އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ގާއިމުކުރުމަށް އިންވެސްޓަރުން ހޯދަނީ

އައިޝަތު ޝިއުރާ
31 Jul 2024
ހަބަރު

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ގާއިމުކުރުމަށް އިންވެސްޓަރުން ހޯދުމަށް އެންވަޔަރަންމަންޓް މިނިސްޓްރީން އިއުލާންކޮށްފިއެވެ.

މިއީ ވާލްޑް ބޭންކުގެ އެހީގައި އެންވާރަމެންޓް މިނިސްޓްރީ އިން ހިންގާ އެކްސަލަރޭޓިންގ ރިނިއުވަބަލް އެނަރޖީ އިންޓަރގްރޭޝަން އެންޑް ސައިސްޓެއިނަބަލް އެނާރޖީ – އެރައިސް ޕްރޮޖެކްޓްއިން އިން ހިންގާ މަޝްރޫއުއެކެވެ.

އެންވާރަމެންޓް މިނިސްޓްރީން ބުނީ މި މަޝްރޫއުގެ ދަށުން ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ބޭނުންވާ ކެޕިޓަލް ހަރަދުކޮށް، 20 އަހަރުގެ މުއްދަތަށް ނިޒާމު ބަލަހައްޓައި އެއިން ކަރަންޓް އުފައްދާނީ މަޝްރޫއުގެ ބީލަން ކާމިޔަބުކުރާ ކޮންޓްރެކްޓަރެވެ. އަދި ކޮންޓްރެކްޓަރ ހޮވާނީ ކޮމްޕެޓެޓިވް ބިޑިންގ ޕްރޮސެސްއެއްގެ ތެރެއިން ބީލަންތަކުގެ އިވެލުއޭޝަން ހަދައި އެ ކުންފުނިތަކުގެ ފަންނީ އަދި މާލީ ގާބިލުކަން މިނެކިރައި، ގާއިމުކުރާ ސޯލަރ ޕީވީ ނިޒާމުތަކުން އުފައްދާ ކަރަންޓް ދައުލަތައް ވިއްކުމަށް އެއްމެ ކުޑަ ރޭޓެއް ހުށަހަޅާ ކުންފުންނަކަށް ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

އައްޑޫ ސިޓީގެ މޫދުގައި 10 މެގަވޮޓް ސޯލަރ ޕީވީ ޤާއިމުކުރުމުގެ މަޝްރޫޢުގެ ދަށުން ސ. މަރަދޫ ބަނދަރު އަދި ސ. ހުޅުމީދޫ ސެންޓްރަލް ބަނދަރުގައި 2 މެގަވޮޓްގެ ސޯލަރ ޕީވީ ހަރުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި ހިތަދޫ ޕޯޓު ސަރަޙައްދުގައި 8 މެގަވޮޓްގެ ސޯލަރ ގާއިމްކުރުމަށްވެސް ނިންމާފައި ވެއެވެ.

10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ޕީވީ ނިޒާމުގެ ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 29 އޮކްޓޯބަރ 2024 އެވެ.

މި މަޝްރޫއުގެ މަސައްކަތް ކުރާނެ ކޮންޓްރެކްޓަރަކު ހޮވޭނެ ކަމަށް ބެލެވެނީ 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރު ތެރޭގަ އެވެ. ކޮންޓްރެކްޓަރަކު ހޮވައި ސޯލަރ ޕީވީ ނިޒާމު ގާއިމުކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުތަކުގައި ހަދަންޖެހޭ ތިމާވެށި އަދި އެހެނިހެން ފަންނީ ސަރވޭތައް ނިމި އަމަލީ މަސައްކަތް ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2025 ވަނަ އަހަރުގެ ފަހު ކުއާޓަރު ތެރޭގަ އެވެ. އަމަލީ މަސައްކަތް ނިމި މި ނިޒާމުތަކުން ކަރަންޓް އުފައްދަން ފެށޭނެ ކަމަށް އަންދާޒާކުރެވެނީ 2026 ވަނަ އަހަރުގެ 2 ވަނަ ކުއާޓަރު ތެރޭގަ އެވެ. 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ނިޒާމު ގާއިމުކުރެވި އެ ނިޒާމުން ކަރަންޓު އުފައްދަން ފެށުމުން ޖުމުލަކޮށް މި ރަށްތަކުގައި ކަރަންޓް އުފެއްދުމަށްޓަކައި ބޭނުންކުރާ ޑީސެލުން އަހަރަކު ގާތްގަނޑަކަށް 4.43 މިލިއަން ލީޓަރު ދަށްވެގެން ދާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދީފައި ވެއެވެ. އަދި ދައުލަތުން ތެލަށް ކުރާ ހޭދައިގެ ތެރެއިން ގާތްގަނޑަކަށް އަހަރަކަށް 35.5 މިލިއަން ދިވެހި ރުފިޔާ ސަލާމަތްކުރެވޭނެ ކަަމަށްވެސް މައުލޫމާތުދީފައި ވެއެވެ.

އެރައިސް މަޝްރޫއިން އައްޑޫގައި ގާއިމުކުރާ 10 މެގަވޮޓްގެ ފްލޯޓިންގ ސޯލަރ ގެ އިތުރުން ވޯލްޑް ބޭންކުން ހިންގާ އެސްޕަޔަރ މަޝްރޫއިންވެސް އައްޑޫގައި 05 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކުރުމުގެ މަސައްކަތްވެސް މިހާރު ކުރިއަށް އެބަދެ އެވެ. އެހެންކަމުން އެސްޕަޔަރ އަދި އެރައިސް މަޝްރޫއުގެ ތެރެއިން 13 މެގަވޮޓްގެ ސޯލަރ ޕީވީ ނިޒާމު އައްޑޫގައި ގާއިމުވެގެންދާނެ އެވެ. މި މަޝްރޫޢުއުތަކުން ސޯލަރ ހަކަތައިން ކަރަންޓް އުފައްދަން ފެށުމުން ރާއްޖޭގެ ތެލަށްކުރާ ހޭދައިން 46.2 މިލިއަން ދިވެހި ރުފިޔާ އަހަރަކު ސަލާމަތް ކުރެވޭނެ ކަމަށް މިނިސްޓްރީން އަންދާޒާކޮށްފައި ވެއެވެ.

އެރައިސް މަޝްރޫއަކީ ރާއްޖޭގައި ބޭނުންކުރާ އިއާދަކުރަނިވި ހަކަތައިގެ ނިސްބަތް ބޮޑުތަނުން އިތުރުކޮށް އިއާދަކުރަނިވި ހަކަތައިން އުފައްދާ ކަރަންޓް ރައްކާކުރެވޭނެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކޮށް ރަށްރަށުގެ ކަރަންޓް ވިއުގަތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ބޭރުގެ އެހީއާއި އެކު މިނިސްޓްރީން ހިންގާ މަޝްރޫއެކެވެ.

މި މަޝްރޫއިން ރާއްޖޭގެ އެކި ރަށްރަށުގައި 36 މެގަވޮޓްގެ ސޯލަރ ޕީވީ ގާއިމުކޮށް 40 މެގަވޮޓް އަވާގެ ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމްތައް ގާއިމުކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ރާއްޖޭގެ 19 ރަށެއްގެ ކަރަންޓް ވިއުގަވެސް މި މަޝްރޫއުގެ ތެރެއިން އަޕްގްރޭޑްކޮށް ޒަމާނި ފެންވަރަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު