އުނގޫފަރުގައި ކަރަންޓުގައި ޖެހި ޒުވާނަކު ނިޔާވި މައްސަލައިގައި ފެނަކަ 50،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.
ރ. އުނގޫފާރުގައި ކުޑަ ކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހިތާމަވެރި ހާދިސާއާ ގުޅޭގޮތުން ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ މެއި 2024 ވަނަ ދުވަހު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރުގައި ކުޑަކުދިންތަކެއް ކަރަންޓުގައި ޖެހި ހިނގައިދިޔަ ހިތާމަވެރި ހާދިސާގެ މަޢުލޫމާތު އެ އޮތޯރިޓީއަށް ލިބުނީ މީސް މީޑިއާގެ ޒަރިއްއާއިން 24 މެއި 2024 ވަނަ ދުވަހެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ހަމަ އެ ދުވަހު އެ އޮތޯރިޓީން ވަނީ މި މައްސަލައިގެ ތަހްޤީޤު ފަށާފައެވެ.
މިގޮތުން އެ އޮތޯރިޓީން ވަނީ ކަން ހިނގައިދިޔަ ގޮތާއި އެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލުންނާއި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ސާފުކޮށްފައެވެ.
ދެންނެވުނު ހިތާމަވެރި ހާދިސާ ހިނގަން ދިމާވެފައިވާ މައިގަނޑު ސަބަބކީ އެ ރަށުގެ މަގުބައްތިތަކަށް ކަރަންޓް ދިނުމުގައި ހުންނަންޖެހޭ ސަލާމަތީ ކަންކަމާމެދު ފެނަކަ ކޯޕަރޭޝަން ލިމިޓެޑުގެ އިހުމާލުވުމުން ކަމުގައި އެ އޮތޯރިޓީގެ ތަޙުޤީޤުން ސާބިތުވީހިނދު، ޤާނޫނު ނަންބަރު: 2020/26 (ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނު) ގެ 48 ވަނަ މާއްދާގެ (ހ) ގެ (1) ގެ ދަށުން 50,000/- (ފަންސާސް ހާސް ރުފިޔާ) އިން 22 ޖުލައި 2024 ގައި އެ ކޯޕަރޭޝަން ޖޫރިމަނާކޮށް މި ޖޫރިމަނާގެ ފައިސާ ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި މި އޮތޯރިޓީއަށް ދެއްކުމަށް އެފަރާތަށް ވަނީ އެންގިފައެވެ.
އަދި، މިފަދަ ހާދިސާތަކުން ރައްކާތެރި ވުމަށްޓަކައި ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ރަށްރަށުގެ ތެރެއިން، މަގު ބައްތި ތަކުގައި އާރތު ލީކް ސަރކިޓް ބްރޭކަރ (އީ.އެލް.ސީ.ބީ) އާއި މިނިއޭޗަރ ސަރކިޓް ބްރޭކަރ (އެމް.ސީ.ބީ) ހަރުނުކޮށް ހުރި ނަމަ، އެ ތަކެތި ސަރުކާރު ބަންދު ނޫން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހަރުކޮށް މަގު ބައްތިތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށާއި، އަދި މި މުދައްތުތެރޭގައި އެކަން އިސްލާހު ނުކުރެވިއްޖެނަމަ، އެކަންކޮށް ނިމެންދެން މަގުބައްތިތަކުން ކަރަންޓުގެ ޚިދުމަތް މެދުކަނޑާލުމަށް މި އޮތޯރިޓީން ވާނީ ފެނަކަ ކޯޕަރޭޝަން ލިމިޓެޑަށް އަންގާފައެވެ.