ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

އައިޝަތު ޝިއުރާ
03 Sep 2024
ހަބަރު

ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިއަދު ތަސްދީޤުކުރައްވައިފިއެވެ.

މި ބިލަކީ، 2024 އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުން، ކުރީގެ ޤާނޫނުގައި ބަޔާންކުރާ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމު ޤާއިމުކުރުމުގެ މަޤްސަދު އިތުރަށް ފުޅާކޮށް، މި ނިޒާމުގެ މަޤްޞަދަކީ، ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންނަށް ޖިސްމާނީގޮތުންނާއި ނަފްސާނީގޮތުން ދުޅަހެޔޮ ޞިއްޙަތަކަށް ވާސިލުވެ ދެމިތިބުމަށް ބޭނުންވާ ޞިއްޙީ ޚިދުމަތާއި ވަސީލަތްތައް ރައްކައުތެރި ގޮތެއްގައި، އަދި އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވޭނެ ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމެއް ޤާއިމުކުރުން ކަމުގައި ވަނީ ކަނޑައަޅައިފައެވެ.

މި ބިލުގައި ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުގެ ކަންކަން ވިލަރެސްކޮށް ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތީން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްކަމުގައި ބަޔާންކޮށްފައިވެއެވެ. އަދި، ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސްގެ މަޤާމަށް ޢައްޔަނުކުރެވޭ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުޠުތަކާއި، އެ މަޤާމުގެ ބާރުތަކާއި މަސްއޫލިއްޔަތުތަކާއި، އެނޫންވެސް އެ މަޤާމާ ގުޅޭ އިޖުރާޢީ ކަންކަން މި ބިލުގައި ބަޔާންކޮށްފައިވެއެވެ. އެގޮތުން، ޞިއްޙީ ޚިދުމަތުގެ ޤައުމީ ނިޒާމަކީ ވަށާޖެހޭ ޞިއްޙީ ފަރުވާގެ ނިޒާމަކަށް ހެދުމަށްޓަކައި އެ ނިޒާމުގައި ފުރިހަމަވާންޖެހޭ ކަންކަމާއި، މި ނިޒާމު ބިނާކޮށް ތަރައްޤީކުރެވިގެންދާނެ ގޮތާއި، އެ ނިޒާމުގެ ދަށުން ލިބިދެވޭ ފަރުވާއާއި ޚިދުމަތްތަކާއި ވަސީލަތްތައް އެދެވޭ ގޮތެއްގައި ފޯރުކޮށްދިނުމަށްޓަކައި އެކަމާ ގުޅޭ އުސޫލުތަކާއި މިންގަނޑުތައް ބަޔާންކޮށް ޤަވާޢިދެއް ހެދުމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

އަދި، ޞިއްޙީ ޚިދުމަތް ދިނުމުގެ ޤައުމީ ނިޒާމުން ފޯރުކޮށްދެވޭ ޕްރިވެންޓިވް ކެއަރގެ ޚިދުމަތުގެ ތެރޭގައި ޢާންމު ޞިއްޙީ ނިޒާމުގެ ތެރޭގައި ހިމެނޭ ޕްރައިމަރީ، ސެކަންޑަރީ އަދި ޓަރޝަރީ ފަރުވާ ހިމެނޭކަމަށާއި، އޭގެ ދަށުން ފޯރުކޮށްދެވެނޭ ޚިދުމަތްތަކާއި އެ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ބަލަންޖެހޭ އަސާސްތައް ބިލުގައި ބަޔާންކޮށްފައިވެއެވެ. އަދި، މި ޚިދުމަތް ފޯރުކޮށްދިނުމުގައި ވަކި މިންގަނޑުތަކެއް ހުންނަންޖެހޭނެކަމަށާއި، މި މިންގަނޑުތައް ކަނޑައަޅައި، ކޮންމެ އަހަރަކު އެއްފަހަރު މުރާޖަޢާކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ މައްޗަށް މި ބިލުން ވަނީ ލާޒިމުކޮށްފައެވެ.

އޭގެއިތުރުން، އާބާދީގެ ނިސްބަތުން ކަމާބެހޭ ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ މިންވަރަށް، ދިވެހިރާއްޖޭގެ ސިޓީތަކުގައި މިނިސްޓްރީން ޕްރިވެންޓިވް ކެއަރގެ ޚިދުމަތް ފޯރުކޮށްދެވޭނެ ފަންނީ މީހުން ހިމެނޭ ޕްރައިމަރީ ކެއަރގެ ޚިދުމަތް ދެވޭނެ މަރުކަޒުތައް ޤާއިމުކުރަންވާނެކަމަށާއި، މި ޚިދުމަތް މެދުނުކެނޑި ދެމުންގެންދާކަން ކަށަވަރުކުރެވޭނެ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ރައްކައުތެރިކަން ދެމެހެއްޓުމަށް މި ނިޒާމު ހިނގާނުހިނގާ ގޮތް މޮނިޓަރކުރުމުގެ ޒިންމާ ކޮމިޝަނަރ އޮފް ކޮލިޓީ އެޝުއަރަންސަށް މި ބިލުން މަތިކޮށްފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާއިރު ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސަސްގެ މަޤާމަށް މީހަކު ޢައްޔަނުކޮށްފައިވާނަމަ، އަދި އެއީ މި ޤާނޫނުގައި ބަޔާންކުރާ ޝަރުޠުތައް ފުރިހަމަވާ ފަރާތެއްނަމަ، މި ޤާނޫނުގެ ބޭނުމަށް ޓަކައި އެފަރާތަކީ މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން އެ މަޤާމަށް އައްޔަނުކުރެވިފައިވާ ފަރާތެއްކަމުގައި ބެލެވޭނެކަމަށް މި ބިލުގައި ބަޔާންކޮށްފައިވެއެވެ.

ޤާނޫނު ނަންބަރު 2015/29 (ޞިއްޙީ ޚިދުމަތް ދިނުމުގެ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނުގެ ދަށުން އެކުލަވާލާފައިވާ ޤަވާޢިދުތަކަށް ގެންނަންޖެހޭ އިޞްލާޙުތައް، މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 3 މަސްދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެކަމުގައި ބަޔާންކުރައްވާފައިވެއެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެން 6 (ހައެއް) މަސް ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ

ކޮމެންޓް
އިތުރު ލިއުން
އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ހޯދައިދިނުން - ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އަމާޒަކީ މިއަހަރު ނިމުމުގެ ކުރިން 100 އިމާމުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީންގެ ފުރުސަތު ހޯދައިދިނުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
19 Sep 2024
ހަބަރު
ކުނިމެނޭޖްކުރުމަށް ބޭނުންކުރާ ވަސީލަތްތައް 18 ރަށަކަށް ހަވާލުކޮށްފި
ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމުގެ މަޤުސަދުގައި މިނިސްޓްރީ އޮފް ކްލައިމެޓްޗޭންޖް، އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަދި ޖަޕާނުގެ އެހީގައި ހިންގާ ގްރޭޓަރ މާލެ އެންވަޔަރަމަންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް ވަނީ ޒޯން 3 (އއ، އދ، ވ، އަދި ކ) ގެ 18 ރަށަކަށް ދެވިފައެވެ. އަދި އޭގެ އިތުރުން ކުނި އެއްކުރަން ބޭނުންކުރާބިން އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 ރަށަކާ އެމިނިސްޓްރީން ވަނީ މިއަދު ހަވާލުކޮށްފައެވެ.
19 Sep 2024
ހަބަރު
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު