ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުއާއި އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު.

ރައީސް ޞާލިޙު ނެރުއްވަން އުޅުއްވާ ފޮތުގައި މި ބާބުވެސް ހިމަނާލައްވަންވާނެ ނޫންތޯ؟

އަލީ އާރިފް
25 Aug 2024
ރިޕޯޓް

މަސައްކަތުގެ މާޙައުލުގައި ހިނގައިގެން ނުވާނެފަދަ އަޚްލާޤީ މައްސަލަތަކެއް ކުރީގެ ޓުއަރިޒަމް މިނިސްޓްރީގައި ހިނގައިގެން އުޅޭކަމުގެ ބިރުވެރި އަޑާއެކު ފުރަބަންދުގައި އޮތް ޤައުމު ހޭލައްވާލިއެވެ. އެ ހައްސާސް ޚަބަރު ޤަބޫލުކުރައްވަން ދަތިފުޅުވި ރައްޔިތުން ހާސްކަމެއްގެ ތެރެއަށް ވެއްޓުނީ، އެކަމުގެ ޝަކުވާ އެ މިނިސްޓްރީގެ އަންހެން މުވައްޒަފުންތަކެއް ރައީސުލްޖުމްހޫރިއްޔާއަށާއި، ޖެންޑަރ މިނިސްޓްރީއަށްވެސް ހުށަހެޅުއްވި ހިސާބުންނެވެ. އެކަމާ ގުޅިގެން އޭރު ހުންނެވި ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދު މަޤާމުން ޢިސްތިއުފާ ދެއްވުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު އެންގެވުން ވެގެންދިޔައީ ކޯވިޑް-19 ގެ ބިރުވެރިކަން ތަހައްމަލު ކުރައްވަންޖެހިފައި ތިއްބެވި ދިވެހި ރައްޔިތުން ނަފްސާނީ ގޮތުން ބަލިކަށިކޮށްލި ޚަބަރަކަށެވެ. އެ ހޫނުކަމާއެކު ދެން އިވުނީ ޢަލީ ވަޙީދު މަޤާމުން ވަކިކުރެއްވި ވާހަކައެވެ.

މިހާހިސާބުން 11 އޮގަސްޓް 2021 ގައި، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ބޭއްވެވި ނޫސްވެރީންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ކީކޭތޯ ބަލައިލަމާތޯއެވެ. އެ ނޫސްވެރީންގެ ބައްދަލުވުމުގައި ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލައާއި ގުޅޭގޮތުން ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިޙު ވިދާޅުވީ؛ "އަޅުގަނޑު ކޮމްޕްރޮމައިޒް ވާކަހަލަ އެއްވެސް ލިޔުމެއް، އެއްވެސް އެއްޗެއް އެއްވެސް މީހަކު އަތަކު ނޯންނާނެ، ހާމަކުރައްވާކަށް. އެއީ ޔަޤީން ކަމެއް. ޢަލީ ވަޙީދުގެ މައްސަލަ، އޭގެ ޝަކުވާތައް އަޅުގަނޑާ ހިސާބަށް އައުމުން މިކޮޓަރީގައި އަޅުގަނޑު އެހުރިހާ ކުދީންނާ ބައްދަލުކުރީ މޭޒެއްދޮށުގައި. އެ ކުދީން އެ ކިޔައިދިން ވާހަކަތަކުގެ ޢަލީގައި، ޖެންޑަރ މިނިސްޓަރާއި އަދި މި މިނިސްޓްރީގެ ބޭފުޅަކާ އެކީގައި އަޅުގަނޑު އެ މީޓިންގ ބޭއްވީ. ބާއްވާފައި އަޅުގަނޑަށް އެ ޑިޒިޝަން ނަގަންޖެހިއްޖެކަން އެނގުނީމާ، އަޅުގަނޑު އެ ރެއިން  އެ ރެއަށް އެ ޑިޒިޝަން ނެގީ. އަޅުގަނޑަށް އެވަގުތު ކުރެވުނު އެއްކަމަކީ އެއީ. ޢަލީ ވަޙީދު މަޤާމުން ވަކިކުރުން. އެކަން އަޅުގަނޑު ކުރިން." މި ނޫނަސް ވަރަށް ގިނަ ވާހަކަފުޅުތައް އެ ސުވާލާއި ގުޅިގެން ރައީސް ޞާލިޙު ވިދާޅުވިއެވެ. ޓުއަރިޒަމް މިނިސްޓަރު ކަމުގެ މަޤާމުން އިސްތިއުފާ ދެއްވުމަށް ޢަލީ ވަޙީދަށް ރައީސް ޞާލިޙު އެންގެވުމަށްފަހު، މަޤާމުން ވަކިކުރެއްވީ 09 ޖުލައި 2020 ގައެވެ.

މުޅި މީސްމީޑިއާގައި އެނޫން ވާހަކައެއް އެދުވަސްވަރު ނުފެތުރެއެވެ. ހާސްވެފައި ވާނުވާގައި ތިއްބެވި ރައްޔިތުން ބިރުން ރޫރޫ އަޅަންފެށީ ޢަލީ ވަޙީދުގެ މައްސަލައާއި ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ 12 އަންހެން މުވައްޒަފުން ސީދާ ރައީސް ޞާލިޙުގެ ކަންފަތްޕުޅު ދޮށުގައި އެކަނބަލުންނަށް މިނިސްޓަރ ޢަލީ ވަޙީދުގެ ފަރާތްޕުޅުން ކުރިމަތިވި ބާރުގަދަ  ބިންހެލުމެއް ފަދަ ކަންތައްގަނޑު ޝަރަހަ ކޮށްދިނުމުން ރައީސް ޞާލިޙު ކީރިތިކުރެއްވި ހިތާމަވެރި ޚަބަރުންނެވެ. ރައީސް ޞާލިޙުގެ  ބަޑިފަޅައިގެންދިއުމަކީ މި ދަޢުލަތް ކަރުނައިން ބަރުކޮށްލުން ނޫންތޯއެވެއެ. އެ ހިތާމަވެރި ޚަބަރު އަޑުއިވުމުން ހީވީ ފައިދޮށުން ބިންގަނޑު ދެމިގަތްހެންނެވެ. މިފަދައިން އިޙުސާސް ނުވާންވީވެސް ކީއްވެގެންހެއްޔެވެ. މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް ކުރެއްވީ "ޖިންސީ" ކުރިއަށްލާފައި ކިޔާނެ ހުރިހާ ކުށެއްގެ ތުހުމަތެކެވެ. ދެން، އިސާހިތަކު ފުލުން އަވަދިނެތި މައްސަލަ ތަޙުޤީޤުކުރައްވަން ފެއްޓެވިއެވެ. ދެން، މާ ގިނަ ދުވަހެއްނުވެ ޖިންސީ ކުށުގެ ހަތް ދަޢުވާ ޢަލީ ވަޙީދުއާއި ދެކޮޅަށް ޕްރޮސިކިއުޓަރ ޖެނެރަލް އުފުއްލެވިއެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް އޭރު ހުންނެވި ޕްރޮސިކިއުޓަރ ޖެނެރަލް ޙުސައިން ޝަމީމް އުފުއްލެވި ދަޢުވާތައް:

1. ޖިންސީ އަނިޔާ ކުރުމުގެ ކުށުގެ ދަޢުވާ.

2. ރޭޕްކުރަން އުޅުމުގެ ކުށުގެ ދަޢުވާ.

3. ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ކުށުގެ ދަޢުވާ.

4. ޖިންސީ ގޯނާކުރުމުގެ ކުށުގެ ދަޢުވާ.

5. ޖިންސީ ގޯނާކުރަން އުޅުމުގެ ކުށުގެ ދަޢުވާ.

6. ހުއްދަނޫން ޖިންސީ މުޢާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ 2 ދަޢުވާ.

މިހިރަފެންނަނީ ޢަލީ ވަޙީދުގެ މައްސަލައާއި ގުޅިގެން އެކި މަރުޙަލާގައި އެކި ދުވަސްމަތިން ނިޔުޅެމުންދިޔަ ބައެއް ޚަބަރުތަކުގެ ފަލަ ސުރުޚީތަކެވެ. އެ މައްސަލައިގައި ދިވެހި ދަޢުލަތާއި ސަރުކާރުގެ ކަމާއިބެހޭ މުއައްސަސާތައް ފުރަތަމަ އެލާޓްވެފައި އޮތް މިންވަރާއި، ފަހުން އިހުމާލުވެވަޑައިގެންނެވި މިންވަރުވެސް މި ފެންނަ ސުރުޚީތަކުން އެކަނިވެސް ވަރަށް ސާފުވެއެވެ. އެ  ހައްސާސް މައްސަލައިގައި އޭރުގެ ސަރުކާރުގެ ވެރީންގެ ނިޔަތާއި، ވާހަކަފުޅުތަކާއި އަދި ޢަމަލުފުޅުތައް ދިމާވޭތޯ ބެލުންވާނީ ރޮކެޓް ސައެންސް ދަސްކުރުމަށްވުރެ ދަތި އުނދަގޫ ކަމަކަށެވެ.

- 9 ޖުލައި 2020 – ޖިންސީ ގޯނާގެ ވާހަކަ އައްސަވާފައި ރައީސަށް ކީރިތި ކުރެއްވުނު.

- 9 ޖުލައި 2020 – ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުން ޢަލީ ވަޙީދު ވަކިކުރެއްވައިފި.

- "ރިހާކުރުފުޅި ވަގަށް ނެގި މީހާ" ކޯޓަށް ހާޒިރުކޮށްގެން، އެހެން މީހަކު ވީމާ އެހެން ގޮތަކަށް ޝަރީޢަތް ކުރުމަކީ ޤާނޫނޫއަސާސީގެ ހަމައެއް ނޫން – ޕީޖީ

- 18 ނޮވެންބަރ 2020 – ޖިންސީ ގޯނާގެ މައްސަލައިގައި ޢަލީ ވަޙީދުގެ މައްޗަށް ހަތް ދައުވާއެއް އުފުލައިފި!

- 10 ފެބްރުއަރީ 2021 – ޝަރީޢަތް ކުރިއަށް ދަނިކޮށް ޢަލީ ވަޙީދު ރާއްޖެ ދޫކުރައްވާ ފުރާވަޑައިގެންފި.

- 11 ފެބްރުއަރީ 2021 - ޢަލީ ވަޙީދު ރާއްޖެއިން ފުރި މައްސަލަ ބެލުމަށް މަޖިލީހުގެ އަންހެން މެންބަރުން އެދިވަޑައިގެންފި.

- 14 ފެބްރުއަރީ 2021 - ޢަލީ ވަޙީދުގެ ޕާސްޕޯޓު ދޫކުރި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފި.

- 22 ފެބްރުއަރީ 2021 – ޢަލީ ވަޙީދު ފުރައިގެން ދިއުމުގެ ހުއްދަ ކުރިމިނަލް ކޯޓުން ދެއްވި ގޮތުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީގެ 2021 ވަނަ އަހަރުގެ 7 ވަނަ ބައްދުލުވުމަށް ހުށަހެޅުނު.

- 20 އޭޕްރީލް 2021 – ޢަލީ ވަޙީދުގެ މައްސަލަ ކުރިއަށްގެންދަން ރެޑްނޯޓިސް ނެރެންޖެހިއްޖެނަމަ އެކަންވެސް ކުރާނަން: ޕީޖީ

- 21 ޖޫން 2021 – ޢަލީ ވަޙީދުގެ ޝަރީޢަތް ސިއްރުކޮށްފި.

- 23 އޮގަސްޓް 2021 – ޢަލީ ވަޙީދުގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ ފްރޭމްކޮށްގެން: – ވަކީލުން

- 06 ޖޫން 2023 - ޢަލީ ވަޙީދަށް ކުށް ސާބިތުކުރެވޭނެ ގޮތެއް ނެތްކަމަށް ނިންމައި ޕީޖީ އޮފީހުން ދައުވާތައް ގެންގޮސްފި.

މި މައްސަލައަށް ފުންކޮށް ވިސްނާލުމުން އުފެދޭ އެންމެ ބޮޑު އެއްސުވާލަކީ، ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ ފުށުން ޖިންސީ ކުށުގެ ޝިކާރައަށްވީ ކަނބަލުންގެ ހިލަމެއްވެސް ނޫނީ ޚަބަރެއްވެސް އޭގެފަހުން ނުވުމެވެ. ޤައިމު އެކަނބަލުންގެ ލޯބިވާ ފިރިންނާއި، ދަރިންނާއި އަދި މައިންބަފައިންވެސް ކަންބޮޑުވެފައި ތިއްބަވާނެއެވެ. އެކަމަކު އެ  ޙާދިސާއަށް ތިން އަހަރު ވެގެންދިޔައިރު އިންސާފަށް އެދިވަޑައިގެން ޓަކިޖެއްސެވި ދޮރެއް މި ޤައުމުގައި ހުރިހެންނެއް ހިއެއްނުވެއެވެ. ޤައުމުގެ ރައީސްގެ ހިތްޕުޅު އަސަރުން ފުރި، އަދި ދެ ލޯފުޅު ކަރުނައިން ބަރުވިއިރު، ޖިންސީ އަނިޔާ ލިބުނު ކަނބަލުންނަށް ވާނެވަރު ޚިޔާލަށް ގެންނަވަބައްލަވާށެވެ.

އަޅުގަނޑު ހިތަށް އަރަނީ ދައުލަތުގެ ވަޒީރު ބޭފުޅަކަށްވިއަސް ނޫނީ ހަމަ އެންމެ އާދައިގެ ރައްޔިތެއް ކަމުގައިވިއަސް އެއީ ކަންތައްތައް ހިނގައިގެންވާނެ ގޮތެއްނޫނެވެ. ކޮންމެއަސް، މިއީ ބަހުސް ކުރެވިދާނެ މައްސަލައެކެވެ. އެއްގޮތަކީ، ކުރީގެ މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލައަކީ މުޅި ދަޢުލަތް ޝާމިލްވެގެން ނެތުމުގެތެރެއިން އުފަންކުރެއްވި މާސިންގާ މައްސަލައެކެވެ. އެހެންވެއްޖެއްޔާމުން ކުރީގެ މިނިސްޓަރ ޢަލީ ވަޙީދު އޭރު ހުންނަވާނީ ރަގަނޅަށްވެސް ފްރޭމް ކުރައްވާފައެވެ. މިއީ ޙަޤީޤަތް ނޫންކަމުގައިވާނަމަ އެންމެ ފަހުން އަޑުއިވުނު ވާހަކަ (ޢަލީ ވަޙީދުގެ މައްޗަށް ދަޢުލަތުން އުފުލި ހަތް ދަޢުވާވެސް ޕްރޮސިކިއުޓަރ ޖެނެރަލް އަނބުރާ ގެންދެވި ޚަބަރު) އުފަންނުވީސްކަން ކަށަވަރެވެ.

ކުރީގެ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްސަލަތައް ޖެހުނުއިރު ހުންނެވި ޕްރޮސިކިއުޓަރ ޖެނެރަލް އުސްތާޛު ޙުސައިން ޝަމީމަށް ރައީސް ޞާލިޙު މަޤާމުގެ ފަތްކޮޅު އަރުއްވަވަނީ.

ދެން އޮތީ، މި މައްސަލައާއި ގުޅިގެން ވަރަށް ގިނަ ރައްޔިތުންގެ ވިންދު ހުރި ގޮތެވެ. އެ ރައްޔިތުން ވިދާޅުވާ ގޮތުން، ދިވެހި ރައްޔިތުންނަށް އިހު ނުލިބި އޮތް އިންސާފު ހޯއްދަވައިދެއްވުމަށް ވަޢުދުވެވަޑައިގެން، 2018 ގައި ވެރިކަމާ ޙަވާލުވެވަޑައިގެންނެވި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުން ރައްޔިތުންނަށް އެ ކުރެއްވީ މަލާމާތާއި ފުރައްސާރައެވެ. ޤާނޫނުއަސާސީއާއި، ޤާނޫނުތައް މުގުރާލެއްވީއެވެ. ކަނބަލުންނަށް އެކުރެއްވީ ޖެއްސުމެއް ނޫންބާވައެވެ. އެމަނިކުފާނުގެ އަތްޕުޅުގައި އާރާއި ބާރު އޮތީތީވެ ސިޔާސީ މަންފާ ހޯއްދެވުމަށް ހަމަ ހިތްޕުޅަށް އަރާވަޑައިގަންނަވަހާ ގޮތަކަށް ޢަމަލުކުރެއްވީހެއްޔެވެ. ނޫނީވިއްޔާ އެމަނިކުފާނުގެ އެންމެ އަރިހުގައި އޭރު ތިއްބެވި ބޮޑުންގެ ރަޢުޔަށް ކަންކަން މާ ފަސޭހަކޮށްލެއްވީ ކަމަށްވެސް  ވެދާނެއެވެ. ކޮންމެއަކަސް، ރައްޔިތުން އަދިވެސް ތިއްބެވީ ވާނުވާގައެވެ.

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އިސްވެ، 2018 ވަނަ އަހަރު އުފެއްދެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ގުޅިފައިވާ ސަރުކާރުގައި، އެ ސަރުކާރުގެ އެންމެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް ހުށަހެޅުނު މައްސަލަތަކާއި ވިދިގެން ރާއްޖެ ދޫކުރައްވާ ބޭރަށް ފުރާވަޑައިގަތުންވެސް ވީ ބޮޑު އަރަތެއް ކަހަލަ ކަމަކަށެވެ. ގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުގެ ޢަމަލާއި ބަސް ދިމާވިތަނެއް ފެނިގެންނެއް ނުދެއެވެ. ގާތްގަނޑަކަށް ދެ އަހަރު އިނގިރޭސި ވިލާތުގައި އަރުވާލެވިގެން ހުންނެވުމަށްފަހު، އެބޭފުޅާގެ މައްޗަށް ކުރިމިނަލް ކޯޓްގައި އުފުއްލެވި ދައުވާތައް ޕީޖީ އޮފީހުން ކުއްލި ގޮތަކަށް ނެންގެވުމާއެކު، 11 ޖުލައި 2023 ގައި އެނބުރި މާލެ ވަޑައިގެންނެވިއެވެ. މިކަމާއި ގުޅިގެން މައްސަލަ ދިރާސާކުރެއްވި ބައެއް ބޭފުޅުން ވިދާޅުވެފައިވަނީ، ޢަލީ ވަޙީދުގެ މައްސަލަ އެހާ ހިހޫކޮށް އެދިޔައީ ރައީސް ޞާލިޙާއި ޢަލީ ވަޙީދުއާ ދެމެދު އިނގިރޭސި ވިލާތުގައި ބޭއްވެވި ބައްދަލުވުމުގެ ސަބަބުންނެވެ. އެކަން އެކުރެއްވީ ރައީސް ޞާލިޙު ވެރިކަމުގެ ދެވަނަ ދައުރެއް ހޯއްދަވަން ބޭނުންފުޅުވާތީ އަރިހަށް ކުޅަދާނަ އަޑުގަދަ ބޭފުޅުން ޖަމާކުރެއްވުމުގެ ސިއްރު އެޖެންޑާގެ ދަށުންނެވެ.

އަލީ ވަޙީދު އިނގިރޭސި ވިލާތުން އެނބުރި މާލެ ވަޑައިގަތް ދުވަހު ރަސްމީ ބޮޑު ފާލަން ސަރަޙައްދުގައި ހުންނަވައި ދެއްވި ބަސްދީގަތުން މިވާހަކައަށް ބާރުދެއެވެ. އެބޭފުޅާގެ މައްސަލަ ހިލިގަތުމާއެކު، ޖަޒުބާތުގައި ޖެހިވަޑައިގެން ރައީސް ޞާލިޙުގެ މައްޗަށް ކުރެއްވީ ކޮންކަހަލަ ބޮޑެތި ތުހުމަތުތަކެއްތޯއެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ 35 މިލިއަން ރުފިޔާ ހުރި ކަޅު ދަބަހެއް ރައީސް ޞާލިޙު ގެންދެވިކަމަށް ޢަލީ ވަޙީދު ވަރަށް ޔަޤީންކަމާއެކު މީޑިއާގައި ވިދާޅުވިއެވެ. އަދި ފަހުން މައްސަލަތައް ހުދުކާފޫރަށްވެގެން ގޮސް ހުލިވުމުން ރައީސް ޞާލިޙުގެ ކަރުގައި އެޅުއްވީ ކިހާބޮޑު މާފައްޗެއްތޯއެވެ. އޭގެފަހުން، 07 ޑިސެމްބަރ 2023 ގައި، ހަތް އަހަރު ފަހުން އެބޭފުޅާ އަލުން އެމްޑީޕީއަށް ގުޅިވަޑައިގެން ސިޔާސީ މަސައްކަތް ފެއްޓެވިއެވެ. މިހުރިހާ ކަމެއް އެހެން ހުރުމުން އުފެދޭ ބޮޑު ސުވާލަކީ، ޢަލީ ވަޙީދު ވިދާޅުވި "ސްމޯކް ސްކްރީން" ބޭނުން ކުރައްވައިގެން އެބޭފުޅާގެ ފަހަތުގައި ވިއްދާފައި ހުރީ ކޮން ހިޔަމައެއްތޯ ޔަޤީންކުރައްވަން ޚުދު އެބޭފުޅާ ބޭނުންފުޅުވާ ފަދައިން ދިވެހި ރައްޔިތުންވެސް އެދެނީ އެ މައްސަލައިގެ ވަތުބަތާނައާއި ހަމައަށް ބަލައިލުމަށެވެ.

ކޮމެންޓް
އިތުރު ލިއުން
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު
ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.
18 Sep 2024
ހަބަރު
"ސީޑްސް އޮފް ފިއުޗަރ" ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް
ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ"ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.
18 Sep 2024
ހަބަރު