2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

އައިމިނަތު
27 Oct 2025
ހަބަރު

ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތީން، މި ހިނގާ ހަފުތާ ނިމުމުގެ ކުރީން، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ބަޖެޓު ހުށަހަޅުއްވާނެ ކަމަށާ، 2026 ވަނަ އަހަރުގެ ބަޖެޓަކީ ކައުންސިލްތައް މެދުވެރިކޮށް އޯގާތެރިކަމާއެކު ރައްޔިތުންނަށް އެހީ ފަހިކޮށްދެވޭ ބަޖެޓަކަށް ވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު އޮޅުވެލިފުއްޓަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ހިމަނުއްވައިގެން ބަޖެޓު ހުށަހަޅުއްވާނީ، ވެވަޑައިގެންފައިވާ ވަޢުދުތަކުގެ ތެރެއިން މިއަހަރު ސޮއިކުރެވި މަސައްކަތް ފެށިފައިވާ މަޝްރޫޢުތަކުގެ އިތުރަށް، ދެން ހުރި ވަޢުދުތައް ފުއްދެވުމަށް ފަހިވާ ގޮތަށް ކަމުގައި ވިދާޅުވިއެވެ.

ޤާނޫނީ ބަދަލެއްގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމާއެކު އިތުރުވާ ފައިސާ ބައްސަވާނީ އިޖުތިމާޢީ ރައްކާތެރިކަން ބޭނުންވާ ވަކިވަކި ރައްޔިތުންނަށް ބޭނުންވާ އެހީ، ރަށު ކައުންސިލްގެ ބަޖެޓުގެ ތެރެއިން، ފޯރުކޮށްދެއްވުމަށް ކައުންސިލްތަކަށް ލާޒިމުވާ ގޮތަށްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ރަށްރަށުގެ ތަރައްޤީއަށް ކުރައްވާ މަސައްކަތްތަކުގެ އިތުރަށް، އިޖުތިމާޢީ ކަންކަމަށްވެސް ބޮޑު ސަމާލުކަމެއް ދެއްވަން ބޭނުންފުޅުވާކަމަށާ، ކުރިއަށް އޮތް އަހަރަކީ ވަކިވަކި ރައްޔިތުންނަށް އެކަން އިޙްސާސްކުރެއްވޭނެ އަހަރެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ޅ. އޮޅުވެލިފުށީގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ ކަންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން، ރަށަށް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ކަރަންޓުގެ މައްސަލަކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ކުރިއަށް ގެންދަން ހުރި ގިނަ މަޝްރޫޢުތައްވެސް ގުޅިފައި އޮތީ އެކަމާކަން ފާހަގަކުރައްވައި، މި މައްސަލައަށް ޙައްލު ހޯއްދަވައިދެއްވުމަށްޓަކައި ފެނަކައަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް، ސަރުކާރުގެ ތެރެއިން ފަހިކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. އަދި ވަރަށް ގާތުން، ވަރަށް ރަނގަޅަށް، ސީދާ ރައީސް އޮފީހުގެ ފަރާތުން، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކަވައިގެން، މިކަން އަވަސްކުރައްވަން، ވަރަށް ގާތުން މިކަން ބައްލަވާނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ މިއާއެކު ރަމަޟާންމަހުގެ ކުރިއަށް މި މައްސަލަ ޙައްލުކޮށްދެއްވާނެކަމުގައިވެސް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ޅ. އޮޅުވެލިފުށީގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިއަދު ހެނދުނު އޮތް ޖަލްސާގައި، ރަށުގެ ތަރައްޤީއާ ގުޅޭ މުހިންމު އެއްބަސްވުންތަކެއްގައި ވަނީ ސޮއިކުރައްވާފައެވެ. އަދި މިދަތުރުފުޅުގައި ހިމެނިގެން، ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތްތައްވެސް ވަނީ ފައްޓަވާފައެވެ. މި ހުރިހާ ކަންކަމުގެ ތެރެއިންވެސް ބަނދަރުގެ މަޝްރޫޢުވެގެންދާނީ ރަށުގެ ތަރައްޤީގެ ކުރިމަގަށް ކުރެވޭ އެންމެ މުހިންމު ޢުމްރާނީ އެއް މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހަމަމިއާއެކު، ބިންހިއްކުމުގެ މަޝްރޫޢު ނިމިގެންދާއިރު، 15 ހެކްޓަރުގެ ބިން، ޅ. އޮޅުވެލިފުއްޓަށް އިތުރުވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ތަޢުލީމާއި ކުޅިވަރުގެ ދާއިރާއާއެކު، ހުރިހާ ދާއިރާއަކުންވެސް، ރަށަށް ބޭނުންވާ ތަރައްޤީގެ ކަންކަން ވަރަށް ރަނގަޅަށް ކުރިއަށްގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ އޮޅުވެލިފުށީގެ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު