މިއަދަކީ މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް

އަލީ އަޒްލީފް
30 Jul 2024
ރިޕޯޓް

ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 30ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ފެންވަރުގައި ފާހަގަކުރާ "މީހުން ޓްރެފިކްކުރުމާ ދެކޮޅަށް މަސައްކަތްކުރާ ދުވަސް" މިއަހަރުގެ މި ދުވަހަށް ކަނޑައަޅާފައިވާ ޝިޢާރަކީ "މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގައި އެއްވެސް ކުޑަކުއްޖަކު އިސްތިސްނާ ނުކުރުން"

ކުޑަކުދިން އެކި ބާވަތުގެ އެކްސްޕްލޮއިޓޭޝަންގެ ޢަމަލުތަކަށް ހުށަހެޅެމުންދާއިރު މީގެ ތެރޭގައި މަޖުބޫރުން މަސައްކަތްކުރުވުމާއި، އެކި ބާވަތުގެ ކުށްކުރުމުގައި ކުޑަކުދިން ބައިވެރިކުރުވުމާއި، ޤާނޫނާ ޚިލާފަށް އެޑޮޕްޓްކުރުމަށްޓަކައި ކުޑަކުދިން ޓްރެފިކްކުރުމާއި، އަދި ޖިންސީ އަނިޔާގެ ޝިކާރައަކަށް ކުޑަކުދިން ހެދުން ހިމެނެއެވެ. ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މީހުން ޓްރެފިކްކުރުމުގެ ޝިކާރައަކަށްވާ ކޮންމެ ތިން މީހުންގެ ތެރެއިން އެކަކީ ކުޑަކުއްޖެކެވެ.

މިއީ ވަރަށް ކަންބޮޑުވާންޖެހޭ ކަމެކެވެ. ކުޑަކުދިންނަކީ އަޅުގަނޑުމެންގެ މުސްތަޤްބަލު އަދި ޤައުމުގެ މުސްތަޤްބަލަށްވާއިރު އެ ކުދިންނަށް ޙައްޤުވެގެންވަނީ ރައްކާތެރިކަމާއި، އޯގާތެރިކަމާއި، އަދި ބިރުވެރިކަމުން އެއްކިބާވެފައިވާ މާޙައުލެއްގައި ބޮޑުވުމެވެ.

މި މަޤްސަދު ހާސިލުކުރުމަށްޓަކައި، ރަށު ފެންވަރުގަ، ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް، ވަރުގަދަކުރަން ޖެހެއެވެ. މިއީ އަޅުގަނޑުމެންގެ ޒިންމާއެއް ކަމަށްވާއިރު މީހުން ޓްރެފިކްކުރުމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ޓްރެފިކްކުރުމަށް މެދުވެރިވާ މައިގަނޑު ސަބަބުތައް ދެނެގަނެ، އެކަންކަން ނައްތާލުމަށް މަސައްކަތްކުރުމެވެ.

އަދި ވަކިން ޚާއްސަކޮށް ކުޑަކުދިން ޓްރެފިކްކުރުމަށް މެދުވެރިވާ ސަބަބުތައް ނައްތާލުމަކީ މުހިންމެ ކަމެކެވެ. އެގޮތުން ފަޤީރުކަމާއި، ތަޢުލީމީ ދަތިކަމާއި، އިޖުތިމާޢީ ހަމަޖެހުން ނެތުމަކީ ޓްރެފިކްކުރުމުގެ ޢަމަލު ހިންގާ ފަރާތްތަކަށް އެކަން ކުރުމަށް މަގުފަހިވާ ކަންކަމެވެ.

އެކުދިންނަށް ބޭނުންވަނީ ދިގު މުއްދަތުގެ ބެލެހެއްޓުންތެރިކަމާއި، ނަފްސާނީ އެހީތެރިކަމާއި، ތަޢުލީމާއި، އަދި އޯގާތެރިކަމާއެކު އެކުދިންގެ ދިރިއުޅުން އަލުން ބިނާކުރުމުގެ ފުރުސަތުތަކެވެ.

މީހުން ޓްރެފިކްކުރުމަކީ ވަކި ޤައުމެއްގެ ނުވަތަ ވަކި ސަރަޙައްދެއްގެ އިމުގެ ތެރޭގައި ހިފެހެއްޓިފައިވާ ކަމެއް ނޫނެވެ. އެހެންކަމުން، ޓްރެފިކިންގގެ ވިއުގަތައް ނައްތާލުމަށާއި، އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކަށް ދުނިޔޭގެ އެއްވެސް ތަނެއްގައި ރައްކާތެރިކަން ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ދުނިޔޭގެ ހުރިހާ ޤައުމުތަކުން އެއް އަމާޒަކަށް މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ.

މީހުން ޓްރެފިކްކުރުމުގެ ކުށުން އެއްކިބާވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށްޓަކައި، މިކަމާ ދެކޮޅަށް އިސްނަގައިގެން މަސައްކަތްކުރާ ފަރާތްތައް އެކަށީގެންވާ ގޮތެއްގައި ތަމްރީނުވެފައި ތިބުން ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެމެވެ. މި ތަމްރީނުތައް ބިނާވެފައި އޮންނަށް ޖެހޭނީ ޓްރެފިކިންގގެ ޝިކާރައަކަށްވެފައިވާ މީހުން ދެނެގަތުމަށްޓަކައި އެފަދަ މީހުންގެ ކިބައިން ފާހަގަކުރެވޭ ކަންކަން ދެނެގަންނާނެ ގޮތުގެ މައްޗަށެވެ. ހަމައެހެންމެ މިފަދަ ހާދިސާތައް ކޮންމެ މާޙައުލެއްގައިވެސް ހިނގައިދާނެކަމާއި، އަދި މިފަދަ ޙާލަތްތަކުގައި ހުންނަ މީހުންނާމެދު ކުށްވެރިންގެ ގޮތުގައި ނުބަލައި އޯގާތެރިކަމާއެކު މުޢާމަލާތްކުރާނެ ގޮތްތަކަކީ ކޮބައިކަން ބުނެދިނުމުގެ މައްޗަށެވެ.

ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުން ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާ ކުރުމުގެ ގޮތުން މައިގަނޑު ހަތަރު ސިޔާސަތެއް އެކުލަވާލެވި މި ސިޔާސަތުތަކާއި އެއްގޮތަށް މަސައްކަތް ކުރިއަށް ގެންދިޔުމަށް މިހާރުވާނީ ނިންމާފައެވެ.

މިގޮތުން މީހުން ޓްރެފިކްކުރުން ހުއްޓުވުމުގެ ގޮތުން ހުށަހަޅާ ސިޔާސަތުގައި އެންމެ ބޮޑަށް އަލިއަޅުވާލާފައިވަނީ ލާމަރުކަޒީ އުސޫލުން ކަމާގުޅުންހުރި މުއައްސަސާތަކުގެ މެދުގައި މި މަސައްކަތަށް ޤާބިލު މީހުން ބިނާކުރުމާއެކު، އެފަރާތްތަކުގެ ބައިވެރިވުން އިތުރުކޮށް، ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރާ ގޮތާއި މިކަމާއި ގުޅުންހުރި އާންމު މަޢުލޫމާތުތަކަށް އާންމުން އަހުލުވެރިކުރުމުގެ މަސައްކަތް އިތުރުކުރުމަށެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުމާއި ދެކޮޅަށް ކުރާ މަސައްކަތްތަކަށް ފުރިހަމަ މައުލޫމާތުދީ، ރަނގަޅު މިސްރާބެއް ފޯރުކޮށްދިނުމަށްޓަކައި ނޭޝަނަލް އެންޓި ހިއުމަން ޓްރެފިކިންގ ސްޓިއަރިން ކޮމިޓީ (މީހުން ޓްރެފިކްކުރުމާގުޅޭ ކަންކަން ވިލަރެސްކުރާ ކޮމެޓީ) މެދުވެރިކޮށް ޕޮލިސީ ލެވެލް ފެންވަރުގައި ނިންމަންޖެހޭ ސިޔާސަތާއި ނިންމުންތައް ނިންމައި، އެ ނިންމުންތައްވީ އެންމެ އަވަހަށް ތަންފީޒުކުރުމުގެ މަސައްކަތްތައް ކުރުންވެސް ހިމެނެއެވެ.

މިއާއެކު، ދިވެހިރާއްޖޭގައި ހިނގާ ހިއުމަން ޓްރެފިކިންގގެ އަމަލުތަކުން ރައްކާތެރިކަން ހޯދުމަށް މައުލޫމާތު ލިބޭނެ ގޮތް ފުޅާކުރުމާއި، ހިއުމަން ޓްރެފިކިންގ އާއި ގުޅޭ މައްސަލަތައް ރިޕޯޓް ކުރެވޭނެ ހަރުދަނާ ގޮތްތަކެއް އެކުލަވާލުމާއި، ޓްރެފިކިންގގެ ޝިކާރައަކަށްވާ ފަރާތަށް ލިބެންހުރި ރައްކާތެރިކަމާއި އެހީތެރިކަމާ ގުޅޭ ހޭލުންތެރިކަމުގެ މައުލޫމާތު ކަމާގުޅޭ ސަރުކާރުގެ އިދާރާތަކާއި، އެން.ޖީ.އޯ އަދި ސީ.އެސް.އޯތަކުގެ ކަމާގުޅުންހުރި އެހެނިހެން އިދާރާތަކަށް މައުލޫމާތު ފޯރުކުރުމުގެ މަސައްކަތްތައް އިތުރު ކުރުމަށް މިހާރު ވަނީ ނިންމާފައެވެ.

މީގެ އިތުރުން ހިއުމަން ޓްރެފިކިންގއަށް މީހުން ހޭލުންތެރިކުރުމުގެ މަސައްކަތުގައި ކޮމިއުނިޓީ އެންގޭޖްމަންޓް ހަރަކާތްތައް ހިންގައި، އެން.ޖީ.އޯ އަދި ސީ.އެސް.އޯތަކުގެ އިތުރުން މައިގްރަންޓް ކޮމިއުނިޓީތަކާއި ހޯސްޓް ކޮމިއުނިޓީތަކުގެ ބައިވެރިވުން އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ދިވެހިރާއްޖޭގައި މީހުން ޓްރެފިކްކުރުމުގެ ޝިކާރައަށްވެފައިވާ ފަރާތްތަކަށް ރައްކާތެރިކަން ދިނުމުގެ ސިޔާސަތުގައި އިސްކަންދީފައިވާނީ، އިންސާނީ ހައްގުތަކުތަކާއި އިންސާނީ ކަރާމާތް ހިފެހެއްޓުމަށާއި، ހަމަހަމަ ވިކްޓިމް ސެންޓަރޑް، ޓްރައުމާ އިންފޯމްޑް، އަދި ޖެންޑަރ ސެންސިޓިވް ގޮތަކަށް މަސައްކަތްތައް ބިނާކުރުމަށެވެ.

މީގެ އިތުރުން ސަރުކާރުގެ އަމާޒަކީ ދިވެހިރާއްޖޭގައި ހިނގާ މީހުން ޓްރެފިކްކުރުން ހުއްޓުވުމާއި، އެފަދަ ފަރާތްތަކަށް ދޭންޖެހޭ ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ގޮތުން ކޮންމެހެން އެކުލަވާލަންޖެހޭ އެސްއޯޕީތަކާއި، ގައިޑްލައިންތަކާއި، މިންގަނޑުތައް ކަނޑައެޅުމާއި، މެނުއަލްތައްވީ އެންމެ އަވަހަށް އެކުލަވާލުމެވެ.

އަދި މި އަމާޒު ހާސިލްކުރުމަށްޓަކައި ގްރައުންޑް ލެވެލްގައި މަސައްކަތްކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި، އެން.ޖީ.އޯތަކާއި ކޮމިއުނިޓީ ތަމްސީލްކުރާ ޖަމާއަތްތައް އެއްތަނަކަށް އެއްކޮށް މި މަސައްކަތް ފެށުމަށް ވާނީ ނިންމާފައެވެ.

މީހުން ޓްރެފިކްކުރުމުގެ ކުށުގެ ޝިކާރައަކަށްވާ މީހުންގެ ސަލާމަތާއި ރައްކާތެރިކުރުމާއި، އެ ފަދަ ފަރާތްތައް ރައްކާތެރިކަމާއެކު އެނބުރި މުޖުތަމައުއަށް އައުމަށް ނުވަތަ ރީއިންޓަގްރޭޓްކުރުމާއި،އެ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ އެހީ ފޯރުކޮށްދިނުމަށް މުއައްސަސާތައް ބާރުވެރިކުރުމުގެ މުހިންމުކަން ދެނެގަނެ، މީގެ ތެރެއިން ރީއިންޓެގްރޭޝަން ފްރޭމްވޯކެއް އެކުލަވާލުމަށް މިހާރު ހިނގަމުންދާ އިންޓަރވެންޝަންތަކާއި ގެޕްތަކާއި ވިއޭބަލް އޮޕްޝަންތައް ވެސް ޕްރޮޓެކްޝަން ސްޓްރެޓެޖީގައި މެޕް ކުރުމަށް މަސައްކަތްކުރުމަށް ނިންމާފައިވެއެވެ.

ހިއުމަން ޓްރެފިކިންގގެ މައްސަލަތަކަށް ޖިނާއި ގޮތުން ދައުވާކުރުމުގެ މަރުހަލާއަށް ބިނާކޮށް އެކުލަވާލައިފައިވާ މި ސްޓްރެޓެޖީގައި ބޮޑަށް އަލިއަޅުވާލާފައިވަނީ ޕްރޮސެކިއުޓަރުންނާއި، ފަނޑިޔާރުންނާއި، ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އަދި ކަމާބެހޭ އެހެން ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީނާއި ކަމާ ގުޅުންހުރި ތައުލީމު ދިނުމަށެވެ.

މީހުން ޓްރެފިކިންގގެ މައްސަލަތައް ޝަރީޢަތުގެ މަރުހަލާގައި ލަސްވުމާއި، މައްސަލަތައް ސާބިތުވާ މިންވަރު ދަށްވުމަކީ ކޮންމެ އަހަރަކު ޓިޕް ރިޕޯޓުގައި ފާހަގަކުރާ ކަންކަމަށްވާއިރު މިކަންކަން ހައްލުކުރުމުގެ ގޮތުން ޕްރޮސެކިއުޝަން މަރުހަލާގައި ގެންގުޅެން ޖެހޭ ސިއްރުތައް ހިފެހެއްޓުމާއި، ދައުވާކުރުމުގައި ދިމާވާ އެކިއެކި ގޮންޖެހުންތަކާއި ކޮމްޕްލެކްސިޓީތަކަށް ހައްލު ހޯދުމާއި،ގާނޫނު ތަންފީޒުކުރުމަށް ހަރުދަނާ ގޮތެއްގައި ޖަވާބުދާރީކުރުވުމުގެ މުހިންމުކަން ފާހަގަކުރުމާއި، ތަހުގީގުތަކާއި ދައުވާތައް އަވަސްކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ.

ކޮމެންޓް
އިތުރު ލިއުން
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން - ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
19 Sep 2024
ހަބަރު
ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި
ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.
19 Sep 2024
ހަބަރު
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު