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކޮށްފައިވެއެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ހާޒިރު ކުރުމަށްފަހު، ކޯޓުން އަމުރުކޮށްފައި ވަނީ އާރިފާއި ޒިވާރުގެ ބަންދަށް 15 ދުވަސް، ވަހީދުގެ ބަންދަށް 10 ދުވަސް، އަދި މުއާޒުގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެކެވެ.

މި މައްސަލަ ތަހުގީގު ކުރަމުންދާއިރު ފުލުހުން ވަނީ 12 ފަރާތަކަށް ދަތުރުކުރުން މަނާކޮށް، އެތައް އުޅަނދެއް އަދި އެހެނިހެން ތަންތަން ބަލައި ފާސްކޮށްފައެވެ.

މީގެ އިތުރުން އެމްޕީއެލްއިން ވަނީ އެ މައްސަލައިގެ އެތެރޭގެ ތަހުގީގެއް ހިންގަމުންދާތީ ހަ މުވައްޒަފަކު ސަސްޕެންޑްކޮށްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު