ހާލު ކިހިނެތް ޕްރޮގރާމް ވިލިމާލޭގައި ފެށުން

"ހާލު ކިހިނެތް؟" ޕްރޮގްރާމް ގެ ތެރެއިން ވިލިމާލެ ގެތަކަށް ޒިޔާރަތް ކުރަން ފަށައިފި

އަލީ ޝާހީން
07 Aug 2024
ހަބަރު

"ހާލު ކިހިނެތް؟" ޕްރޮގްރާމް ގެ ދަށުން ވިލިމާލޭގައި ހުރިހާ ގެތަކަށް ޒިޔާރަތްކުރަން މިހާރުވަނީ ފަށާފައެވެ. 

އޯގާތެރި މުޖުތަމަޢެއް ބިނާކުރުމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް، ރައްޔިތުންގެ ހާލަތު ދެނެގަނެ، ރައްޔިތުންނާއި ގާތުން މަސައްކަތްކޮށް، އާއިލާތަކުގެ ހާލަތު ރަނގަޅު ކުރުމާއެކު، އިޖުތިމާއީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ފަށައިގެން ކުރިއަށް ގެންދާ "ހާލު ކިހިނެއް؟" ޕްރޮގްރާމު ވިލިމާލޭގައި ފަށައިފި އެވެ.

މިއަދު ހަވީރު 4:00 ގައި ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު، ވަޒީރު ޑރ އައިޝަތު ޝިހާމް ވެސް ވަނީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ގެތަކަށް ޒިޔާރަތްކުރައްވާފަ އެވެ.

ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާ ވިލިމާލޭ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމެޓީއާއި ގުޅިގެން އެ ކޮމެޓީގެ އެހީތެރިކަމާއެކުގައެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން މައުލޫމާތު ދިން ގޮތުގައި، އެ ވުޒާރާއިން ކުރިއަށް އޮތް ދެ ހަފްތާގައި ވިލިމާލޭގެ ހުރިހާ ގެތަކަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. ވިލިމާލޭގައި މި ޕްރޮގްރާމު ފަށާފައިވާއިރު، އެ ވުޒާރާއިން ގެންދަނީ ހުޅުމާލޭގެ ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ވެސް ޒިޔާރަތްކުރަމުން ނެވެ.

މި ޕްރޮގްރާމުގެ މަޤްސަދަކީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ތިބި ރައްޔިތުންގެ ގާތަށް ޒިޔާރަތްކޮށް، އެމީހުންގެ ހާލު ބަލައި، މުޖުތަމަޢުގައި ތިބި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެހީތެރިވުމެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމުގައި، ރައްޔިތުންނަށް ޚިދުމަތްދޭ މުއައްސަސާތަކާއި، ކަމާގުޅުންހުރި އިދާރާތަކާއި އަތޮޅު ކައުންސިލްތަކާއި، ރަށު ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއެކު މި ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްގީއާއި ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި އެ ވުޒާރާގެ އަމާޒަކީ ކުރިއަށް އޮތް އެއް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ގެތަކަށް ޒިޔާރަތްކޮށް، ދައުލަތުގެ ޚާއްސަ ސަމާލުކަމާއި އެހީތެރިކަން ބޭނުންވާ ފަރާތްތައް ދެނެގަނެ، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތާވަލުކުރެވިގެން ރާއްޖޭގެ ހުރިހާ ހިސާބެއްގައި މި ޕްރޮގްރާމު ކުރިއަށް ގެންދިއުމަށް ރާވާފައި ވީ ނަމަވެސް، ޚާއްސަ ސަމާލުކަން ބޭނުންވާ ފަރާތްތަކުން އަވަސް އެހީތެރިކަން ހޯއްދެވުމަށް މި ވުޒާރާގެ ކޯލް ސެންޓަރުގެ ނަންބަރު 1433 އާއި ގުޅުއްވާ މަޢުލޫމާތު ހިއްސާކުރެވޭނެއެވެ. އަދި ޚާއްސަ އިސްކަމެއް ދީގެން އެ ގެތަކަށް ޒިޔާރަތްކޮށް އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް މިވުޒާރާގެ ޓީމްތަކުން ކުރަމުން ގެންދާނެއެވެ.

އެކަކު އަނެކެއްގެ ހާލު ބަލައި އެހީތެރިކަން ފޯރުކޮށްދިނުމުގެ ރީތި ސިފަތައް ދިވެހި މުޖުތަމަޢުގައި އަށަގެންނެވުމާއެކު، ސަރުކާރާއި ރައްޔިތުންނާއި ދެމެދު ގުޅުން ބަދަހިކޮށް އިތުބާރު އުފެއްދުމަކީ މި ޕްރޮގްރާމުން ހާސިލްކުރަން ބޭނުންވާ މުހިންމު ކަންކަމެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު