ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށްބޮޑު އިސްކަމެއް ދެއްވާ: ނައިބު ރައީސް

އައިޝަތު ޝިއުރާ
27 Aug 2024
ހަބަރު

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ދައުލަތާއި ސަރުކާރުގެ އިދާރާތަކުގެ އިންސާނީ ވަޞީލަތް ތަރައްޤީކުރުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް އަދި ޚާއްސަގޮތެއްގައި ހިންގުމުގެ އިސްފަންތީގެ ވެރިންގެ ފަންތީގެ މުވައްޒަފުން ބިނާކުރުމަށް ވަރަށްބޮޑު އިސްކަމެއް ދެއްވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ލީޑަރޝިޕް ޕުރޮގުރާމުގެ ދެވަނަ ބެޗް "މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމް"ގެ ތަމުރީނު ސެޝަންތައް ރަސްމީގޮތުން ފެށުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ތަރައްޤީގެ އެޖެންޑާއަށް ފާއިތުވި އަހަރުތަކުގެ ތެރޭގައި ފޯރުކޮށްދެއްވި އަގުނުކުރެވޭހާ އެހީތެރިކަމާ އެއްބާރުލެއްވުމަށްޓަކައި ދިވެހި ސަރުކާރުގެ ނަމުގައި އެކުވެރި ޢަރަބި އިމާރާތުގެ ރައީސް، އަދި އަބޫދާބީގެ ވެރިޔާ ހިޒް ހައިނަސް ޝައިޚް މުޙައްމަދު ބިން ޒާއިދު އަލް ނަޙްޔާންއަށާއި ޔޫ.އޭ.އީގެ ބޮޑުވަޒީރު، ނައިބު ރައީސް އަދި ދުބާއީގެ ވެރިޔާ ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމަށާއި ޔޫ.އޭ.އީގެ ނައިބު ރައީސް އަދި ބޮޑުވަޒީރުގެ ނައިބު ހިޒް ހައިނަސް ޝައިޚް މަންސޫރު ބިން ޒާއިދު އަލް ނަޙްޔާންއަށް ޝުކުރު އަދާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި، ކަމާގުޅޭ ޢިލްމާއި ހުނަރު ލިބި، ދުނިޔެއަށް އަންނަ ބޮޑެތި ބަދަލުތަކަށް ލޯހުޅުވި، މުސްތަޤްބަލަށް ތައްޔާރުވެފައިވާ ލީޑަރުންނާއި ސިޔާސަތުތައް އެކުލަވާލާ ފަރާތްތައް ބިނާކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި މީގެ އިތުރުން އެ ފަރާތްތަކުގެ ލީޑަރޝިޕް ހުނަރުތައް ތަރައްޤީކޮށް، އެއީ ކަންކަން ލީޑްކޮށް އީޖާދީ ބަދަލުތައް ގެނެސް، ސަރުކާރުން ކާމިޔާބީތައް ހޯދައިދިނުމުގައި މަސައްކަތްކުރާނެ ޗޭންޖް އެޖެންޓުންގެ ގޮތުގައި ބިނާ ކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިގޮތަށް މަސައްކަތްކުރުމުގައި ގާތް ރަހުމަތްތެރި އަވަށްޓެރި ޤައުމުތަކާ ގުޅިގެން ރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކޮށް ހަރުދަނާކުރުމަށާއި އިދާރާތަކުގެ ޕަރފޯމަންސް ރަނގަޅުކުރުމަށް ކަމާގުޅޭ ފަރާތްތަކާ ވެސް ގުޅިގެން ސަރުކާރުން މަސައްކަތްކުރައްވާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މޯލްޑިވްސް އެގްޒެކެޓިވް ލީޑަރޝިޕް ޕްރޮގްރާމު ފެށުމުގެ ގޮތުން މިއަދު ވަނީ ސްޓްރެޓެޖިކް ލީޑަރޝިޕް އަދި ޕޮލިސީ ރަނގަޅު ނިންމުންތައް ނިންމުމަށް އަމާޒު ހިފައިގެން 2 ދުވަހުގެ މުއްދަތަށް ކުރިޔަށްގެންދާ މަސައްކަތު ބައްދަލުވުމެއްގެ ފަށާފައެވެ. ދެ ދުވަހުގެ މުއްދަތައް ކުރިޔަށްގެންދާ މި ސެޝަންތަކުގައި މި ޕްރޮގްރާމުގައި ހިމެނޭ ޖުމްލަ 5 މޮޑިއުލްގެ ތެރެއިން 2 މޮޑިއުލެއް ކުރިޔަށް ގެންދާނެއެވެ.

މި ޕުރޮގުރާމުގެ ދަށުން ޔޫ.އޭ.އީގައި ވެސް ބައެއް ކުރިއަށްގެންދާނެއެވެ. އެގޮތުން ޕްރޮގްރާމުގެ ބައިވެރިން ޔޫ.އޭއީގެ ކަނޑައެޅޭ ސަރުކާރުގެ ބައެއް އިދާރާތަކަށް ޒިޔާރަތްކޮށް އެ ޤައުމުގެ ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރިއަށްގެންދާ ރިފޯމް އެންޑް މޮޑަރނައިޒޭޝަން ޕުރޮގުރާމުތައް ދެނެގަނެ، ތަޖުރިބާ ހާސިލުކުރުމަށް ހަމަޖެހިފައި ވެއެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު