އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ: ނައިބު ރައީސް

އައިމިނަތު
01 Nov 2025
ހަބަރު

އެންމެން އެކުގައި މަސައްކަތްކުރާނަމަ، ތަރައްޤީގެ ލަނޑުދަނޑިތައް ފަސޭހަކަމާއެކު ޙާޞިލުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރ. މީދޫ ސްކޫލް ހޯލުގައި މިރޭ ބޭއްވި، އެ ރަށު ކައުންސިލުން ދެއްވާ "މަހާސަނަދު" އެވޯޑުދިނުމުގެ ހަފުލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

"މަހާސަނަދު" އެވޯޑަކީ މީދޫ ކައުންސިލުން އިސްނަންގަވައިގެން، އެކި ދާއިރާތަކުން އެކި ގޮތްގޮތުން ރަށަށް ޚިދުމަތްކުރައްވާ ފަރާތްތަކުގެ އަގުވަޒަންކޮށް، ތަފާތު ރޮނގުރޮނގުން ރަށަށް ރީތި ނަން ހޯއްދަވައިދެއްވާ ފަރާތްތަކަށް ހިތްވަރުދެއްވުމުގެ މަޤްޞަދުގައި ދެއްވާ އެވޯޑެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ޚިދުމަތްތަކުގެ އަގު ވަޒަންކުރުމަކީ، ރަށަށް އޮންނަ ލޯތްބާއި ރަށަށް ރީތިނަން ހޯދައިދީ، ރަށަށް ޚިދުމަތްކުރުމުގެ ޢަޒުމް ރަށުގެ ރައްޔިތުންގެ ހިތުގައި އުފެދި، ރަށުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، އެއްބައިވަންތަކަމުގެ ގުޅުން ބަދަހިވެގެންދާނެ ކަމެއް ކަމުގައި ވިދާޅުވިއެވެ.

މިރޭގެ ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ "މަހާސަނަދު" ގެ ޝަރަފުވެރި އެވޯޑުތައް ހާސިލުކުރެއްވި ފަރާތްތަކަށް އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. އެ ގޮތުން ތައްޚާން އެވޯޑް ލިބިވަޑައިގެންނެވި 4 ބޭފުޅުންނަށާއި، ކަލޭފާނު އެވޯޑް ހާސިލުކުރެއްވި 4 ބޭފުޅުންނަށާއި، މަދަދު އެވޯޑް ލިބިވަޑައިގެންނެވި 2 ބޭފުޅުންގެ އިތުރުން ނަލަނަލަ މީދޫ އެވޯޑް ހަވާލުކޮށްދެއްވާފައިވެއެވެ.

މީގެއިތުރުންވެސް މި ޙަފުލާގައި، ތަޢުލީމީ ރޮނގުން ދޭ "ނޫރާނީ" ފިލާ 10 ބޭފުޅަކަށް، ދިވެހި ދައުލަތަށް 20 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކަށް ދެވޭ "އަބުރުވެރި ހާކިމާގެ" ފިލާ 11 ބޭފުޅަކަށް، ތަޢުލީމީ ދާއިރާއިން ދެވޭ "ނޫރާނީ" އެވޯޑް 9 ބޭފުޅަކަށް، އަދި "ފަންނުވެރިން" ގެ ފިލާ ލިބިވަޑައިގެންނެވި ފަރާތްތަކަށް އެފިލާ ޙަވާލުކޮށްދެއްވާފައިވެއެވެ.

މި ހަފުލާގައި އިނާމު ޙާސިލުކުރެއްވި ހުރިހާ ބޭފުޅުންނަށް ހިތުގެ ފުންމިނުން ތަހުނިޔާއާއި މުބާރަކުބާދު ދަންނަވައި، އެބޭފުޅުންގެ އަގުހުރި މަސައްކަތްޕުޅުތައް ހުއްޓަވައިނުލައްވައި ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ހިތްވަރުދެއްވާފައެވެ. މި ހަފުލާގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު މީދޫއަށް ވަޑައިގެންނެވުމުން އެ ރަށުން އެ މަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި މިއަދު ހަވީރު މީދޫ ރަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާވެސް ބައްދަލުކުރައްވާފައިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު