މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރައްވައިފި

އައިޝަތު ޝިއުރާ
03 Sep 2024
ހަބަރު

ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ. މި ބިލަކީ، 2024 އޯގަސްޓު 22 ވީ ބުރާސްފަތި ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2024 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 32 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލަށް މައިގަނޑު ގޮތެއްގައި އިޞްލާޙު ގެނެސްފައިވަނީ، ޤާނޫނު ނަންބަރު 18/2014 (ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) އަށް ގެނެވުނު އިޞްލާޙާ ގުޅިގެންނެވެ. އެގޮތުން ވިޔަފާރި ރަޖިސްޓަރީކުރުމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތީން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގައި ހުއްދަކުރެވޭ ސެކިއުރިޓީޒްގެ ބާވަތްތަކުގައި އިންވެސްޓްކުރެވޭނެ އުސޫލުތައް ކަނޑައެޅިދާނެކަމަށާއި، މިގޮތަށް މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުން ހުއްދަކުރާ ބާވަތެއްގެ ސެކިއުރިޓީޒްގައި ބޭރުގެ ފަރާތްތަކަށް އިންވެސްޓްކުރެވޭނެ ގޮތްތައް ކަނޑައެޅުމަކީ ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ.) ގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި މި ބިލުން ވަނީ ކަނޑައަޅައިފައެވެ. އަދި ސްޓޮކް އެކްސްޗޭންޖްގައި ސެކިއުރިޓީޒް ގަނެވިއްކުމުގެ މުޢާމަލާތްތައް ހިންގަނީ ކަނޑައަޅައިފައިވާ އުސޫލުތަކާ އެއްގޮތަށްތޯ ބެލުމަށް މޮނިޓަރިންގ އަދި ކޮމްޕްލަޔަންސް މެކޭނިޒަމެއް ޤާއިމުކުރުމަށް ވެސް ސީ.އެމް.ޑީ.އޭ. ގެ މައްޗަށް މި ބިލުން ލާޒިމުކޮށްފައިވެއެވެ.

އޭގެ އިތުރުން، މި ބިލުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ސެކިއުރިޓީޒްގައި އިންވެސްޓްކުރުމާބެހޭ ގަވާއިދެއް މި ޤާނޫނަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 (ހައެއް) މަސްދުވަހުގެ ތެރޭގައި ހަދައި، އެ ގަވާއިދަށް ޢަމަލުކުރަން ލާޒިމުކޮށްފައިވެއެވެ.މި ގަވާއިދުގައި ހިމެނުމަށް ބަޔާންކޮށްފައިވާ ކަންކަމުގެ ތެރޭގައި އިންވެސްޓްކުރެވޭނެ ބާވަތުގެ ސެކިއުރިޓީޒްއާއި، އެފަރާތްތަކުގެ ކިބައިގައި ފުރިހަމަވާންޖެހޭ ޝަރުޠުތަކާއި، ސްޓްކް އެކްސްޗޭންޖުގައި ސެކިއުރިޓީޒް ގަނެވިއްކުމުގައި ފުރިހަމަކުރަންޖެހޭ އިޖުރާތުތައް ބަޔާންކުރުން ހިމެނެއެވެ.

ޤާނޫނު ނަންބަރު 2/2006 (ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނު) އަށް 3 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ މިއަދު ތަޞްދީޤުކުރެއްވުމާ ގުޅިގެން މި ޤާނޫނު މިއަދު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ މި ޤާނޫނު ތަޞްދީޤުކުރައްވައި، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެން 3 މަސްދުވަސް ހަމަވާ ތާރީޚުގައެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު