ނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފި

އައިޝަތު ޝިއުރާ
22 Jul 2024
ހަބަރު

މިނިސްޓަރ އޮފް ފޮރިން އެފެއާޒް މޫސާ ޒަމީރު، ޗައިނާގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ވަންގ ޔީ އާ ބައްދަލުކުރައްވައި، ދެ ޤައުމު ދެމެދު ރަސްމީ ވާހަކަތައް ބާއްވައިފިއެވެ. 

ޗައިނާގެ ސްޓޭޓް ގެސްޓް ހައުސްގައި މިއަދު ބޭއްވި މި ބައްދަލުކުރެއްވުމުގައި، ޗައިނާގެ ފޮރިން މިނިސްޓަރ ވަންގ ޔީ ވަނީ ފޮރިން މިނިސްޓަރ ޒަމީރު އަދި އަރިހުގައި ވަޑައިގެންނެވި ވަފުދަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މިނިސްޓަރ ޒަމީރު ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ޗައިނާގެ ރައީސް އަދި ރައްޔިތުންނަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ޗައިނާގެ ރައީސް ޝީ ޖިންގޕިންގ އަށް ފޮނުއްވެވި  ދެ ސިޓީފުޅެއް، އެ މަނިކުފާނަށް ރައްދުކޮށްދެއްވުމަށްޓަކައި ޗައިނާގެ ޚާރިޖީ ވަޒީރުގެ އަތްޕުޅަށް އަރުވާފައެވެ. 

ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު ކުރިޔަށް ދިޔަ މި މަޝްވަރާތަކުގައި، ފޮރިން މިނިސްޓަރ ޒަމީރު ވަނީ ދިވެހިރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. މިއަދުގެ މަޝްވަރާތަކުގައި ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އެކި ދާއިރާތަކުން ގުޅުން އިތުރުކުރުމާގުޅޭގޮތުން ފުޅާދާއިރާއެއްގައި މަޝްވަރާކުރެވުނެވެ. 

މިނިސްޓަރ ޒަމީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މި ގުޅުން އިތުރަށް ބަދަހިކޮށް އުސްމިންތަކަށް ގެންދެވުމުގެ މުހިއްމުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި  ޗައިނާއަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީގެ މުހިއްމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކުރައްވައި، ޗައިނާ ސަރުކާރުން ދެއްވަމުން ގެންދަވާ އެހީތެރިކަމަށް މިނިސްޓަރ ޒަމީރު ޝުކުރުއަދާކުރެއްވިއެވެ. މިގޮތުން ދިވެހިރާއްޖޭގެ އިޤްތިޞާދީ މުހިއްމު ބޮޑެތި މަޝްރޫޢުތައްކަމުގައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު އަދި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ޗައިނާ ސަރުކާރުން ދެއްވާފައިވާ އެހީތެރިކަން ފޮރިން މިނިސްޓަރ ފާހަގަކުރެއްވިއެވެ. 

އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނުކުރައްވާފައިވާ މާލީ އިސްލާޙުތަކާގުޅޭ މަޢުލޫމާތު މިނިސްޓަރ ޒަމީރު، ޗައިނާގެ ފޮރިން މިނިސްޓަރާ ޙިއްސާކުރައްވައި، މި މަސައްކަތުގައި ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލެއްވުމާއި އެހީތެރިކަން ލިބިގެންދާނެކަމަށް އުންމީދުކުރައްވާކަމުގައި ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުންވެސް ވަނީ ދެ ޤައުމު ދެމެދު އޮތް ގުޅުން އިތުރުކުރުމުގެ ޔަޤީންކަން އައު ކުރައްވައި، ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައެވެ. ފޮރިން މިނިސްޓަރ މޫސާ ޒަމީރު ވަނީ ޗައިނާ އިން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރުއަދާކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް އެކުވެރި ގުޅުން ކުރިޔަށް އޮތް ތަނުގައިވެސް އިތުރުވެގެންދާނެކަމަށް އުއްމީދުކުރައްވާކަން ފާހަގަކުރައްވާފައެވެ. 

ފޮރިން މިނިސްޓަރ ގެ އަރިހުގައި، މިނިސްޓަރ އޮފް ފިނޭންސް، ޑރ. މުޙައްމަދު ޝަފީޤު އާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑރ. ޢަބްދުﷲ މުއްތަލިބް އާއި، ދިވެހިރާއްޖެއިން ޗައިނާ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބް ގެ އިތުރުން ދިވެހި ސަރުކާރުގެ އިސްބޭފުޅުންނާއި، ބޭޖިންގ ގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ. ރަސްމީ ވާހަކަފުޅަށްފަހު، ފޮރިން މިނިސްޓަރ މޫސާ ޒަމީރު އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ޝަރަފުގައި ޗައިނާގެ ފޮރިން މިނިސްޓަރ ރަސްމީ ފަރިއްކޮޅެއް ދެއްވިއެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު