ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

އައިޝަތު ޝިއުރާ
03 Sep 2024
ހަބަރު

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2024 އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.މި ބިލުން ބޭރުގެ ފަރާތްތަކުން ދިވެހިރާއްޖޭގައި ވިޔަފާރިކުރެވޭ އުސޫލު ބަދަލުކޮށް، ބޭރު ކުންފުނިތަކާއި ރާއްޖޭގައި އިންވެސްޓުކުރާ ފަރާތްތަކަށް، ވަކިކަންތައްތަކެއް ފުރިހަމަކުރުމުން ވިޔަފާރިކުރެވޭގޮތަށް އިޞްލާޙު ގެނެސްފައިވެއެވެ. އެގޮތުން، ބޭރުގެ ފަރާތަކީ ކުންފުންޏެއްނަމަ، ކުންފުނި ރާއްޖޭގައި ރީ-ރަޖިސްޓަރީކުރުމާއި، ކުންފުންޏަކަށްނުވާނަމަ، ކުންފުންޏާބެހޭ ޤާނޫނު ނުވަތަ ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ކުންފުންޏެއްގެ ނުވަތަ ޕާރޓްނަރޝިޕެއްގެ ގޮތުގައި ރާއްޖޭގައި ރަޖިސްޓަރީކުރުމާއި، ފޮރިން އިންވެސްޓްމަންޓު ޤާނޫނުގެ ދަށުން ރާއްޖޭގައި އިންވެސްޓްކުރުމުގެ ހުއްދަ ހޯދުންފަދަ ކަންކަން ފުރިހަމަކުރުމަށް ލާޒިމުކޮށްފައިވެއެވެ.

އޭގެ އިތުރުން އިސްވެދެންނެވުނު ކަންކަން ފުރިހަމަކުރުމަކާނުލައިވެސް، ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) ގެ ދަށުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކުން އިންވެސްޓްކުރެވޭނޭ މަގު ފަހިކޮށްދީފައިވެއެވެ. އަދި މި ސެކިއުރިޓީޒްގައި އިންވެސްޓްކުރަން އެދޭ ބޭރުގެ ފަރާތަކީ، އެކުއިޓީގައި އިންވެސްޓްކުރަން އެދޭ ފަރާތެއްނަމަ، ސެކިއުރިޓީޒް މުޢާމަލާތެއްގައި އެފަރާތަކުން ގަންނަ ޙިއްޞާގެ މިލްކުވެރިކަން 10 އިންސައްތައަށްވުރެ އިތުރުވެގެންނުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް 2 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.  

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު