އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ޕާކިސްތާން ހައި ކޮމިޝަނާ ބައްދަލުކުރައްވައިފި

އައިޝަތު ޝިއުރާ
30 Jul 2024
ހަބަރު

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދިވެހިރާއްޖޭގައި ހުންނަޕާކިސްތާނުގެ ހައި ކޮމިޝަނުގެ ޑެޕިއުޓީ ހެޑް ޒުލްގަރްނައިން އަޙްމަދް އާއި ބައްދަލުކުރައްވައިފިއެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން މި ބައްދަލުވުމުގައި ބައިވެރިވަޑައިގަތީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ އަދި ޕްރޮގްރާމް އޮފިސަރ ޢައިޝަތު ސާހާ ސޮބާހްއެވެ. 

މި ބައްދަލުވުމުގައި ޕާކިސްތާނުގެ ލަހޯރގައި ހުންނަ ބީކަންހައުސް ޔުނިވަރސިޓީއިން ސާރކް ޤައުމުތަކުގެ ދަރިވަރުންނަށް އާރޓް އަދި ޑިޒައިން ޕްރޮގްރާމުތަކުގައި ބައިވެރިވުމަށް ދެވޭ ފުރުޞަތުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މިފަދަ ހުނަރުވެރި ކުދިންނަށް ފުރުޞަތުތައް ފަހިކޮށްދިނުމަށް މަޝްވަރާކުރެވުނެވެ. 

މީގެ އިތުރުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދެވޭ ތެރަޕީތަކުގެ ތެރެއިން ބިހޭވިއަރަލް ތެރަޕީއަށް ޚާއްސަ ތެރަޕިސްޓުންނާއި އެނަލިސްޓުން ތަމްރީނުކުރުމުގައި މި ދާއިރާގައި މަސައްކަތް ކުރަމުންދާ ޕާކިސްތާނުގެ ފަންނީ ތަޖުރިބާކާރުންގެ އެހީތެރިކަން ހޯދުމަށްވެސް ވަނީ މަޝްވަރާކުރެވިފައެވެ.  

އެއާއެކު، ދިވެހިރާއްޖޭގައި ހުންނަ ޕާކިސްތާނުގެ ހައި ކޮމިޝަނާއި ގުޅިގެން ކުރިއަށްގެންދިޔަ "ގެވެށި ގުޅުން" ކެމްޕެއިން އަލުން މުރާޖާކޮށް، އައު ޕްލޭންތަކަކާއެކު އިޖުތިމާޢީ ބަދަހި މަދަދުވެރިން (އިބަމަ) ގްރޫޕްތަކާ އެކީގައި ކުރިއަށް ގެންދިއުމަށްވެސް މި ބައްދަލުވުމުގައި ވާހަކަދެކެވުނެވެ. އިބަމަ ގްރޫޕުތަކާއެކު މި މަސައްކަތްކުރުމުގެ މަޤްޞަދަކީ ދެމެހެއްޓެނިވި ގޮތެއްގައި، މެދު ކެނޑުމެއްނެތި މިފަދަ އިޖުތިމާޢީ ރައްކާތެރިކަމުގެ މަސައްކަތްތައް ހަރުދަނާކުރުމަށް ބާރުއެޅުމެވެ. "ގެވެށި ގުޅުން" ކެމްޕެއިނަކީ ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތްކޮށް، އެފަދަ އަނިޔާ ލިބެމުންދާ ފަރާތްތައް ރައްކާތެރިކޮށް، ގެވެށި އަނިޔާއާ ގުޅޭ ގޮތުން މުޖުތަމަޢުގައި ހޭލުންތެރިކަން އިތުރުކުރުމަށް 2022 ވަނަ އަހަރު ކުރިއަށްގެންދެވުނު ޕްރޮގްރާމެކެވެ. 

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ނައިބު އައިމިނަތު ނަމްޒާ ފާހަގަކުރެއްވި ގޮތުގައި މި ބައްދަލުވުން ވެގެންދިޔައީ ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވުނު ބައްދަލުވުމަކަށެވެ. އެކަމަނާ ވިދާޅުވީ، ޕާކިސްތާނު ހައި ކޮމިޝަންއާއި ގުޅިގެން މުހިންމު، ދެމެހެއްޓެނިވި މަސައްކަތްތަކެއް ވަރަށް އަވަސް މުސްތަޤްބަލެއްގައި ފެށިގެންދާނެކަމަށެވެ.  

އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ގުޅިގެން ކުރެވޭ ތަފާތު މަސައްކަތްތަކުގައި ޕާކިސްތާން ހައި ކޮމިޝަނުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެވުޒާރާއިން ޝުކުރުދަންނަވައެވެ. 

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު