ޖޫރިމަނާ ނުދައްކާނަމަ ޖަލަށްލެވޭނެ

އަލީ އަޒްލީފް
19 Aug 2024
ރިޕޯޓް

"ރިހާކުރު ފުޅި ވަގަށް ނެގި މީހާ 06 އަހަރަށް ޖަލަށް" މިއީ ރާއްޖޭގެ ޖިނާއީ ޢަދުލުގެ ނިޒާމަށް ފާޑުކިޔުމުގެ ގޮތުން ބޭނުންކުރާ ހެޑްލައިނެކެވެ. ރިހާކުރު ފުޅި ވަގަށްނެގި މީހާއަށް ވީގޮތަކީ، ރިހާކުރު ފުޅި ވަގަށްނެގި މައްސަލައަކީ އޭނާގެ މައްޗަށް ސާބިތުވި 6 ވަނަ ވައްކަމުގެ މައްސަލައެވެ. ކުރި ކޮންމެ ވައްކަމަކަށް 1 އަހަރެވެ. މިއީ ކުރިން ޢަމަލުކުރަމުންދިޔަ ޤާނޫނުނުލްޢުޤޫބާތުގައި ވައްކަމުގެ ކުށަށް އަދަބު ކަނޑައަޅަންއޮތް ގޮތެވެ.

ޙަޤީޤަތުގައި ރިހާކުރު ފުޅިއެއް ވަގަށްނެގި މީހަކަށް، އެއީ ކޮންމެ ސަބަބަކާ ހުރެ ނަމަވެސް، 6 އަހަރުގެ އަދަބެއް ކަނޑައެޅުމަކީ ޢާންމުން ބަލައިގަތް ކަމަކަށް ނުވިއެވެ. މިއީ ކުރިން ޢަމަލު ކުރަމުންދިޔަ ޤާނޫނުލްޢުޤޫބާތު  (ޤާނޫނު ނަންބަރު 68/10) ގައި ހުރި ކުށާއި އަދަބު ކަނޑައެޅުމުގެ އުޞޫލުތަކަކީ ހަރުކަށި، ކުށްކުރާ މީހުންނަށް ބުރަ އުޞޫލުތަކެއްކަން ދެނެގަނެވޭ ސާފު މިސާލެކެވެ. ކުރީގެ ޤާނޫނުލްޢުޤޫބާތުގައި ހުރި މިފަދަ ހަމަނުޖެހޭ ކަންކަން އިސްލާޙްކޮށް، އައު ޤާނޫނުލް ޢުޤޫބާތެއް 2014 ވަނަ އަހަރު ވުޖޫދުކޮށްފައިވެއެވެ. އައު ޤާނޫނުލްޢުޤޫބާތުގައި ނިސްބަތުން ކުދި ކުށް ކުރާ މީހުން ޖަލަށް ލުމުގެ ބަދަލުގައި ޖޫރިމަނާ ނުވަތަ މުޖުތަމައަށް ޚިދުމަތްކުރުން ފަދަ ލުއި އަދަބެއް ކަނޑައެޅުމުގެ ފުރުޞަތު އޮވެއެވެ.

ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުމެވެ. ޖޫރިމަނާ އަދަބެއް ނުވަތަ ތަފާތު އަދަބެއް ކަނޑައެޅުމަކީ އިސްތިސްނާ ޙާލަތެކެވެ. އެހެންކަމުން ކުށް ސާބިތުވުމުން ކަނޑައަޅަންޖެހޭ ޖަލު އަދަބުގެ ބަދަލުގައި ކަނޑައަޅާ ޖޫރިމަނާ ނުދެއްކުމުން ނުކުންނާނެ ނަތީޖާއަކީ، އޭނާ އެ ކުރި ކުށަށް އަދަބު ނުލިބުމެވެ.  މި މައްސަލަ ޖިނާއީ ޢަދުލުގެ ނިޒާމުގައި ދަނީ ކުރިމަތިވަމުންނެވެ. ޤާނޫނުލްޢުޤޫބާތުން ދިން މި ލުއި ކުށްވެރިން ނަހަމަ ގޮތުގައި ބޭނުންކުރަނީއެވެ. އެގޮތުން ކޯޓުން ކަނޑައަޅާ މުއްދަތުގައި، ތަކުރާރުކޮށް އެންގުމުންވެސް ޖޫރިމަނާ ފައިސާ ނުދައްކަނީއެވެ.

ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު: 2021/02) ގެ 30 ވަނަ މާއްދާއާއި 38 ވަނަ މާއްދާއަށް ބަލާއިރު، ޖިނާއީ ކުށަކާ ގުޅިގެން ކަނޑައަޅާ ޖޫރިމަނާގެ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގައި ނުދައްކާކަން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން މި އޮފީހަށް އަންގާ ތާރީޚުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކަނޑައެޅިފައިވާ އަދަބު ކުށުގެ އަސްލީ އަދަބަށް (ޖަލު އަދަބު) ބަދަލުކުރުމަށް އެދި ހުށަހެޅިދާނެއެވެ.

މި އުޞޫލާ ޙަވާލާދީ، ޖޫރިމަނާ ފައިސާ ނުދައްކާކަމަށް މީރާއިން މި އޮފީހަށްދޭ މަޢުލޫމާތަށް ބަލައި، ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ އަދަބު ޖަލު އަދަބަކަށް ބަދަލުކޮށްދިނުމަށް މިއޮފީހުން މިގެންދަނީ ދަށުކޯޓަށް ހުށަހަޅަމުންނެވެ.  ޝަރީއަތުން އަދަބު ކަނޑައެޅުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުގެ 30 ވަނަ މާއްދާއާއި 38 ވަނަ މާއްދާގައި މުއްދަތު ގުނާނެ ގޮތުގެ ފުށޫއެރުންތަކެއް ހުރުމުން، އަދަބު އަސްލީ އަދަބަށް ބަދަލުކުރުމަށް ހުރަސްތަކެއް ކުރިމަތިވިއެވެ. ނަމަވެސް މި މައްސަލަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2024/SC-A/06 ޤަޟިއްޔާއިން ވަނީ ޙައްލުކޮށްދެއްވާފައެވެ. ސުޕްރީމް ކޯޓުގެ ނިންމެވުމުގައި ވިދާޅުވެފައިވަނީ އުޞޫލުގެ އިސްވެ ދެންނެވުނު 2 މާއްދާ ސުލްޙަކުރަންވާނީ ޤާނޫނުލްޢުޤޫބާތުގެ މައިގަނޑު ސިޔާސަތު ޙާސިލުކުރެވޭނެ ގޮތަކަށް އަދި ކުށްވެރިޔާގެ މައްޗަށް ކޮށްފައިވާ އސްލު ޙުކުމް ތަންފީޛްކުރެވޭނެ ގޮތަށްކަމަށެވެ.

އަދި މި އޮފީހުން ޢަމަލުކުރަމުން އައި ގޮތަށް ޖުރިމަނާ އަދަބުގެ ފައިސާ ނުދައްކާ މީހުންގެ މައްސަލަތަކުގެ މަޢުލޫމާތު މީރާއިން މި އޮފީހަށް ހުށަހެޅުމުން އަދަބު މުރާޖަަޢާކޮށްދިނުމަށް އެދި ހުށަހެޅޭނެކަމަށެވެ. އެހެންކަމުން، މީގެ ފަހުން ޖޫރިމަނާ ފައިސާ ނުދައްކާނަމަ، ކުށުގެ އަދަބު ޖަލު އަދަބަށް ބަދަލުކުރެވޭނެއެވެ. އެއީ ޖިނާއީ ކުށުގެ އަސްލު އަދަބަކީ ޖަލަށްލުންކަމަށްވާތީއެވެ.

ޖޫރިމަނާ އަދަބެއް ކޯޓުން ކަނޑައަޅަނީ ޖޫރިމަނާ ފައިސާ ދެއްކޭނެ ވަޞީލަތް ހުރިކަން ކޯޓުން ކަށަވަރުކުރުމަށްފަހުއެވެ. އެހެންކަމުން ޖިނާއީ ކުށުގެ އަދަބުގެ ގޮތުގައި ކަނޑައެޅޭ ޖޫރިމަނާ ފައިސާ ނުދެއްކުމަށް ދެއްކޭނެ ޙުއްޖަތެއް ނޯންނާނެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު