ނައިބު ރައީސް އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވްއާ ބައްދަލުކުރައްފި

އައިޝަތު ޝިއުރާ
23 Jul 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް އެމެރިކަން ބާ އެސޯސިއޭޝަން މޯލްޑިވްސް ރޫލް އޮފް ލޯ އިނިޝިއޭޓިވް (އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި)އާ ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމުގެ ކުރިއެރުމުގައި ޖަމުޢިއްޔާ ޖަމާޢަތްތަކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި ޖަމުޢިއްޔާ ޖަމާޢަތްތަކާ ގުޅިގެން ކުރިއަށްދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށްބޮޑު އަހައްމިއްޔަތުކަމެއް ދެއްވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން ވަނީ 2021 ވަނަ އަހަރު އެ ޖަމުޢިއްޔާ ރާއްޖޭގައި އުފެދުމަށްފަހު އެޖަމުޢިއްޔާއިން ކުރިއަށް ގެންގޮސްފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް އަލިއަޅުވާލާފައެވެ. އެގޮތުން މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރުމާއި މަނީ ލޯންޑަރިން ދެކޮޅަށް މަސައްކަތްކުރުމާއި މާލީކަންކަން ޤަވާޢިދުތަކާ އެއްގޮތަށް ގެންދިއުމާއި އަދި ރާއްޖޭގައި އުޅޭ ބިދޭސީ އާބާދީއަށް ބޭނުންވާ ޞިއްހީ އަދި ޤާނޫނީ ޚިދުމަތްތައް ލިބިދިނުންފަދަ ބައެއް ނާޒުކު މައްސަލަތައް ހައްލުކުރުމަށް އަމާޒުހިފައިގެން ކުރިޔަށް ގެންދާ ޚާއްޞަ ޕްރޮގްރާމުތަކުގެ ޒަރީއާއިން ރާއްޖޭގެ މުއައްސަސާތައް ހަރުދަނާކުރުމަށް ގުޅިގެން ކުރެވޭ މަސައްކަތްތަކަށްވެސް އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން މި ބައްދަލުކުރެއްވުމުގައި އަލިއަޅުވާލެއްވިއެވެ. މީގެއިތުރުން އިސްލާޙީ ބަދަލުތައް ގެނައުމުގެ ގޮތުން ޝަރުޢީ ދާއިރާއާ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކާ ގުޅިގެން ކުރެވޭ މަސައްކަތްތައްވެސް އެބޭފުޅުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޤައުމުގެ ކުރިއެރުމަށްޓަކައި ބިދޭސީ މަސައްކަތްތެރިންގެ ހިއްސާ މުހިންމު ދައުރެއް އަދާކުރާކަން ފާހަގަކުރައްވާފައެވެ. މީގެއިތުރުން ދާދިފަހުން ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކަށް އިޝާރާތްކުރައްވައި ބިދޭސީ މަސައްކަތްތެރިންނަށް ކުރިމަތިވާ މައްސަލަތައް ހައްލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއްދެއްވާކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބާ އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައިގެ މެންބަރުން ވަނީ ގުޅިގެން މަސައްކަތްކުރެވިދާނެ ދައިރާތަކާ ގުޅޭގޮތުން ވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައެވެ. މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ޤައުމުގެ ކުރިއެރުމަށް މުހިންމު ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމުގެ އުންމީދުއާ ކުރައްވަމުންނެވެ.

އޭ.ބީ.އޭ އެމް.އާރު.އޯ.އެލް.އައި އަކީ އެމެރިކަން ބާ އެސޯސިއޭޝަން ރޫލް އޮފް ލޯ އިނިޝިއޭޓިވްގެ ދަށުން ރާއްޖޭގައި ރަޖިސްޓަރީކޮށްފައިވާ ޖަމުޢިއްޔާއެކެވެ. އަދި އެއީ އެމެރިކަން ބާ އެސޯސިއޭޝަންގެ ބައިނަލްއަޤްވާމީ ތަރައްޤީގެ ޕްރޮޤްރާމުގެ ދަށުން އިންޞާފާއި އިޤްތިޞާދީ ފުރުޞަތުތަކާ އަދި ޤާނޫނުގެ ވެރިކަން މެދުވެރިކޮށް އިންސާނީ ކަރާމާތް ހިމާޔަތްކޮށް ކުރިއަރުވަން މަސައްކަތްކުރާ ޖަމުޢިއްޔާއެއް ވެސް މެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު