"ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑައިވާސިފިކޭޝަން ޕްރޮޖެކްޓް (ޑީމެޑް ޕްރޮޖެކްޓް)" މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީގެ ދަށަށް ބަދަލުވުމާއި ގުޅިގެން ޕްރޮޖެޖްޓްއާ ގުޅޭ މައުލޫމާތުދީފިއެވެ.
ޑިޖިޓަލް މޯލްޑިވްސް ފޮރ އެޑަޕްޓޭޝަން، ޑީސެންޓްރަލައިޒޭޝަން އެންޑް ޑިވަރސިފިކޭޝަން (ޑީމެޑް) މަޝްރޫޢުއަކީ ވޯލްޑް ބޭންކްގެ 10 މިލިއަން ޑޮލަރުގެ ހިލޭ އެހީގެ ދަށުން ހިންގާ ޕްރޮޖެކްޓެކެވެ.
މި ޕްރޮޖެކްޓުގެ ދަށުން އިޖްތިމާއި އަދި އިޤްތިސާދީގޮތުން އިތުރު ފުރުސަތުތައް ފަހި ކޮށްދިނުމަށްޓަކައި، އިންޓަރނެޓް ފަދަ މުވާސަލާތީ ވަސީލަތްތައް ރެގިއުލޭޓްކުރުމަށްޓަކައި ބޭނުންވާ ޤާނޫނީ އޮނިގަނޑާއި ޓެކްނިކަލް ސެޓްއަޕް ޤާއިމްކުރުމާއި، މި މަސައްކަތް ކުރަމުންދާ ދައުލަތުގެ މުވައްސަސާތަކުގެ ޓެކްނިކަލް ކެޕޭސިޓީ އިތުރުކުރުން ހިމެނެއެވެ.
އަދި ޒަމާނީ ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން ސަރުކާރުގެ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ޓަކައި ޑިޖިޓަލް އައިޑީގެ ނިޒާމާއި ޤާއިމްކުރުމާއި މޫސުމީ ޑާޓާ އަކީ ސިޔާސަތުތައް ކަނޑައެޅުމުގައި ބޭނުންކުރެވޭ ވަސީލަތަކަށް ހެދުމަށްޓަކައި ޑިޖިޓަލް ޓެކްނޯލޮޖީ ބޭނުންކޮށްގެން މޫސުމީ އަދި ތިމާވެއްޓައް އަންނަ ބަދަލުތަކުގެ ޑާޓާ ނަގާ، ރައްކާކުރެވޭ ނިޒާމެއް ޤާއިމްކުރުންވެސް ހިމެނެއެވެ.
17 ނޮވެމްބަރު 2023 ވަނަ ދުވަހު ސަރުކާރުގެ އިދާރާތަކަށް ގެނެވުނު ބަދަލާއިއެކު، ޓެކްނޯލޮޖީގެ މެންޑޭޓް މިނިސްޓްރީ އޮފް ހޯމެލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއަށް ބަދަލުކުރެވުމާއި ގުޅިގެން، 20 އޯގަސްޓް 2024ގައި ޑީމެޑް މަޝްރޫޢު ވަނީ ދާޚިލީ މިނިސްޓްރީއަށް ބަދަލުކޮށްފައެވެ.
މި ޕްރޮޖެކްޓްގެ މުއްދަތަކީ ފަސް އަހަރު ކަމަށްވާއިރު މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 4 ޖުލައި 2022 ވަނަ އަހަރުގައެވެ. އަދި "ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓް (ޕީއެމްޔޫ)" އެކުލަވާލެވި ރަސްމީކޮށް މަޝްރޫޢުގެ މަސައްކަތް ފަށައިގަނެވިފައިވަނީ 2023 ވަނަ އަހަރުގެ ފެބްރުވަރީ މަހުގައެވެ.
މި މަޝްރޫއުގެ ސްޓޭކްހޯލްޑަރުންނަނީ ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ޑިޕާރޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ އިތުުރުން މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީއެވެ.
ޑީމެޑް މަޝްރޫއުގެ ބައިތަކުގެ ތެރޭގައި:
• އިންޓަރނެޓް ރެގިއުލޭޓްކުރުމަށް ބޭނުންވާ ޤާނޫނުތަކާއި، ރެގިއުލޭޓަރގެ ހައިސިއްޔަތުން އިންޓަރނެޓް ފޯރުކޮށްދޭ ކޮލިޓީ ޔަގީންކުރުމަށްޓަކައި، ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްގެ އޮޕަރޭޝަނަލް ކޭޕަބިލިޓީ މަތިކޮށް މަސައްކަތް ކުރުމަށްބޭނުންވާ ޓެކްނޯލޮޖީ ބޭނުންވާ ވަސީލަތްތަކާއި، ފަންނީ މީހުން ތަމްރީންކުރުން މި މަޝްރޫޢުގައި ހިމެނެއެވެ.
• ދައުލަތުން ފޯރުކޮށްދޭ ޚިދުމަތްތަށް، އޮންލައިންކޮށްދޭ އިރު، ހިދުމަތް ހޯދަނީ ސީދާ އެފަރާތަކުން ކަންޔަގީންކުރުމަކީ ވަރަށް މުހިންމުކަމެއްކަމުގައި ވާތީ، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީއިން 2012 ވަނަ އަހަރުން ފެށިގެން އުފަށްދާ ބޭނުންކުރަމުން އަންނަ "އީފާސް" އިތުރަށް ޑިވެލޮޕްކޮށް، ޑިޖިޓަލް އައިޑީއެއްގެ ގޮތުގައި ވަނީ ތައާރަފްކޮށްފައެވެ.
ނަމަވެސް ޑިޖިޓަލް އައިޑީ ނިޒާމަކީ ރައްކާތެރިކަމާއި، ސައްޚަކަމާއި މައުލޫމާތު ބަލަހައްޓާ އަދި އެ މައުލޫމާތު ބޭނުންވާ ފަރާތްތަކަށް ބޭނުންވާ މިންވަރަށް ފޯރުކޮށްދެވޭ މައުލޫމާތަކަށް ވާންޖެހޭއިރު، މި ނިޒާމަކީ ރައްޔިތުން އިތުބާރުކުރާ ނިޒާމަކަށް ހެދުމަށް ބޭނުންވާ ޑޭޓާ ޕްރައިވެސީ، ޑިޖިޓަލް އައިޑެންޓިޓީ، ސައިބަރ ސެކިއުރިޓީ ފަދަ ޤާނޫނުތަކެއް ވުޖޫދުކުރަންޖެހެއެވެ. އަދި ޑިޖިޓަލް އައިޑެންޓިޓީ ބިނާވެފައިވާ ފައުންޑޭޝަނަލް އައިޑެންޓިޓީ ސިސްޓަމް ބެލެހެއްޓުންވެސް ހަރުދަނާކުރަންޖެއެވެ.
މި މަޝްރޫޢުގެ ތެރެއިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ، އަދި ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ އޮޕަރޭޝަން ހަރުދަނާކުރުމަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި، ބައެއް އިކުއިޕްމަންޓް ހޯދުމަށް އެހީތެރިވެދޭގޮތަށް ވަނީ ހަމަޖެހިފައެވެ.
• މޫސުމަށް އަންނަ ބަދަލާއި ގުޅިގެން ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އަންނަ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ދިވެހިރާއްޖޭގެ އިޤްތިސާދީ ސިނާއަތާއި، މާހައުލަށް އެކިވަރުގެ ކާރިސާތަކާއި ކުރިމަތިލާންޖެހޭ މިންވަރު މިވަނީ އިތުރުވެފައެވެ. މިބަދަލުތައް ދެނެގަތުމަށްޓަކައި، ކަނޑުފަޅުގެ މާހައުލަށާއި، ދިރުންތަކަށް އަންނަ ބަދަލުތައް ޤަވައިދުން ދެމެހެއްޓަނިވިގޮތެއްގައި ސަރވޭކޮށް ޑޭޓާ އެއްކުރުމަކީ ބޮޑު ގޮންޖެހުމެކެވެ.
މި މަޝްރޫޢުގެ ދަށުން މި މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި، ކުދި ޕައިލެޓް މަޝްރޫޢުތަކެއް ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި ނަތީޖާއަށް ބަލައި މި މަސައްކަތް ރާއްޖޭގެ އެކިސަރަހަށްދަށް ފުޅާކުރުމުގެ ފުރުސަތު ފަހިކުރެވޭނެއެވެ.
އަދި މި މަޝްރޫޢުގެ ދަށުން، ސަރުކާރުގެ ޕޮލިސީ ޑިސިޝަން ތައް ފަރުމާކުރުމަށްޓަކައި، ތިމާވެއްޓާއި ގުޅުންހުރި ދައުލަތުގެ އިދާރާތަކުން އުފައްދާ ޑޭޓާ އެއްތަނަކުން އެނަލައިޒް ކުރެވޭ ކްލައިމެޓް ޑޭޓާ ޕްލެޓްފޯމެއް ޤާއިމްކުރެވިގެން ދާނެއެވެ.