ޓްރެފިކް މޮނީޓަރުން ތަމްރީނުކުރުމުގެ 100 ވަނަ ޕްރޮގްރާމް ފުވައްމުލަކުގައި ފަށައިފި

އައިޝަތު ޝިއުރާ
04 Aug 2024
ހަބަރު

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަނާއި މިނިސްޓްރީ އޮފް އެޑިއުކޭޝަން ގުޅިގެން ސްކޫލު ދަރިވަރުންނަށް ކުރިއަށް ގެންދާ ޓްރެފިކް މޮނީޓަރުން ތަމްރީނު ކުރުމުގެ 100 ވަނަ ޕްރޮގްރާމް ފުވައްމުލަކުގައި ފަށައިފިއެވެ.

މިއަދު ފުވައްމުލަކު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ސިޓީ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ފަސީލެވެ. މި ރަސްމިއްޔާތުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަސްލަމް ޙުސައިން، ޕޮލިސް ރޯޑު ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަނުގެ މުއައްޒަފުން، ފުވައްމުލަކު ސިޓީ ޕޮލިހުގެ މުވައްޒަފުންނާއި ފުވައްމުލަކު ސްކޫލު، ހާފިޒް އަހްމަދު ސްކޫލު، ޏ.އަތޮޅު ތައުލީމީ މަރުކަޒް، މުޙައްމަދު ޖަމާލުއްދީން ސްކޫލްގެ މުދައްރިސުންނާއި ޓްރެފިކް މޮނިޓަރުން ބައިވެރިވެފައިވެއެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ފުވައްމުލަކު ސިޓީ ކޮމާންޑަރު ދެއްކެވި ވާހަކަފުޅުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން އެހެން މީހުންނަށް ބުނެދިނުމާއި ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މަގުމަތީގައި ގަވާއިދާ ހިލާފަށް ދުއްވައިފިނަމަ ހިތާމަވެރި ހާދިސާތައް ހިނގަން މެދުވެރިވާކަމަށާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ގަވާއިދާ އެއްގޮތަށް ދުއްވުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

ހަމައެއާއެކު މައިންބަފައިން ވެލައްވާ ގުރުބާނީތަަކަށް އިހުތިރާމްކޮށް، އެފަރާތްތަކަށް ލޯތްބާއި އިހުތިރާމާއެކު މުއާމަލާތްކުރުމަށް އެދިލެއްވިއެވެ. އެކަންކަމުގެ އިތުރުން، ލީޑަރޝިޕް ދައްކައި، ހެދިފައިވާ ގަވާއިދާ އެއްގޮތަށް އުޅުމާއި، އަމިއްލަ ސަލާމަތާއި ރައްކާތެރިކަމާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިސްކަންދިނުމުން ރަނގަޅު މަސައްކަތްތަކެއް ފެނިގެންދާނެކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން،މި ޕްރޮގްރާމުން ދަސްވާ ކަންކަން އަމަލީ މައިދާނުގައި ފުރިހަމައަށް ހިފައި އަބަދުވެސް ނަމޫނާ ދެއްކުމަށާއި ނަމޫނާ ދަރިވަރުންތަކަކަށް ވުމަށް ދަރިވަރުނަށް ނަސޭހަތްތެރިވެލެއްވިއެވެ.

މިރަސްމިއްޔާތުުގައި ޏ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް އަސްލަމް ޙުސައިން ދެއްކެވި ވާހަކަފުޅުގައި، ދީނުގައި އެންމެ ބޮޑަށް ބާރު އަޅާފައިވާ ކަންތައްތަކުގެ ތެރެއިން ހިމެނޭ އެއްކަމަކީ މަގުމަތީގެ އަދަބުތަކަށް އިހުތިރާމް ކުރުންކަމުގައި ފާހަގަކުރައްވައި، މިއީ އެކަންކަން ދަސްކޮށްދިނުމަށް ހިންގޭ ޕްރޮގްރާމެއްކަމަށް ވިދާޅުވިއެވެ. އަދި އެކި ނަންނަމުގައި މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ ހުރިހާ ރަނގަޅު ސިފަ ތަކަކީ އަހަރެމެންގެ ދީނުގެ ތެރެއިން އައިސްފައިވާ ކަންކަމަށްވާއިރު، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގެ އަދަބުތަކަށް މިޖީލުގެ ދަރިވަރުން ހޭލުންތެރި ކުރުމުގެ މަގުސަދުގައިކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ގާއިމްކުރުމަށް ކޮންމެ ކުއްޖަކުވެސް މަސައްކަތްކުރަން ވާނެކަމަށާއި ޕްރޮގްރާމުގައި ލިބިގެންދާ މައުލޫމާތުގެ އަލީގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށާއި އޮންނަ އުސޫލުން ކަންކަން ކުރެއްވުމަށް ނަސޭހަތްތެރިވެލެއްވިއެވެ.

މިއަދުން ފެށިގެން ހަ ދުވަހުގެ މުއްދަތަށް ފުވައްމުލަކު ސްކޫލުގައި ކުރިއަށް ގެންދާ މި ޕްރޮގްރާމަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި، އެގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވައި، މަގުމަތީގެ ސަލާމަތާ ރައްކާތެރިކަން ނަގަހައްޓާ ދަމަހައްޓާނެ ޖީލެއް ބިނާކުރުމަށާއި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުމުގައި އަމަލީގޮތުން ސްކޫލު ކައިރީގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން ބައިވެރިކޮށް އެކަމަށް ދަރިވަރުން ތަމްރީނުކުރުމަށްޓަކައި ފުލުހުންނާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.

ޓްރެފިކް މޮނިޓާސް ތަމްރީނު ޕްރޮގްރާމްގައި، ޓްރެފިކް ބެލެހެއްޓުމުގައި އަމަލުކުރަންޖެހޭ ގޮތުގެ ތަމްރީނު ދަރިވަރުންނަށް ދޭނެއެވެ. އަދި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް މަސައްކަތްކުރާނެގޮތް ދަސްކޮށްދިނުމަށް ސެލްފް ޑިފެންސް ކުލާސްތަކާއި ޓީމް ބިލްޑިންގް ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.އޭގެ އިތުރުން، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތުދިނުމާއި ޓްރެފިކް މޮނީޓަރުންގެ ގޮތުގައި ދަރިވަރުން ހަރަކާތްތެރިވާއިރު ރިވެތި ބަހުން މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދޭނެއެވެ.

މި ޕްރޮގްރާމުގައި ފުވައްމުލަކު ސްކޫލުގެ 32 ދަރިވަރުންނާއި ހާފިޒް އަހްމަދު ސްކޫލުގެ 34 ދަރިވަރުންނާއި ޏ.އަތޮޅު ތައުލީމީ މަރުކަޒްގެ 27 ދަރިވަރުންނާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ 31 ދަރިވަރުން ހިމެނޭހެން ޖުމްލަ 124 ދަރިވަރުން ބައިވެރިވެއެވެ.

ކޮމެންޓް
އިތުރު ލިއުން
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާތެއް ނެތް: ރައީސުލްޖުމްހޫރިއްޔާ
މި ސަރުކާރަށްވުރެ ބޮޑަށް ނޫސްވެރިންނަށް ފުރުސަތުދޭ އެހެން ސަރުކާރަކުން ނެތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
05 Dec 2025
ހަބަރު
މަސްތުވާތަކެތީގެ ބޮޑު ނެޓްވޯކެއް އައްޑޫއިން؛ 19 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުރުކޮށްފައިވޭ
އައްޑޫ ސިޓީގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ އެންމެ ބޮޑު އެއް ނެޓްވޯކްގެ އިސް ލީޑަރުންތަކެއް މޯލްޑިވްސް ޕޮލިސް ސަރވިސަސް އިން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ އޮޕަރޭޝަން އަލިމަގުގެ ނަމުގައި މުޅި ރާއްޖޭގައި ހިންގާ އެންޓި ނާކޮޓިކްސް ކްރެކްޑައުންގެ ތެރެއިންނެވެ.
04 Dec 2025
ހަބަރު
މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުުނު މީހަކު ހައްޔަރުކޮށްފި
ގއ.މާމެންދޫ އަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
04 Dec 2025
ހަބަރު
ސ. ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފި
ސ.ހުޅުމީދޫ އިރުން 5 މޭލު ބޭރުގައި ވަދު ކަނދުފަތި ޤާއިމްކޮށްފިކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން ބުނެފިއެވެ.
04 Dec 2025
ހަބަރު