އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ވަދެ ބިދޭސީއެއްގެ އަތުން ފޭރުނު މީހާ ހައްޔަރުކޮށްފި

އައިޝަތު ޝިއުރާ
17 Sep 2024
ހަބަރު

އިމިގްރޭޝަން އޮފިސަރެއް ކަމަށް ހެދިގެން ގެއަކަށް ގޮސް ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ތިން މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000 ރުފިޔާ ފޭރުނު މައްސަލައެއްގެ ރިޕޯޓެއް ލިބުނު ކަމަށެވެ.

އަދި މި މައްސަލައާ ގުޅިގެން ހައްޔަރުކުރީ ގ. ބެރުގެ، މުހައްމަދު ނަވީން، 44 ކަމަށާއި އޭނާ ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ވިދާޅުވީ އިމިގްރޭޝަނުން ހިންގާ އޮޕަރޭޝަންތަކުގައި އިމިގްރޭޝަން އޮފިސަރުންގެ އައިޑީކާޑު ފެންނަ ގޮތަށް ހުންނާނެ ކަމަށެވެ. އަދި މިހާރު އޮޕަރޭޝަންތައް ހިންގަނީ ޔުނިފޯމުގައި ކަމަށް ޝަމްޢާން ވިދާޅުވިއެވެ.

އިމިގްރޭޝަން އޮފިސަރުން ކަމަށް ދައްކައިގެން ބިދޭސީއެއްގެ އަތުން ފޯނާއި ފައިސާތަކެއް ފޭރުނުއިރު އިމިގްރޭޝަންގެ ޔުނީފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ބޭރުގެ ނަންބަރަކުން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާކަން ފާހަގަކުރެވިފައިވާތީ އެކަމަށް ސަމާލުވުމަށް އިމިގްރޭޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.

ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވާ ޕޯސްޓެއްގައި މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ވަޓްސްއެޕް މެދުވެރިކޮށް ރާއްޖެއިން ބޭރު ޤައުމެއްގެ ނަންބަރުން ސްކޭމް ވީޑިއޯ ކޯލްތަކެއް ކުރަމުންދާ ކަމަށެވެ. މި ކޯލުތަކުގައި އިމިގްރޭޝަން ޔުނިފޯމާ ވައްތަރު ޔުނިފޯމެއް އަޅައިގެން ތިބޭ ބަޔަކު، އާންމުންނަށް ގުޅަމުން ދާކަމަށް އިމިގްރޭޝަނުން ވިދާޅުވިއެވެ.

އަދި މި ކޯލުތަކުގައި އާންމުންގެ ޒާތީ މަޢުލޫމާތާއި ބޭންކު ކާޑުގެ މަޢުލޫމާތު ހޯދަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށާއި މިއީ އެއްވެސް ހާލެއްގައި އިމިގްރޭޝަން އޮފިސަރުންގެ އަމަލެއް ނޫންކަމުގެ ޔަޤީންކަން ދެއްވާ ކަމަށް އިމިގްރޭޝަނުން ވިދާޅުވެފައިވެއެވެ. އަދި މިފަދަ ސްކޭމް ކޯލުތަކަށް ސަމާލުވުމަށްވެސް އިމިގްރޭޝަނުން އިލްތިމާސްކުރެއްވިއެވެ.

އިމިގްރޭޝަން އޮފިސަރުން ކަމަށް ދައްކައިގެން ބިދޭސީއެއްގެ އަތުން ފޯނާއި ފައިސާތަކެއް ފޭރުނުއިރު ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދަން ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން މާލޭ ސަރަހައްދުގައި އަންނަނީ ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ.

ސަރުކާރުގެ ޢަމާޒަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ މިއޮޕަރޭޝަން ކުރިއަށް އޮތް އެއް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކޮށް، ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނައުމެވެ. އަދި ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭގައި ހައްލުކުރުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

ކޮމެންޓް
އިތުރު ލިއުން
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފި
ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ލ. މާވަށުން މީހަކު ހައްޔަރުކޮށްފިކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައިވަނީ މާވަށުން މަސްތުވާތަކެތި ނައްތާލައި، ސާފު ރަށަކަށް ހެދުމަށް މާވަށު ފުލުހުން ކުރަމުންދާ ހާއްސަ މަސައްކަތުގެ ތެރެއިން ކަމަށެވެ.
12 Mar 2026
ހަބަރު
ރަމަޟާން މަހުގެ ފުރަތަމަ އިޙްޔާ ފޯރަމް މިރޭ
ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިޙްޔާ ފޯރަމް ސިލްސިލާގެ ފުރަތަމަ ފޯރަމް މިރޭ، އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި އޮންނާނެއެވެ.
19 Feb 2026
ހަބަރު
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު