މިއަދަކީ ފުލުހުންގެ މެމޯރިއަލް ދުވަސް

އަލީ އަޒްލީފް
23 Jul 2024
ރިޕޯޓް

މިއަދަކީ ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަކުރާ ދުވަހެވެ. މެމޯރިއަލް ދުވަހަކީ ފުލުހުންގެ ޑިއުޓީ އަދާކުރަމުން ދަނިކޮށް ނުވަތަ ޑިއުޓީ އަދާކުރުމުގެ ސަބަބުން ދިމާވާ އެކި ހާދިސާތަކާއި ކަންކަމުގައި މި ދުނިޔެއާ ވަކިވެފައިވާ ފުލުހުންގެ ހަނދާން އާކޮށް އެފުލުހުން ގައުމަށްޓަކައި ވެފައިވާ ގުރުބާނީއާއި ކޮށްދީފައިވާ ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން ފާހަގަކުރާ ދުވަހެކެވެ.

މި ދުވަހަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެންމެ މަތިވެރި ޤުރުބާނީއެއް ވެވަޑައިގެންފައިވާ ބަޠަލުންގެ ހަނދާން އާކޮށް، އެ ފުލުހުންގެ ހިތްވަރާއި ޢަޒުމް ފާހަގަކުރާ ދުވަހެކެވެ.

ކޮންމެ އަހަރެއްގެ ވެސް ޖުލައި މަހުގެ 23 ވަނަ ދުވަސް ފުލުހުންގެ މެމޯރިއަލް ދުވަހުގެ ގޮތުގައި ފާހަގަކުރަން ދިވެހި ސަރުކާރުން ހަމަޖައްސާފައިވަނީ 2012 ވަނަ އަހަރުއެވެ. މިދުވަސް ރަސްމީކޮށް ފާހަގަކުރަން ފަށާފައިވަނީ 2013 ވަނަ އަހަރުގެ ޖޫން 16 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ފެށި ޕޮލިސް މެމޯރިއަލް ޑޭ އޯޑަރުގެ ދަށުންނެވެ.

މި ނިންމުމަކީ ފުލުހުންގެ ޚިދުމަތުގެ އަގު ވަޒަންކުރުމަށާއި، ޤައުމީ ފެންވަރުގައި ފުލުހުންގެ މަސައްކަތުގެ މުހިންމުކަން ފާހަގަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޖުލައި 23 ވަނަ ދުވަހަކީ ފުލުހުންގެ ޝަރަފުވެރި ޔުނީފޯމުގައި ކ. ކާށިދޫގައި ފުލުހަކު ރަސްމީ ޑިއުޓީގައި ރައްޔިތުންގެ ޚިދުމަތުގައި ހުއްޓައި، ގޭ ބަންދުގައި ހުރި މީހަކު ބަންދުން އަމިއްލައަށް ވީއްލިގެން އުޅެނިކޮށް، ގާނޫނުގައިވާ ގޮތުގެމަތިން ގޭ ބަންދުގައި ހުންނަން އޭނާއަށް އެންގުމުން އުފެދުނު ހިތްހަމަނުޖެހުމުގައި އޭނާ ދިން ހަމަލާއަކުން ޝަހީދުވެ ޕޮލިސް ސަރޖަންޓް އާދަމް ޙަލީމު މި ދުނިޔެއާ ވަކިވެގެންދިޔަ ހިތާމަވެރި ދުވަހެވެ. ފުލުހުންގެ މެމޯރިއަލް ދުވަސް ނިސްބަތްވަނީ ޝަހީދު ޕޮލިސް ސަރޖަންޓް އާދަމް ޙަލީމް މި ފަނާކުރަނިވި ދުނިޔެއާ ވަކިވި ހާދިސާއަށެވެ.

މި ހިތާމަވެރި ހާދިސާއަކީ ފުލުހުންގެ މަސައްކަތުގެ ނުރައްކާތެރިކަމާއި، ފުލުހުން ކޮންމެ ދުވަހަކު ކުރިމަތިލާންޖެހޭ ގޮންޖެހުންތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ ހެއްކެކެވެ. ޝަހީދު އާދަމް ޙަލީމުގެ ޤުރުބާނީއަކީ ފުލުހުންގެ ވާޖިބު އަދާކުރުމުގައި ދައްކުވައިދެއްވި މަތިވެރި ނަމޫނާއެކެވެ. މިއަދު އަޅުގަނޑުމެން ހަނދާންކުރަނީ ހަމައެކަނި ޝަހީދު އާދަމް ޙަލީމު އެކަންޏެއް ނޫނެވެ. ފުލުހުންގެ ޚިދުމަތުގައި އެކި ދުވަސްވަރު ޝަހީދުވެފައިވާ އެންމެހައި ފުލުހުންގެ ހަނދާން އާކުރެވެއެވެ.

ދިވެހި ފުލުހުންގެ މެމޯރިއަލް ދުވަސް މިދެންނެވި ދުވަހާ ގުޅުވައިގެން ފާހަގަކުރާގޮތަށް ސަރުކާރުން ހަމަޖެއްސެވީ އެ ހާދިސާއަކީ ފުލުހުން ރާއްޖޭގައި އުފެދި ޚިދުމަތްކުރަންފެށި ފަހުން ދެކޮޅުވެރި ހަމަލާއެއްގައި ފުލުހަކު ޝަހީދުވި ފުރަތަމަ ހާދިސާކަމަށްވާތީއެވެ.

މި އަހަރުގެ މެމޯރިއަލް ދުވަސް ފާހަގަކުރުމުގެ ގޮތުން، ފުލުހުންގެ ޝަރަފުވެރި ޚިދުމަތުގައި ދެމިތިއްބައި ޝަހީދުވެފައިވާ ފުލުހުންނާއި ޚިދުމަތުގައި ދެމިތިބެ ރައްޔިތުންނަށް ޚިދުމަތް ކުރަމުން ދަނިކޮށް ނިޔާވެފައިވާ ފުލުހުންގެ ހަނދާން އާކޮށްފައިވެއެވެ. އެގޮތުން މާލެ އާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ ފުލުހުންގެ މަރުކަޒުތަކުގައި ފުލުހުންގެ ދިދަ ބައި ދަނޑިއަށް ތިރިކޮށް، ދުވަހާ ގުޅިގެން ހާއްސަ ދުއާއެއް ކުރުމާއި އެ ފުލުުހުންގެ ހަނދާން އައު ކުރުމުގެ ގޮތުން ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު