ރައީސުލްޖުމްހޫރިއްޔާ ކ. ކާށިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަނީ / ފޮޓޯ: ރައީސް އޮފީސް

ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ފުރިހަމަކޮށްދެއްވާނަން: ރައީސުލްޖުމްހޫރިއްޔާ

އައިމިނަތު
28 Oct 2025
ހަބަރު

ކ. ކާށިދޫގެ ތަރައްޤީގައި ޙަޤީޤީ ކުލަޖައްސައިދެއްވައި، ރައްޔިތުން އެދޭގޮތަށް ކަންކަން ބައްޓަންކޮށްދެއްވައި، ފުރިހަމަކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، މާލެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން، ރަސްމީ ހައިސިއްޔަތުން އެމަނިކުފާނަށް ވަޑައިނުގެންނެވި އޮތް ތިންރަށަށް މިއަދު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި، ކ. ކާށިދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކ. ކާށިދޫގެ ތަރައްޤީއާ ގުޅުންހުރި އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. ޖިއޮގްރަފީ ގޮތުން ކާށިދޫ އޮތް ސަރަޙައްދަކީ އިސްތިރާޖީ ގޮތުން މުހިންމު ސަރަޙައްދަކަށްވީ ނަމަވެސް، ރައްޔިތުން ދިރިއުޅެން ޖެހިފައިވަނީ ވަރަށް ދުރުގައި، އެކަހެރިކޮށްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލުއި ފަސޭހަ ގޮތެއްގައި ޞިއްޙީ ފަރުވާގެ ކަންކަން ފުރިހަމަވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން ހެލްތު ސެންޓަރުގެ އައު ޢިމާރާތެއް އެޅުމަކީ ވަރަށް މުހިންމު މަސައްކަތެއް ކަމަށާ، އެ އިމާރާތް ފަރުމާކުރެވޭނީ އެކްސް-ރޭ އަދި ސްކޭނިންގްގެ ޚިދުމަތްދެވޭ ގޮތަށް، ވޯޑަށް އެނދު އިތުރުކުރެވި، ކްލިނިކަލް މަސައްކަތަށް ޖާގަ ހިމެނޭގޮތަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުރިއަށް އޮތް 2026 ވަނަ އަހަރަށް ސަރުކާރުން ހުށަހަޅުއްވާ ބަޖެޓުގައި، އަލަށް ފަށާ މަޝްރޫޢެއްގެ ގޮތުގައި، އަދި ކާށިދޫއަށް އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކަނޑައަޅުއްވާނީ، ބަނދަރުގެ މަޝްރޫޢުކަމުގައި ވިދާޅުވެ، އެމަނިކުފާނު ވަނީ އަންނަ އަހަރު ކާށިދޫގެ ބަނދަރު ހައްދަވައިދެއްވާނެކަމުގައި ވިދާޅުވެފައެވެ.

ކާށިދޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އަދުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތަކާއި، އެކަމުގައި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ހިއްސާކުރައްވާފައެވެ. އެގޮތުން ކާށިދޫ ފަޅުގައި ރިސޯޓް ތަރައްޤީކުރުމަށް ލުއިތަކާއެކު 2 ވަނަ ފަހަރަށް ހުޅުވާލެއްވި ފުރުޞަތުގެ ތެރެއިން އިންވެސްޓަރުން ލިބި، ފަތުރުވެރިކަން ތަރައްޤީވެގެން ދިއުމަކީ އެކި ގޮތްގޮތުން ރަށަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދަތުރުފަތުރުގެ ލުއިފަސޭހަކަން ހޯއްދަވައިދެއްވުމަށް ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް)ގެ ޚިދުމަތް ކާށިދޫއަށްވެސް ހަމަޖެހިގެންދާނެ ކަމަށާ، ފަތުރުވެރިކަން ފުޅާވެގެން ދިއުމާއެކު، ވައިގެމަގުން ކުރެވޭ ސީޕްލޭން ދަތުރުތައްވެސް ޝެޑިއުލްކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމުގެ ޚަބަރު، ރައީސުލްޖުމްހޫރިއްޔާ ވަނީ ކާށިދޫ ރައްޔިތުންނަށް ދެއްވާފައެވެ.

ކާށިދޫގައި ފުޑް ސެކިއުރިޓީ ޕްރޮގްރާމް ހިންގުމުގެ މަޝްރޫޢުގައި މިއަދު ސޮއިކުރައްވާފައިވާއިރު، މިއީ ރަށުގެ ރައްޔިތުންނާއި އިޤްތިޞާދަށް ކުރިއެރުން ލިބޭނެކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު