ގޫގަލް ފޮޓޯ

ބިދޭސީންގެ މައްސަލަ- އަޅުގަނޑުގެ ޚިޔާލު!

އަލީ އާރިފް
13 Jul 2024
ރިޕޯޓް

މި ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ކޮބައިތޯ ސަބަބުވެރި އިންސާނެއްގެ ގާތުގައި ސުވާލުކޮށްފިނަމަ، ޖަވާބާމެދުގައި ވިސްނާކަށް ދެތިން ސިކުންތުވެސް ނުނަގާނެކަން ޔަޤީނެވެ. އެންމެންގެވެސް ޖަވާބަކަށް ވާނީ ބިދޭސީންގެ މައްސަލައެވެ. މިކަމަށް އަޅުގަނޑުވެސް އެއްބަސްވަމެވެ. ހުސްވި އަހަރު އޮތް ބޯހިމެނުމުގެ ތަފާސްހިސާބުން ފެންނަނީ ރާއްޖޭގެ އާބާދީގެ ކޮންމެ ތިން މީހަކަށް އެއް ބިދޭސީ ރާއްޖޭގައި އުޅޭކަމަށެވެ. ޢަދަދުގެ ގޮތުންނަމަ ދެލައްކަ ފަންސާސްހާހަށްވުރެ ހެޔޮވާނެއެވެ. އެ އެންމެންގެ ތެރޭގައި ނުގަވާޢިދަށް އުޅޭ ބިދޭސީންގެ ޢަދަދު ބައިލައްކައަށްވުރެ މައްޗެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާއި ގުޅޭ އެކިކަހަލަ ފީތަކާއި، ޖޫރިމަނާތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ޢަދަދު ދޮޅުބިލިއަން ރުފިޔާއަށްވުރެ ބޮޑުކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން އިއްޔެ ކުރެއްވި ޢިއުލާނެއްގައި ހާމަކުރެއްވިއެވެ. މިފައިސާއަކީ އެއް އަހަރަކުން ނޫނީ އެންމެ ވެރިކަމެއްގެ ތެރޭގައި ނުދައްކާހުރި ފައިސާއެއް ނޫންކަން ޔަޤީނެވެ. ހައިރާންވެ، ސިއްސައިގެން ދާވަރުގެ މި ބޮޑު ޢަދަދުގެ ފައިސާއަކީ ބިދޭސީން ރާއްޖެ ގެނެސްގެން ވަޒީފާ ދޭ ފަރާތްތަކުގެ މައްޗަށް ޤާނޫނާއި، ޤަވާއިދުތަކުން ސަރުކާރަށް ދެއްކުމަށް ލާޒިމުކުރާ ހުރިހާ ފީތަކާއި ޖޫރިމަނާއަށްވާ ފައިސާއެވެ. މިދެންނެވި ޢިއުލާނުގައި ވިދާޅުވެފައިވަނީ، ބިދޭސީންނާއި ގުޅޭ އެކިއެކި ފީތަކާއި ޖޫރިމަނާތައް ދައްކަންޖެހޭ ފަރާތްތަކުގެ ޢަދަދު 10،619 އަރާކަމަށެވެ. އަދި އެ ހުރިހާ އެންމެންގެ ނަންމަތީގައި 102،807 ބިދޭސީން ރަޖިސްޓަރީ ކޮށްފައިވާކަމަށް ދޭހަވެއެވެ.

ސުވާލަކީ މިއަދު ބިދޭސީންގެ މައްސަލަ ޤައުމީ ހައްސާސް މައްސަލައަކަށް ވެފައިމިވަނީ ކޮން ފަރާތެއްގެ ސަބަބުންތޯއެވެ؟ ކޮން ބައެއްގެ އިހުމާލުންތޯއެވެ؟ ނޫނީވިއްޔާ ޤާނޫނުތަކާއި، ޤަވާޢިދުތައް ނެތިގެންހެއްޔެވެ؟ މި މައްސަލައިގައި އަޅުގަނޑާއި، ގިނަ ރައްޔިތުން ޤަބޫލުކުރާ ގޮތާއި މުޅިން އެއްގޮތެވެ. މި ބޮޑު މައްސަލައިގެ ފުނަށް ފީނާލުމުން ފެންނަނީ ގުޅުންހުރި ހުރިހާ ފަރާތްތަކެއްގެ އިހުމާލެވެ. މިބާވަތުގެ އެހެން މައްސަލަތަކެކޭ އެއްގޮތަށް ބިދޭސީންނާއި ގުޅޭ މައްސަލަތައްވެސް ދިމާވާން ފަށާފައިމިވަނީ މީގެ އެތަކެއް އަހަރު ކުރިންނެވެ. މައްސަލަ މަޑުމަޑުން ބޮޑުވެ، ޙައްލުނުގެނެވި ދިގުލައިގެން ދިއުމުގެ ސަބަބުންނެވެ. ކަންވެފައި އޮތްގޮތުން ޤާނޫނުތަކާއި ޤަވާޢިދުތައް ފުރިހަމަ މާނައިގައި ތަންފީޛު ނުކުރެވޭކަން ވަރަށް ސާފެވެ. މިކަމުގައި ބިދޭސީން ރާއްޖެ ގެންނަ ފަރާތްތަކާއި، ސަރުކާރުގެ އިދާރާތަކާއި، އެމީހުން ލައްވާ މަސައްކަތްކުރުވާ ރައްޔިތުން މައްސަލައަކުން އިސްތިސްނާ ނުވެއެވެ.

ކޮންމެ ކަމެއްގައިވެސް ދެކޮޅު އޮންނަ ފަދައިން، ކޮންމެ މައްސަލައެއްގެ ޙައްލުވެސް އޮންނާތާއެވެ. މިއާއެކު، ބިދޭސީންގެ މައްސަލަތައް ޙައްލުކުރުމުގެ އަޑު ގަދަވާ ދުވަސްވަރު އާދެއެވެ. ރައްޔިތުން ކަންބޮޑުވާ މިފަދަ މައްސަލަތަކުގެ އަޑު އެންމެ ގަދަވަނީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގައެވެ. މެނިފެސްޓޯތަކުގައި ފަލަ އަކުރުން ބިދޭސީންގެ މައްސަލަ ޙައްލުކުރުމުގެ ވާހަކަ ލިޔެފައި އޮވެއެވެ. އަދި އަޑުގަނެތްތަނަށް މައްސަލަ ޙައްލުކޮށްދެއްވާނެކަމަށް ބުނެއެވެ. މިވާހަކަ ދައްކާއިރު އެންމެ ހަނދާންވަނީ ނިމުނު ވެރިކަމުގައި ހުންނެވި ވިޔަފާރިއާއި އިޤްތިޞާދާއި ބެހޭ ވަޒީރު ވިދާޅުވި ވާހަކަފުޅެކެވެ. "ޤަވާޢިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙާއްލުނުކުރެވިއްޖެނަމަ މަޤާމުން އިސްތިއުފާ ދެއްވާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ. އެހެންނަމަވެސް، ރައްޔިތުންގެ މަޖިލީހުގެ ސްޕަރ މެޖޯރިޓީއާއެކު ފަސް އަހަރެއްގެ ދައުރެއް ނިންމާލެއްވިއިރު މައްސަލަ އޮތީ އޮތްގޮތަށެވެ. މާބޮޑު މަސައްކަތެއް ނުކުރެއްވުނެވެ. ނުވިތާކަށް އެ ވަޒީރު މަޤާމުން އިސްތިއުފާއެއް ނުދެއްވައެވެ.

ދެން މިއަދު މިފެންނަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އެޖެންޑާގެ އެންމެ ކުރީގައި ބިދޭސީންގެ މައްސަލަ އޮތްތަނެވެ. އެކި ބޭނުންތަކުގައި ރާއްޖޭ އައިސްއުޅޭ ބިދޭސީން ރަނގަޅަށް ދެނެގަތުމާއެކު، އުފެދިފައިވާ މައްސަލަތައް ހަމަމަގަށް އަޅުވަން ސަރުކާރުން މިވަނީ ޚާއްޞަ މަސައްކަތްތަކެއް ފަށައިގެންފައެވެ. އެގޮތުން ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ (ކާކުކަން ދެނެގަތުމަށް ބޭނުންވާ ފޮޓޯ އާއި އިނގިލީގެ ނިޝާން) ނަގަން ފެށުމާއި، އެ މީހުން ޤަވާޢިދަށް ފެއްތުން ހިމެނެއެވެ. އަދި ޤަވާޢިދާއި ޚިލާފަށް އުޅެމުންދާ މީހުން ހޯދާ، އެފަދަ މީހުން ތިބީ ކޮންފަރާތެއްގެ ބެލުމުގެދަށުގައިތޯ ބަލާ އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ކޮންމެއަކަސް، މި ކުޑަކުޑަ ޤައުމުގައި ބިދޭސީންގެ މައްސަލަތައް ޙައްލުވާން ލޮލުންބޮލުން އެދެމެވެ. މިތަނުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކޮޅެއްގެ ވާހަކަ ދައްކާލިއަސް ބިދޭސީންގެ މައްސަލަ މުޅި ރާއްޖެ ވަށައިލެވޭހާވެސް ބޮޑެވެ. އެވެރީންގެ ފުށުން އުފެދޭ އިޤްތިޞާދީ، އިޖުތިމާޢީ، ޞިއްޙީ، ނަސްލީ، ޢާއިލީ، ޖިނާޢީ އަދި މިނޫނަސް ތަފާތު މައްސަލަތައް ވަނީ ފުނިޖެހިފައެވެ. މިހެންވުމުން ޤައުމުގެ ކުރިމަގު މިވަނީ ވަރަށް ބޮޑަށް ފުސްވެފައެވެ. މިފުސްކަން ފިލުވައި އުފާފާގަތި ދިވެހީންގެ ރާއްޖެއެއް ހޯދޭނީ ސަރުކާރާއި، ރައްޔިތުން ގުޅިލާމެހިގެން މަސައްކަތް ކޮށްގެންކަން ކަށަވަރެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު