ކައުންސިލް މުވައްޒަފުންގެ މުސާރަ އެއްވަނަ ގިންތީގައި ބޮޑުވާނެ: ރައީސުލްޖުމްހޫރިއްޔާ

އައިމިނަތު
27 Oct 2025
ހަބަރު

ރާއްޖޭގެ ސިވިލް ސާރވިސް މުވައްޒަފުންނާއި އެއްގިންތިއަކަށް ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންވެސް ގިންތިކުރައްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ފާދިއްޕޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ދެވަނަ މަންޒިލެއްގެ ގޮތުގައި އެ އަތޮޅު ކުރެންދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ، ވާހަކަފުޅުދައްކަވަމުންނެވެ.

އެމަނިކުފާނުގެ ވާހަކަފުޅުގައި ކައުންސިލްތަކަކީ މިހާތަނަށް އައިއިރުވެސް ވަރަށް ދަށް ގްރޭޑަކުން ގިންތިކުރެވިފައިވާ އިދާރާތަކެއްކަން ހާމަކުރައްވައި، ކައުންސިލްތައް ހަތަރު ވަނަ ގްރޭޑުގައި ގިންތި ކުރެވިފައިވީނަމަވެސް ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ބުރަ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި، ލާމަރުކަޒީ ނިޒާމަކީ ވަރަށް ބޮޑަށް އިސްކަންދޭ އަދި އެކަމަކަށް ވަރަށް ބޮޑަށް އެއްބާރުލުންދީ ކުރިއަރުވަން މަސައްކަތް ކުރައްވާ ނިޒާމެއް ކަމަށާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންގެ ގްރޭޑު، ހަތަރަކުން ތިނަކަށް ގެންދިއުމަށް ކުރިން ވާހަކަދެކެވިފައިވާކަމުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް މި ސަރުކާރުން ނޮވެމްބަރ 1 ގައި ސިވިލް ސަރވިސް މުވައްޒަފުންގެ ޕޭ ހާމަނައިޒް ކުރެވި، މުސާރަ ބޮޑުވާއިރު ކައުންސިލް މުވައްޒަފުންގެވެސް ޕޭ ހާމަނައިޒްކޮށް ރާއްޖޭގެ ހުރިހާ ސިވިލް ސަރވިސް މުވައްޒަފުންނާ އެއް ގިންތިއަކަށް، ހަތަރަކުން އެކަކަށް، ރާއްޖޭގެ ހުރިހާ ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ގިންތިކޮށް، މަތިކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައްޔިތުންނަށް އެންމެ ދަތިވެފައިވާ އެއް މައްސަލައަކީ ބަނދަރު އަދި ބަނދަރާއި ގުޅިފައިވާ މައްސަލަތައްކަން ފާހަގަކުރައްވައި، ބަނދަރުގެ މަޝްރޫޢު ކުރިއަށްގެންދާއިރުގައި ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުވާގޮތަށް ބަނދަރުގެ މަސައްކަތް ފުރިހަމަކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. އެގޮތުން ރޭންޕަކާއި އެއްގަމު ތޮށީގެ މަސައްކަތްތައް ކީވޯލް ޖަހައި، ތޮށިގަނޑަށް ބަދަލުތަކެއް ގެނައުމާއި ނެރުފައިކަށްޓައްވެސް މުހިންމު ބަދަލުތަކެއް ގެންނަން ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިހުރިހާ މަސައްކަތެއް ހިމެނޭހެން މަސައްކަތް ގެންދަވާނީ ރަށު ރައްޔިތުންގެ އުންމީދުތައް ހާސިލްވާގޮތަށް ކަމުގައި ވިދާޅުވެފައެވެ.

ރަށުގެ ޞިއްޙީ މަރުކަޒަށް އިތުރުކުރެވޭ އިމާރާތަކީ ރަށުގެ އާބާދީގެ ގިނަ ރައްޔިތުންނަށް އެންމެ އެކަށީގެންވާގޮތުގައި މިހާރު ނުދެވޭ ޚިދުމަތްތައް ގާއިމުކުރުމަށްޓަކައި އިތުރުކުރެވޭ އިމާރާތެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. މި އިމާރާތް ހަދާނީ 4 އެނދުގެ ވޯޑަކާއި ނަރސް ސްޓޭޝަން، އެކްސް ރޭ ކޮޓަރިއާއި ކޮންސަލްޓޭޝަން ކޮޓަރިއާއި ޕްރައިވެޓް ކޮޓަރި ހިމެނޭހެން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢާއެކު ރަށުގައި ޞިއްޙީ ޚިދުމަތް ވަރުގަދަކުރުމުގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ކުރެންދުއަށް އެންމެ ބޮޑުވެފައިވާ އެއް މައްސަލަކަމުގައިވާ، ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކުރެއްވުމަށް، ޅޮސްއަލަފުށި އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއެއްގޮތަށް އެ މަސައްކަތް ކުރައްވަމުން ގެންދަވާކަން ހާމަކުރައްވައި، އެ މަސައްކަތުގެ ތަފްސީލުތައް ހާމަކުރެއްވިއެވެ. އަދި ބިމުގައި ޖާގަ އޮތް މިންވަރަކުން ގެދޮރު އަޅައިދިނުމުގެ މަޝްރޫޢު ފަދަ މުހިންމު ކަންކަމަށް އިސްކަންދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ޅ. ކުރެންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ޤާއިމުކުރުމުގެ މަސައްކަތާއި ކުރެންދޫ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރައްވައި، އެ މަސައްކަތްތައް ވަނީ ޙަވާލުކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު