ބީ.ބީ.އެން.ޖޭ. މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކޮށްފި

އައިޝަތު ޝިއުރާ
05 Sep 2024
ހަބަރު

މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ މުޢާހަދާ (ބީ.ބީ.އެން.ޖޭ. މުޢާހަދާ) ގައި ދިވެހިރާއްޖެއިން ސޮއިކޮށްފިއެވެ.

3 ސެޕްޓެމްބަރ 2024 ގެ މެންދުރު ވަގުތު އ.ދ. ގެ މައިމަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، މި މުޢާހަދާ ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއި ކުރެއްވީ، އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢަލީ ނަޞީރު މުޙައްމަދު އެވެ.

އެގޮތުން، 2015 ވަނަ އަހަރުގައި އދ. ގެ ޢާންމު މަޖްލީހުން ޤާނޫނީ ގޮތުން ބަނދެވޭ މާކަނޑުގެ ދިރުންތަކާއި ސަރަޙައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާ އަދި ދެމެހެއްޓެނިވި ގޮތުގައި ބޭނުންކުރުމާގުޅޭ ޤާނޫނީ މަސްދަރެއް އެކުލަވާލުމަށް ނިންމަވާފައިވެއެވެ. އަދި އެ ނިންމެވުމަށް ފަހު 2016 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދު އެ ޤާނޫނީ މަސްދަރުގައި ހިމެނޭނެ މައުޟޫޢު އެކުލަވާލުމަށް ފަހު، 19 ޖޫން 2023 ގައި އިސްވެ ބަޔާންކުރެވުނު ޤާނޫނީ މަސްދަރު މުޢާހަދާއެއްގެ ސިފައިގައި ފާސްކޮށްފައިވެއެވެ.

އަދި 11 ފެބްރުވަރީ 2024 ގައި ބޭއްވުނު ވަޒީރުންގެ މަޖްލީހުގައި އިސްވެ ބަޔަންކުރެވުނު މުޢާހަދާ ދިވެހިރާއްޖެއިން ސޮއިކޮށް، ތަޞްދީޤުކުރުން މުހިންމު ކަމަށް ނިންމެވުމަށް ފަހު، އެ މަސައްކަތް ކުރިއަށް ގެންދިޔުމަށްޓަކައި 29 ފެބްރުވަރީ 2024 ގައި ސަރުކާރުން ރައްޔިތުންގެ މަޖްލީހުގެ ރުހުން ހޯދުމަށް ހުށަހަޅާފައިވެއެވެ. އަދި 13 މެއި 2024 ގައި ބަޔާންކުރެވުނު މުޢާހަދާގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ހިމެނޭ އެންމެހައި ޤުދުރަތީ ވަސީލަތްތައް ޚިމާޔަތްކުރުމަކީ ދިވެހިރާއްޖޭގެ ވަރަށް މަތީ މަސްޢޫލިއްޔަތެއް ކަމުގައިވާއިރު، އެ ކަނޑުގެ ސަރަޙައްދު ހިމާޔަތްކުރުމުގައި ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބޭރުގައި ހިމެނޭ ސަރަޙައްދު ޙިމާޔަތްކޮށް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރަމުންދާކަން ކަށަވަރުކުރުމަކީ އެ މަސްޢޫލިއްޔަތު އަދާކުރުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

އެގޮތުން، ސޮއިކޮށްފައިވާ މުޢާހަދާގެ ދަށުން ބޮޑެތި ކަނޑުގެ ސަރަޙައްދުތައް ޙިމާޔަތްކުރުމުގެ އިޖުރާއަތު ޤާއިމުކޮށްފައިވެއެވެ. އަދި މީގެ އިތުރުން ކަނޑާ ގުޅޭ ޓެކްނޮލޮޖިކަލް މަޢުލޫމާތު ހިއްސާކުރުމާގުޅޭ ކަންތައްތައްވެސް އެ މުޢާހަދާގައި ހިމެނިފައިވާ ކަމާއި މޫއުސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމާ ގުޅޭ ޝަކްލީ ކަންތައްތައް އެ މުޢާހަދާގައި ހިމެނިފައިވެއެވެ. އަދި މި އެންމެހާ ކަންތައްތަކީ ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުން ލިބޭ މަންފާތައް ޙިމާޔަތްކުރުމަށް މުހިންމު ކަންތައްތަކެއް ކަމުގައިވާތީ، މި މުޢާހަދާގައި ބައިވެރިވުމުން ދިވެހިރާއްޖެ އަށް ނުހަނު ގިނަ ފައިދާތަކެއް ލިބިގެންދާނެ ކަން ފަހަގަކުރަމެވެ.

އަދި ދިވެހިރާއްޖެ މުޢާހަދާގައި ސޮއިކުރުމާ ހަމައަށް ޖުމްލަ 91 ޤައުމަކުން ސޮއިކޮށްފައިވާ ކަމާއި އަދި ޖުމްލަ 8 ޤައުމަކުން ތަޞްދީޤުކޮށްފައިވާ ކަން ފާހަގަކުރަމެވެ. 20 ސެޕްޓެމްބަރު 2025 ގެ ނިޔަލަށް ހުރިހާ ޤައުމަކުން ސޮއި ކުރުމަށް ހުޅުވާލާފައިވާ މި މުޢާހަދާއަށް އަމަލުކުރަން ފަށާނީ 60 ވަނަ ގައުމުން މި މުޢާހަދާ ތަސްދީޤުކުރިތާ 120 ދުވަސް ފަހުންނެވެ.

ކޮމެންޓް
އިތުރު ލިއުން
ދެ އިންތިހާބު އެއްކޮށްލުމަށް ރައީސް ނަޝީދު ތާއީދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ތާއިދުކުރައްވާކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
04 Jan 2026
ހަބަރު
އެންމެން ޝާމިލުވާ ގޮތަށް ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް މަސައްކަތް ކުރައްވާނަން: ރައީސުލްޖުމްހޫރިއްޔާ
އެންމެން ޝާމިލުވާގޮތަށް، ހުރިހާ ފަރުދުންނަށް އެއްވެސް ހުރަހެއް ނެތި މަޢުލޫމާތު ލިބި، ފުރުސަތުތައް ފަހިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެކަމަށް ދެއްވާފައިވާ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަކުރާރުކުރައްވައިފިއެވެ.
04 Jan 2026
ހަބަރު
އެއާޕޯޓްތައް ހިންގުމުގައި ދިވެހި ދައުލަތުގެ ބާރުވެރިކަން ދެމެހެއްޓުމަށް ސަރުކާރުން އަލުން ކަށަވަރުކޮށްދީފި
ރާއްޖޭގެ ބައިނަލްއަގުވާމީ އަދި އެތެރޭގެ އުދުހުންތަކާ ގުޅޭ ހުރިހާ އެއާޕޯޓްތަކަކީ ވެސް، މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީގެ ހުއްދައާއެކު ދިވެހި އިދާރާތަކުން ހިންގާ ތަންތަންކަން ކަށަވަރުކުރުމުގެ ސިޔާސަތު ސަރުކާރުން އަލުން ތަކުރާރުކޮށްފިއެވެ.
03 Jan 2026
ހަބަރު
އަންނަ އަހަރުން ފެށިގެން ދިވެހި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައިދެއްވަނީ
އަންނަ އަހަރުން ފެށިގެން ދިވެހި ބަހާއި ދިވެހިވަންތަކަން ފޯރުވައިދިނުމަށްޓަކައި ފޮތް ލިޔުއްވާ ފަރާތްތަކަށް ފޮތް ޗާޕް ކުރުމުގައި ޚާއްޞަ ގޮތްތަކެއް ސަރުކާރުން ހަމަޖައްސަވައި ދެއްވާ، ބަހާއި ސަގާފަތާއި ތާރީޚާއި ތަރިކައިގެ ދާއިރާއިން ކުޑަކުދިންނަށް ޚާއްޞަ ކުދި ފިލްމުތައް އުފެއްދުމުގެ ޤައުމީ މުބާރާތެއް ހުޅުވާލައްވާނެ ކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިޢުލާންކުރައްވައިފިއެވެ.
21 Dec 2025
ހަބަރު