ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި

ވޭނާއި އުދާހާ ވާ މާލޭގެ މަގުތަކޭ - ފޯވޭ ހިތާމައިން ކީއްހޭ ކުރާނީ؟

އަލީ ޝާހީން
16 Aug 2024
ރިޕޯޓް

ދެބައި އުމުރުން މައްޗަށް ގޮސްފައިވާ މަންމަ އާދައިގެ މަތިން، އަށެއްކަ ކިލޯގެ ބަރުދަން ހުންނަ ވަރުގެ ފޮތް ދަބަސް ކޮނޑުގައި އަޅުވާލަމުން، ލައިގެން ހުރި ހެދުމުގެ ވައަތު އަތުކުރި ތަންކޮޅެއް މައްޗަށް އަރުވާލާފައި އަތުގައި އޮތް ރީތި ގަޑިއަށް ބަލައިލިއެވެ. ދަރިފުޅު ސްކޫލަށް ދާންޖެހޭ ގަޑި ގާތްވެއްޖެއެވެ. ރަށުގައި އުޅޭއިރު ދޮރުމައްޗަށް ހުއްޓިލާފައި ބޭރަށް ބޯދިއްކޮށްލާފައި އުޑުމަތި ބަލައިލާހެން އެކަމެއް ނުކުރެވެއެވެ. ކުޑަކުޑަ ދެކޮޓަރި ހުންނަ ތަންކޮޅުގެ ތެރޭގައި ވަރަށް ދަތިކޮށް އުޅޭއިރު ދުވާލެއް ރޭގަނޑެއް ފަސޭހައިން އެނގޭނީ ކިހިނެއް ހެއްޔެވެ. އިރުގެ އަލިކަމެއް ވަންނާނެ އެއްވެސް ގޮތެއް ހުރި ތަނެއް ނޫނެވެ. ބޮކިތައް އަބަދު ބަހައްޓަންޖެހެނީ ދިއްލާފައެވެ. އަދި ދުނިޔެއަށް ޖެހޭ ވައިރޯޅިއެއްގެ އިޙުސާސްވެސް ނުވާތީ އެއާރކަންޑިޝަން ނޫނީ ފަންކާތައް އަބަދު ހުންނަނީ ޖައްސާފައެވެ.

ދަރިފުޅާ އަވަހަށް ހިނގާށޭ ދާން މަންމަ ބުންޏެވެ. ދެން ކައިރީގައި ހުރި 8 އަހަރުގެ ކުޑަ ފިރިހެން ދަރިފުޅާއެކު ފަސްވަނަ ބުރިން ސިޑިން ތިރިއަށް ހަރުކޮށް ފައިބެއްޖެއެވެ. މަންމަ ދަރިފުޅުގެ އަތުގައި ހިފައިގެން ފުޅާމިނުގައި ދެފޫޓް ކިރިޔާ ހަމަވާ ދުވާރުމަތިން ކުރިއަށް ހިނގައިގެންފިއެވެ. މަންމަ އިސް އުފުލާލާފައި އުޑުމައްޗަށް ބަލައިލިއެވެ. ކަމަކުދާކަށް ނެތެވެ. މުޅި އުދަރެސް އޮތީ ވިއްސާރަ ވިލާތަކުން ބައްދާލާފައެވެ. ހީވަނީ ކަޅުކުލައިގެ ސާލެއް ބޯމަތީގައި ފަތުރާލާފައި އޮތްހެންނެވެ. ކިތައްމެ އަވަހަށް ދާން ބޭނުންވިއަސް އެކަމެއް ނުވާނެއެވެ. ދަރިން ގޮވައިގެން ހިނގާފައި ދާ މީހުންގެ ކިއު ވަރަށް ދިގެވެ. މަގުގެ އަނެއް ފަރާތަށް ބަދަލުވެއްޖެއްޔާމުން ކުރިއަށްދާން ތަންކޮޅެއް ފަސޭހަވެދާނޭ ހިތަށް އެރިއެވެ. އެކަމަކު ކުރާނީ ކީއްހެއްޔެވެ. މަގުގެ މަގަތް ފަރާތުގައި ޕާކްކޮށްފައި ހުރި ސައިކަލުތަކުގެ ކޮޅާކޮޅު ނުފެނެއެވެ. ސައިކަލެއް ނެތް ދޭތެރެއެއްނަމަ އޮންނަނީ ކާރެކެވެ. އެހެންނޫނީ ޕިކަޕެކެވެ. ނޫނީ ލޮރީއެކެވެ. ދެސައިކަލު ދޭތެރެއިން ފިތިގެންވިއަސް މަގު ހުރަސްކުރެވޭނެ ޖާގައެއް ފެނޭތޯ ލޯދީގެން ކުރިއަށް ދިޔައެވެ. އެއްގޮތަކަށްވެސް އެ ފުރުޞަތެއް ނުލިބުނެވެ. އޭރު ވާރޭ ކަނި ޖަހަންފަށައިފިއެވެ. އިސާހިތަކު ހިމަފޮދު ވާރޭ ވެހެން ފަށައިފިއެވެ. މާ ލަސްތަކެއްނުވެ ވިއްސާރަގަނޑަކަށް ވެއްޖެއެވެ. އެހެނަސް، ވާރޭން ނިވާވުމަށް ނަގާނެ ކުޑަގަނޑެއް، ލާނެ ވިއްސާރަ ކޯޓެއްވެސް އަތަކު ނެތެވެ. ތެމުނަސް ހެޔޮކަމަށް އަވަހަށް ސްކޫލް އަތުވޭތޯ އިސްޕީޑު ބާރުކޮށްލީއެވެ. ދުވާރުމަތިން ހިނގަންޖެހެނީ އެންމެ ހިކި ދިޔައިގައި ތޮށިމަތިން ހިނގާފައި ދާހެން، ވެއްޓިދާނެކަމަށް ވަރަށް ބަލައިގެންނެވެ. ކޮންމެއަކަސް، ދުވާރު މަތިން ހިނގާފައި ދާއިރު ވެހޭ ފެނުގެ އަސަރުކުރާލެއް ބޮޑެއް ނޫނެނެވެ. އެކަމަކު ގޭގެއާއި ޢިމާރާތްތަކުގެ އަސްކަނިން ފައިބާ ފެނުން ދެމައިން ތެމިފޯވާން ކައިރިވެއްޖެއެވެ.

ވޭނާއި އުދާހާ ވާ މާލޭގެ މަގުތަކޭ - ވިއްސާރަ ދުވަހެއްގައި މާލޭގެ މަގުމަތި

ދެން، މަންމަ ސިއްސައިގެން ގޮސް ދުވާރު މައްޗަށް ބަލައިލީ، ދަރިފުޅު އައްޗީޑިއޭ ބުނުމުންނެވެ. އޭރު ދަރިފުޅުގެ އެއް ބޫޓްކިބަ ތަގައްޔަރުވެފައި އެވަނީ ބުޅާ ނަޖިހުންނެވެ. އެވަގުތު ދުވާރުގެ ގާތައް އެގޮތްމިގޮތްވެ އަޑިގުޑަން ހެދިފައިހުރި ތަނަކަށް ޖަމާވެފައި ހުރި ފެންފޮދަކުން އެ ބޫޓްކިބަ ސާފުކޮށްލީއެވެ. މިއޮތީ ވާ ބޮޑު ކަމެއް! ހާދަ ގޯހޭ އެ ދާ ކާރު! އެ އަޑު ކަންފަތުގައި ޖެހުމާއެކު މަގުގެ އަނެއް ފަރާތަށް މަންމަ ނަޒަރު ހިންގާލިއެވެ. އެފަރާތު ދުވާރު މަތީގައި ތިބި އެތައް މީހުންނަކާއި ކުދިންގެ ގަޔަށް ކިނލަބު ފެންގަނޑު ބުރުވާލާފައި އެދިޔައީ ބާރަށް ދުއްވި ކާރެކެވެ. ވާނީވެސް އެހެންތާއެވެ. މަގުތައް އޮއްވަޅުގޮނޑިއެއް ފަދައެވެ. އެއްޗެހި ދުއްވާއިރު އެހެން މީހުންނަކަށް ކުޑަކޮށްވެސް ބަލާލަނީއެއް ނޫނެވެ. އެންމެ ބޮޑު އެއް މައްސަލައަކީ ހިނދުކޮޅަކަށް ވިއްސާރަ ވެހިލާތަނުން މަގުގައި ފެން ބޮޑުވާތީއެވެ. ވިއްސަކަށް މިނެޓް ވަންދެއް ބޯކޮށް ވާރޭ ވެހިއްޖެނަމަ ދުވާރުމަތިން ފެންގަނޑު އަރައިގެންގޮސް ތިރިކޮށް ހުންނަ ޢިމާރާތްތަކަށް ވަންނަނީއެވެ. މިކަމުގެ ސަބަބުން ގުދަންކޮށްފައި ހުންނަ ރައްޔިތުންގެ މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުން އިންތިހާއަށް ބޮޑެވެ. އަދި ކާކޫހާތަނަށް އަރާ ފެންގަނޑުން ދުއްވާ އެއްޗެއްސަށް ލިބޭ ގެއްލުންވެސް ކުޑައެއްނޫނެވެ. މަގުތަކުގެ ދެފަރާތު އަރިމަތީގައި ކާނު ހުންނަނީ ނަމަކަށެވެ. ކުންޏާއި ވެގެންގޮސް އަވަހަށް ފެންފޮދެއް ހިނދެނީކީނޫނެވެ. ކާނުތައް ސާފުކޮށްލާތީ ފެންނަނީ ދަމަކުން ބަޑިއެއް ޖަހާހެންނެވެ. ކުރިންވެސް ބުނިހެން، މަގާއި ދުވާރުމަތިން ހިނގާފައި ދިއުމަކީވެސް ބޮޑު އަނިޔާއެކެވެ. ފައިގައި ނޫނީ ކަކުލުގައި ރިއްސާ މީހަކު ދެތިން ދުވަހު ހިނގާލައިފިނަމަ އެކަން ވާނީ ރިހޭ ފައިމައްޗަށް ފޮއި ވެއްޓުން ފަދަ ކަމަކަށެވެ.

ދެން މަގުގައި ހުރި މިސްކިތާއި ގާތްވާތީ ނިންމީ، މިސްކިތް ކުރިމަތިން މަގު ހުރަސްކޮށްލާށެވެ. ކަމަކުދާކަށް ނެތެވެ. ޖެހުނީ ކުރިން ނިންމި ގޮތް ކެންސަލްކުރާށެވެ. މިސްކިތް ދޮރުމަތިވެސް އޮތީ ޕާކްކޮށްފައި ހުރި ސައިކަލުތަކުން ބެދި ބާރުވެފައެވެ. މަންމަ ހިތަށްއެރިއެވެ. މިއޮތީވާ ކަމެކެވެ. ޕާކްކުރުމުގައިވެސް އެއްވެސް ހަމައެއް ލަމައެއް ނެތީއެވެ. ސައިކަލު މިބަހައްޓަނީ މިސްކިތެއް، އޮފީހެއްގެ ކުރިމަތީގަކަންވެސް ބަލާނުލަނީއެވެ. ނުވިތާކަށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ވަދެނިކުތުމަށް ފަސޭހަވާނެހެން ހަދާފައިހުންނަ ރޭމްޕްތަކަށްވެސް ސަމާލުކަމެއް ނުދެއެވެ. ތިމާ ނޫނަސް އެހެން މީހުންވެސް މަގުގެ ބޭނުން ހިފާނެކަން ސައިކަލަކަށް ނުވަތަ އެހެން އުޅަދަނކަށް އެރުނީމާ ގިނަ މީހުންގެ ހިތަކަށް ނާރައެވެ. އަނެއްކޮޅުން މާލޭގެ މަގުތަކުގެ ޙާލަތު މިދަރަޖައަށް ދިޔައީ އެކަށީގެންވާ ޙައްލެއް ސަރުކާރުތަކަށް ނުހޯއްދެވުނީމަތޯ ނޫނީ ސަބަބަކީ ކޮބައިތޯ ސުވާލުއުފެދެއެވެ. މިފަހަކުން ތާރު އަޅައިގެން ހެދި ތިން މަގެއް ފިޔަވާ ދެން ހުރިހާ މަގުތައް އަދިވެސް އެހުރީ، މީގެ 37 އަހަރު ކުރިން ހެދިގޮތަށެވެ. ކޮންމެއަކަސް. ވެހޭ ވާރޭއިންނާއި، ހިއްލާ ދަލުން ތެމިގެން ހުރި މަންމަގެ ވޭނީ އުދާސްތައް އަމިއްލައަށް ބޭރުކޮށްލިއެވެ. ކޮންމެއަކަސް ފަރުތަކާއި، ގިރިތައް ގިނަ ހަލެއްގައި ދަރުކޮށްފައި އަންނަ ބަނޑުއޮޑިއެއްހެން ދެމައިން މަޑުމަޑުން އައިސް ސްކޫލާއި ހަމަވެއްޖެއެވެ. ގޭގޭގެ ބުޑަށް އަޅާފައި އޮންނަ ކުނިކޮތަޅުތައް ގިރާކޮށް، ވޭނާއި އުދާހުގައި ދަރިފުޅު ގޮވައިގެން އައިސް ސްކޫލަށް ވަދެވިއްޖެއެވެ. އެކުއްޖާ ހީވަނީ ފެންމާގަނޑެއްގެ ދަށުގައި ހުރެފައި އައިސް ހުރިހެންނެވެ. އަލަށް އެރި ޗާލު ބޫޓްވެސް ތެމިފޯވީއެވެ. ކޮންމެއަކަސް، ސްކޫލަށް ކުދިން ވައްދަން ރަނގަބީލު ޖެހުމުގެ ކުރިން އާދެވުނީތީވެ މަންމަ ހިތްހަމަޖެހުނެވެ. އެހެންއެވީ، ގިނަ ދުވަސްތަކާއި ޚިލާފަށް، ދުވާރު މަތީގައާއި ކަންކަން މަތީގައި ކޯޅިކޯޅިއަށް ތިބޭ ބިދޭސީންތައް ވިއްސާރައާއި ހެދި މަދުވީމަ ދެމައިންގެ ދަތުރު ފަސޭހަވީމައެވެ.

މަތީގައި އެވަނީ ރަށްފުށުގެ ހިތްފަސޭހަ އަދި އަރާމު ދިރިއުޅުން ދޫކޮށް، ކޮންމެވެސް ސަބަބަކާހުރެ މާލެއަށް ހިޖުރަކޮށްގެން އުޅޭ އެތަކެއް ސަތޭކަ މައިންގެ ތެރެއިން ގިނަ މައިންގެ ހިތްދަތި ތަޖުރިބާއެވެ. ޙަޤީޤަތުގައި މިއީ، މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ވޭނީ އިޙުސާސެވެ. މިކަމާއި ގުޅުވައިގެން ދައްކަންޖެހޭ ވާހަކަ ކޮޅުންލާކަށް ނެތެވެ. މާލޭ ސަރަޙައްދުގެ މަގުތަކުގައި އެއްގަމު އުޅަނދުތައް އިތުރުވުމާއި، އެކަށީގެންވާ ޕާކިންގ ޖާގަ ނެތުމުގެ ސަބަބުން މަގުތަކުގެ އެތަން މިތަނުގައި ޕާކް ކުރަން މިވަނީ މަޖުބޫރުވެފައެވެ. އަދި ޚިޔާލެއް ފިކުރެއްނެތި، ކޮންމެ ތަނެއްގައިވެސް ޕާކްކުރުން މިވަނީ ގިނަ ބައެއްގެ އާދައަކަށް ވެފައެވެ. ޝައްކެއް ނެތެވެ. މަގުތަކުގެ ސާފުތާހިރުކަމާއި، އަމާންކަމާއި އަދި ރައްކާތެރިކަން ކަށަވަރުކުރެވޭނީ ރައްޔިތުން ޒިންމާދާރުވެގެންނެވެ. ފަރުދީ މަސްލަހަތަށްވުރެ މުޖުތަމަޢުގެ އާންމު މަސްލަހަތު އިސްކޮށްގެންނެވެ. ޤާނޫނުތަކާއި ޤަވާޢިދުތައް އެންމެންގެ މައްޗަށް ހަމަހަމަކޮށް ތަންފީޛުކުރެވިގެންނެވެ. އަދި ތަންފީޛީ އިދާރާތަކުން އިތުރަށް ޒިންމާދާރުވެގެންނެވެ. ޤައުމަށް ޖެހިފައި މިއޮތީ އިހަށް ނުވި ރައްކަލެއް މިހާރު ވާށެވެ.

ކޮމެންޓް
އިތުރު ލިއުން
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން - ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
19 Sep 2024
ހަބަރު
ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި
ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.
19 Sep 2024
ހަބަރު
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު