ބޮޑުރަކުރުފާނުގެ ހަނދާނީ މަރްކަޒު

ޤައުމީ ދުވަސް ފާގަހަކުރަން އެންމެ މުނާސަބު ދުވަހަކީ ހަމަ ޤައުމީ ދުވަހެވެ

އަލީ އާރިފް
04 Sep 2024
ރިޕޯޓް

ޤައުމީ ދުވަހަކީ ކޮންމެ ޤައުމެއްގެ ޙަޔާތުގައި ވެސް ބައްދަލުކުރާ އެންމެ މުހިންމު ދުވަހެވެ. ދިވެހިރާއްޖޭގައި ވެސް މިކަން އޮތީ ހަމަ މިހެންނެވެ. ދިވެހީން 1 ޖަނަވަރީ 1988 ގައި ބަލައިގަތް ޤާނޫނުއަސާސީ (ނޫ ޤާނޫނުއަސާސީ) އިން ފެށިގެން ކަޅާއި ހުދުން ސާފުކޮށް ބަޔާންކޮށްފައިވާ ހަމައެކަނި ދުވަހަކީ ޤައުމީ ދުވަހެވެ. ޤާނޫނުއަސާސީގެ 15 ވަނަ މާއްދާގައި ވަނީ "ދިވެހިރާއްޖޭގެ ޤައުމީ ދުވަހަކީ ރަބީޢުލްއައްވަލް މަހުގެ އެއްވަނަ ދުވަހެވެ". މިކަމުން އެކަނިވެސް ޤައުމީ ދުވަހުގެ ހައިބަތާއި ޤަދަރު ކިތައްމެހާވެސް ރަނގަޅަށް ސާފުވެއެވެ. އެހެނީ، ޤައުމީ ދުވަސް ރަމްޒު ކޮށްދެނީ ޤައުމަށްޓަކައި ފުރާނައިން ޤުރްބާންވެވަޑައިގެންނެވި ހިތްވަރު ގަދަ ބަޠަލުންގެ އަގު މާތްވި ޖިހާދެވެ. ކިޔައިދެނީ އުފަން ވަޒަނުގެ ޙައްޤުގައި ޖާނާއި މާލުން ފިދާވެވަޑައިގެންނެވި ލޮބުވެތި ކާބަފައިންގެ މަތިވެރި ޤުރްބާނީއެވެ. އަދި ހަނދާންކޮށްދެނީ އެންމެ ލޯބިވާ މައިވަންތަ ޤައުމު ކޮޅަށް ޖައްސަވައި ނެގެހެއްޓެވުމަށްޓަކައި ޤައުމުގެ ދަރީން ތާއަބަދު ކުރައްވަމުންގެންދަވާ މިންނެތް ޚިދުމަތުގެ މަތިންނެވެ.

ޤައުމީ ދުވަހުގެ ވާހަކަ މިއަދު ދައްކާއިރު، ހަނދާންކުރަންޖެހޭ އެތައް ހާދިސާއެއް ވެއެވެ. އެއީ، މުއްސަނދި ދިވެހި ތާރީޚީ ތަރިކައެކެވެ. މިއަދާއި މާދަމާގެ ދަރީންނަށް ހުރި ޢިބުރަތްތެރި ފިލާވަޅުތަކެކެވެ. އެގޮތުން، ތާރީޚީ ފަތްފުށްތަކުގައި ރައްކާކުރެވިފައިވާ އެވޭލާ ބައެއް ވާހަކަތައް ކިޔާލުމުން މިއަދުވެސް ގިސްލަމުން ހިތި ކަރުނަ އޮހޮރެއެވެ. އަނެއްބައި ޙާދިސާތައް އަޑުއަހާލުމުން ޤައުމީ ޖަޒުބާތުގައި ޖެހެއެވެ. ޤައުމީ ދުވަސް އަންނަ ހިނދު އެންމެ ގިނައިން އެ ވާހަކައެއް ދައްކާ އަދި ހުރިހާ އެންމެންގެ ދޫތަކުން ތަޢުރީފްގެ ޝުޢޫރުތައް އެކި ލަހުޖާތަކުން އިއްވާ ޤައުމީ ބަޠަލުންގެ ޖިހާދު ޚާއްޞަވެއެވެ. މަޝްހޫރު ބޮޑުތަކުރުފާނަކީ ޤައުމީ ދުވަހުގެ ފަޚުރުވެރި ބަޠަލެވެ. ތިލަދުންމަތީ އުތީމު މަހާރަދުންނަކީ މީލާދީން 16 ވަނަ ޤަރުނުގެ މެދުތެރޭގައި ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވި ޕޯޗްގީޒުންގެ ވިހަ ގަދަ ވަކިތަކުގެ ދަށުން، 15 އަހަރަށްފަހު މި ލޮބުވެތި ފަސްގަނޑު މިނިވަންކޮށްދެއްވި ދިވެހި ރާއްޖޭގެ ސަލާހުއްދީނުން އައްޔޫބީއެވެ. ޤާޒީ ބަންޑާރައިންނަކީ މާތްވެގެންވާ އިސްލާމް ދީނުގެ ދަންމަރު މި ދީބުން ނިވިގެންދިޔަނުދެއްވި ކުޅަދާނަ މުޖާހިދެވެ. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އައުޒަމްއަކީ ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ކަށަވަރުކޮށްދެއްވި މި ރާއްޖޭގެ މަހާތަމާ ގާނދީއެވެ. ހިތްވަރުފުޅު ނުހަނު ގަދަ، ޢަޒުމްފުޅު އެހާމެ ވަރުގަދަ، ހަނގުރާމައިގެ އުކުޅުތައްވެސް މޮޅަށް ދެނެވަޑައިގެން ހުންނެވި އެ ރަދުންނަށް ދިވެހި ދަރީން ދަރާފައިވާ ދަރަނި ކިތައްމެހާވެސް ބޮޑެވެ. އެ މަނިކުފާނު ކަނޑު ފީނާވައިގެން، އަތްވާއި ވާރޭގައި، ދީނާއި ވަޠަނުގެ ދިފާޢުގައި ފަސްޖެހިވަޑައިނުގެން، ކެރިވަޑައިގެން ކުރެއްވި ހަނގުރާމައަށް މި ދީބުގެ ބިމުގެ ކޮންމެ ވެލިފުކެއް ހެކިވާނެއެވެ. އަދި އައްސުލްތާނުލް ޣާޒީ މުހައްމަދު ތަކުރުފާނު ސިރީސަވާދީއްތަ މަހާރަދުންގެ ނަންފުޅުގައި 1 ރަބީޢުލްއައްވަލް 981 އިން 1 ރަމަޟާން 993 އަށް އެތަކުރުފާނު ކުރެއްވި ރަސްކަމުގައި ދިވެހި ގައުމަށް އެކި ރޮނގުތަކުން އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވިއެވެ. ހިންދު ކަނޑުގައި އަލި ރަތް މުތްތަކެއްހެން ވިދަވިދާ، ހާރެއްހެން ގަތާލެވިފައިވާ ޗާލު ޖަޒީރާތަކުގެ ހިމޭން ގޮނޑުދޮށްތަކަށް ރާޅު ބީއްސާހާ ހިނދެއްގައި އެ އަސަރުތައް ފިލުމެއްނެތެވެ. އެ މަހާރަދުންގެ ހިތްވަރާއި ޢަޒުމުގެ ނަމޫނާ ގެއްލިދާނެ ގޮތެއް ނެތެވެ.

މާތްﷲ ގެ ރަޙްމަތްފުޅުން މިއަދަކީ މި އަހަރުގެ ޤައުމީ ދުވަހެވެ. އާދަކާދައިގެ މަތިން ޤައުމީ ދުވަސް ޤައުމީ ރޫޚްގައި ފެށުމަށް ޤައުމީ ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ބޭއްވުމަށް ސަރުކާރުގެ ކަމާބެހޭ ވުޒާރާއިން ނިންމެވިއެވެ. މި މުހިންމު ރަސްމިއްޔާތު ބޭއްވުމަށް ދިވެހި ބަހާއި، ތަރިކައާއި އަދި ސަޤާފަތާއި ބެހޭ ވުޒާރާއިން ހުރިހާ ރަށުކައުންސިލްތަކާއި. އަތޮޅު ކައުންސިލްތަކާއި އަދި ސިޓީ ކައުންސިލްތަކަށް އަންގަވައިފައެވެ. ކަންމިހެން އޮތް އިރު، އަޅުގަނޑު ކަންބޮޑުވަނީ ސްކޫލް މަދަރުސާތަކުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ހަމަޖައްސަވާފައި އޮތީ ޤައުމީ ދުވަހުގެ ކުރީ ދުވަހު ކަމުގައި ވުމުންނެވެ. ކަލަންޑަރުގައި ރަތް އަކުރުން ޤައުމީ ދުވަސް ކަމުގައި ފާހަގަކޮށްފައި އޮތީ ސެޕްޓެމްބަރު މަހުގެ ހަތަރެއްވާ ބުދަ ދުވަހެވެ. އެ ޚާއްޞަ ދުވަހަކީ މިއަދެވެ. އަޅުގަނޑު ހިތަށް އަރަނީ ޤައުމީ ދުވަހު ސްކޫލްތަކުގައި ދުވަހާއި ގުޅޭ އެސެމްބްލީއެއް ނުވަތަ ޖަލްސާއެއް ނުބާއްވަވައި، މިއަދުގެ ކުރިން އެ ދުވަސް ފާހަގަކުރެއްވީ ކޮން މަޤްޞަދެއްގައި ތޯއެވެ؟ އަމިއްލަ ދިރިއުޅުމުގައި ނޫނީ ސަރުކާރުގެ ފެންވަރުގައި ޤައުމީ ދުވަސްތަކާއި މުނާސަބަތުތައް ދިމާވާ ސަބަބަކާހުރެ ފަސްކުރައްވާތީ ފެނެއެވެ. އެހެންނަމަވެސް، ކަމާއި މުނާސަބު ދުވަހުގެ ކުރިން މިފަދަ މުހިންމު ދުވަސްތައް ފާހަގަކުރުމަށް ޖަލްސާތަކާއި ހަފުލާތައް ބޭއްވުމަކީ ވަރަށް މަދުންނޫނީ ނުފެންނަ ކަމެކެވެ. އަނެއްކޮޅުން ފުންކޮށް ވިސްނާލެއްވުމުން ހިތަށް ވެރިވަނީ ޒާތެއްގެ ނުތަނަވަސްކަމެކެވެ.

އެއްވެސް ދެބަހެއް ނެތެވެ. ޤައުމުގެ ކުރިމަގަކީ މިއަދުގެ ކިޔަވާ ކުދީންނެވެ. ޤައުމަށް ލިބޭނެ އެންމެ އަގުހުރި ރައުސުލްމާލަކީ ޒުވާނުންނެވެ. އެހެންކަމުން، މިއަދުގެ ކުޑަކުދީންނާއި، ޒުވާނުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯތްބާއި، ރޫޚް ދިރުވައި އާލާކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ޤައުމިއްޔަތުގެ ރުކުންތައް ނޫނީ ބަހާތައް ރައްކާތެރިކޮށް، ހިމާޔަތްކުރުމަކީ ކޮންމެ ރައްޔިތެއްގެ ފަރުދީ ޒިންމާއެކެވެ. ޤައުމާއި ދޭތެރޭގައި ވިސްނާ ފިކުރު ހިންގުމަކީ ކޮންމެ ދަރިވަރަކާއި ކޮންމެ ޒުވާނެއްގެ އިޖުތިމާޢީ މަސްއޫލިއްޔަތެކެވެ. މާތްވެގެންވާ އިސްލާމް ދީނާއި، ދިވެހީންގެ މުއްސަނދި ތާރީޚާއި، ޖާރިވި ސަގާފަތާއި، ފަޚުރުވެރި ދިވެހި ބަހާއި، ތާއަބަދު އޮންނަން ބޭނުންވާ މިނިވަންކަމަކީ ދިވެހީންނާއި ބޭރު ކަރަތަކާއި ނޫނީ ޤައުމުތަކާއި ވަކިކޮށްދޭ އަސާސްތެކެވެ. މި ޤައުމުގެ ލޮބުވެތި ރައްވެހީން ކަމުގައިވާ ދިވެހީންނާއި، އެހެން ޤައުމުތަކުގެ ރައްޔިތުން ތަފާތުކޮށްދޭ ފާހަގަތަކެވެ. އެހެންވެ، ޤައުމީ ދުވަސް އައުމުގެ ކުރިން އެ ދުވަސް ފާހަގަކުރުމަށް ކުލަގަދަ ރަސްމިއްޔާތުތައް ބޭއްވެވީމާ ގެއްލިގެންދާނީ ޤައުމީ ރޫޚެވެ. ކުޑަވެގެންދާނީ ޤައުމީ ޖޯޝާއި ފޯރިއެވެ. ހީނަރުވެގެންދާނީ އިޖުތިމާޢީ ގުޅުންތަކެވެ. ހާމަވާނީ ޤައުމީ ދުވަހަށް ދެވޭ ސަމާލުކަން ކުޑަކަމެވެ.

ޙަޤީޤަތުގައި ޤައުމެއް ދިރޭނީ ޤައުމުގައި ރޫޚެއް ހުރެގެންކަމާމެދު އެއްވެސް ފަރާތަކުން ޝައްކެއް ނުކުރައްވާނެއެވެ. އެހެންކަމަށް ވީހިނދު، މިއަދުގެ ކިޔަވާ ކުދީންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ރޫޚް ދިރުވާ އާލާކުރުމަށްވުރެ މުހިންމު ކަމެއް ޤައުމިއްޔަތުގެ ޙައްޤުގައި ކުރާކަށް އޮތްކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ވިސްނާލައްވަމާތޯއެވެ. އަޅުގަނޑުމެން ހުކުރު ކުރަނީ ބުރާސްފަތި ދުވަހަކު ނޫނެވެ. ހަމަ ހުކުރު ދުވަހުއެވެ. އުފަން ދުވަހުގެ ކޭކު ފެޅުމާއި، އެނޫންވެސް އުފާވެރި ދުވަސްތަކުގެ ހަނދާންތައް ގިނަ މީހުން ފާހަގަކުރަނީ ސީދާ އެ ޚާއްޞަ ދުވަހުއެވެ. ދިމާވާ މުހިއްމު ސަބަބެއް އޮވެގެން ފަހަރުގައި ލަސްކޮށްލަނީއެވެ. އެހެންނަމަވެސް އަވަސްކުރާތީއެއް ނުފެނެއެވެ. މިބީދައިން ސްކޫލް މަދަރުސާތަކުގައި ޤައުމީ ދުވަސް ކުލަ ގަދަކޮށް ފާހަގަ ނުކުރައްވަންވީ ކޮން ސަބަބަކާހެދި ހެއްޔެވެ؟ ޤައުމީ ދުވަސް އައުމުގެ ކުރިން އެ ދުވަސް ސްކޫލްތަކުގައި ފާހަގަކުރައްވަނީ ކޮންކަހަލަ ބިރުވެރިކަމެއް ނުވަތަ ނާމާންކަމެއް ނޫނީވިއްޔާ ބަނޑުހައިހޫނުކަމެއް ޤައުމަށް ވެރިވެފައި އޮވެގެންކަމެއް ދަންނަވާކަށް ނޭގެއެވެ. އެނގޭހާވެސް ކަމަކީ ޤައުމީ ދުވަސް އިސްކޮށް (ދުވަސް އައުމުގެ ކުރިން) ފާހަގަކުރައްވަންޖެހޭ ފަދަ ޙާލަތެއް މި ޤައުމުގައި ނެތްކަމެވެ. މިހިރަފެންނަ ކަންކަމަކީ ތަޢުލީމާއި ބެހޭ ވުޒާރާއިންނާއި ޤައުމިއްޔަތާއި ބެހޭ ވުޒާރާއިން ފިކުރު ހިންގާލެއްވުމަށް ހަމަ ރަނގަޅު ކަންކަން ނޫންތޯއެވެ؟

ކޮމެންޓް
އިތުރު ލިއުން
ކިންގް ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމް ކުރަނީ
ކިންގު ސަލްމާން މިސްކިތުގައި ޤައުމީ އިސްލާމީ ލައިބްރަރީ ޤާއިމްކުރުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް މިހާރު ފަށާފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
18 Sep 2024
ހަބަރު
މަސްވެރި ސިނާއަތް ތަރައްގީކުރުމަށް އިފާޑާއެކު މަޝްވަރާކޮށްފި
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް، އިންޓަނޭޝަނަލް ފަންޑް ފޮރ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އިފާޑު) ގެ ކަންޓްރީ ޑިރެކްޓަރ ޝެރީނާ ތަބައްސުމްއާ މިއަދު ބައްދަލުކުރައްވައިފިއެވެ.
18 Sep 2024
ހަބަރު
ފުލުހުންގެ 38 ވަނަ އަސާސީ ތަމްރީނު ކޯސް ފަށައިފި
ދިވެހި ފުލުހުންގެ ޚިދުމަތާ އަލަށް ގުޅޭ ފުލުހުންނަށް ކުރިއަށް ގެންދާ އަސާސީ ތަމްރީނު ކޯހުގެ 38 ވަނަ ބުރު ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓުގެ ދ. ވާނީ ކެމްޕަހުގައި ފަށައިފިއެވެ.
18 Sep 2024
ހަބަރު
"ސީޑްސް އޮފް ފިއުޗަރ" ތަމްރީން ޕްރޮގްރާމަށް ދިވެހި ދަރިވަރުންތަކެއް ޗައިނާއަށް
ޗައިނާގެ ހުއާވޭ ކުންފުނިން ދުނިޔޭގެ އެކި ޤައުމުތަކުގެ ޒުވާނުންނަށް އައިސީޓީ ދާއިރާއިން ތަމްރީނު ފޯރުކޮއްދިނުމަށް "ސީޑްސް ފޮރ ދަ ފިއުޗަރ"ގެ ނަމުގައި ހިންގާ ޕްރޮގްރާމަގައި ދިވެހި 4 ދަރިވަރުން ބައިވެރިވެއްޖެއެވެ.
18 Sep 2024
ހަބަރު