ގޫގަލް އިމޭޖް

ދިވެހި ފުޓްބޯޅައަށް ކުރެވޭ އިންވެސްޓްމަންޓް ބޮޑު – އުފެދޭ ކުޅުންތެރިން މަދުވެ، ޝައުޤާއި ފޯރިކުޑަވެ، ހޯދޭ ނަތީޖާވެސް ދަށް

އަލީ އާރިފް
13 Jul 2024
ކުޅިވަރު

ކުޅިވަރެއްގެ ގޮތުން ފުޓްބޯޅައަކީ ޢިލްމާއި، ހުނަރާއި، ތަޖުރިބާއާއި، ލޯތްބާއި، އެކުވެރިކަމާއި، އުފަލާއި، ހިތާމަޔާއި އަދި ރިވެތި އަޚްލާޤުން ވަށާޖެހިފައިވާ އިޖުތިމާޢީ ވަރުގަދަ ބޮޅެކެވެ. ދިވެހިންނަކީ ފުޓްބޯޅައާއި ހެދި ދަންޖެހޭ ބައެކެވެ. އެންމެ ގިނަ ދިވެހިން ކުޅޭ އަދި ބަލާހިތްވާ ކުޅިވަރަކަށް ވާނީވެސް ފުޓްބޯޅަކަން ޔަޤީނެވެ. އަވަށްޓެރި ސިލޯނުން ދަރިވަރުވެގެން ދިވެހިން ފުޓްބޯޅަ ކުޅޭތާ މިހާރު 74 އަހަރު ވީއެވެ. މާތް ﷲ އިރާދަކުރެއްވިއްޔާ މިއަންނަ އަހަރަކީ ދިވެހި ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (ޑައިމަންޑް ޖުބިލީ) އަހަރެވެ. ތާރީޚުން އެނގޭ ގޮތުގައި، ރާއްޖެއާއި ސްރީލަންކާގެ ފުޓްބޯޅައިގެ ގުޅުމުގެ ފެށުމަކީ 1950 ވަނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެންނެވި ސްރީލަންކާގެ ފުޓްބޯޅަ އިންސްޓްރަކްޓަރު މައިކަލް ޑި ސިލްވާ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މަރްޙޫމް މުޙައްމަދު އަމީންގެ ދައުވަތަކަށް ވަޑައިގެންނެވި ޑިސިލްވާ މަޖީދިއްޔާ ސްކޫލުގެ ދަރިވަރުންނަށް ފުޓްބޯޅައިގެ އަސާސީ ތަމްރީންތައް ދެއްވިއެވެ. ތިއަރީ ކްލާސްތަކާއި ޕްރެކްޓިކަލް ސެޝަންތައްވެސް ނަންގަވައިދެއްވިއެވެ. އެ ބިންގަލުގެ މައްޗަށް ދިވެހި ފުޓްބޯޅަ ކުރިލާ ހެދެމުންއައީ ވަރަށް ބާރަށެވެ. ނަތީޖާއެއްގެ ގޮތުން 2000 ގެ އަހަރުތައް ފެށުނު ހިސާބުން، ފުޓްބޯޅަ ރޭހުގައި ރާއްޖެއިން ސްރީލަންކާ ފަހާލިއެވެ. އަދި އާބާދީ ކުޑަނަމަވެސް ސަރަޙައްދުގެ ފުޓްބޯޅައިގެ ބާރަކަށް ވެއްޖެއެވެ. ސަރުކާރާއި، ކުލަބުތަކާއި، އަދި ރައްޔިތުން އެންމެ ބޮޑު ޝައުޤަކާއި، އަހުމިއްޔަތުކަމެއް ދޭ ކުޅިވަރަށް ފުޓްބޯޅަ ވެއްޖެއެވެ.

އިއްތިފާޤުން އާ ސާސްކަފް އަހަރު (2000 ވަނަ އަހަރު) ދިމާވީ ދިވެހި ފުޓްބޯޅައިގެ ރަން ޔޫބީލް އަހަރަށެވެ. ދިވެހި ފުޓްބޯޅައަށް 50 އަހަރު ފުރުން ކުލަގަދަކޮށް ޤައުމީ ފެންވަރުގައި ފާހަގަކުރުމަށްޓަކައި "ގޯލްޑަން ޖުބިލީ ފުޓްބޯޅަ މުބާރާތް" މިނަމުގައި ބައިނަލްއަޤްވާމީ ފެންވަރުގައި ފުޓްބޯލަ މުބާރާތެއް މާލޭގައި ބޭއްވިއެވެ. ދިވެހި ފުޓްބޯޅަ އާއިލާއިން އުއްމީދުކުރީ އެ މުބާރާތުގެ ތަށި ރާއްޖޭގެ ފަސްގަނޑުގައި ބެހެއްޓުމަށެވެ. އެހެންވެ، ވަރަށް ޖޯޝާއި ފޯރީގައި ދިވެހި ޤައުމީ ޓީމް އެ މުބާރާތާއި ކުރިމަތިލިއެވެ. މާލޭގެ ގަލޮޅު ރަސްމީ ދަނޑު އޮތީ ފުރި ބާރުވެފައެވެ. ފައިނަލް މެޗް ބަލަން ވަދެ ތިބި މީހުން އެހާވެސް ގިނައެވެ. މާލެތެރެއާއި، ދަނޑުތެރެ ގުމާލާފައިއޮތީ ސަޕޯޓަރުންގެ ތަރުހީބުގެ އަޑުންނެވެ. ނަމަވެސް އެ ތާރީޚީ މުބާރާތް ނިމިގެންދިޔައީ ދިވެހިންގެ ލޮލުން ކަރުނަ ފާއްދާލައިފައެވެ. ދިވެހިން ހިތްދަތިކޮށްލައި، ރޮއްވާލާފައި ފައިނަލް މެޗް ކާމިޔާބުކުރީ ސްރީލަންކާގެ ޤައުމީ ޓީމެވެ.

ޤައުމީ ފުޓްބޯޅަ ޓީމުން ކާމިޔާބާއި، ނާކާމިޔާބުގެ ރަހަ ތަޖުރިބާކުރަމުން، ފަސް ބެލުމެއްނެތި ކުރިއަށް އައެވެ. ދިވެހިން އަބަދުވެސް ދެކެމުންއައި ބޮޑު ހުވަފެނެއް އޮތެވެ. އެއީ ސަރަޙައްދީ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމެވެ. މި މަޤްޞަދުގައި "މިއީ އަހަރެމެންގެ ފަހަރޭ" ބުނެ އައު ހިތްވަރަކާއެކު 2008 ވަނަ އަހަރު ސްރީލަންކާގައި ބޭއްވި ސާފު ޗެމްޕިއަންޝިޕް މުބާރާތުގައި ޤައުމީ ފުޓްބޯޅަ ޓީމް ވާދަކުރިއެވެ. އެ މުބާރާތުގައި ޤައުމީ ޓީމުން ހޯދަމުންއައި ކާމިޔާބުގެ ނަތީޖާއަކީ މުބާރާތުގެ ފައިނަލަށް ދަތުރުކުރުމެވެ. ފޯރިގަދަ ފައިނަލް މެޗްގެ ފަހުހާފުގައި ދިވެހި ޓީމުގެ ހުނަރުވެރި ފޯވަޑް މުޚްތާރު އާދަމް (ޓޫކިލޯ) ޕެނަލްޓީ އޭރިއާގެ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް ގަދަފަދަ އިންޑިއާގެ ގޯލް ފޫއަޅުވާލިއެވެ. ޤައުމީ ޖޯޝާއި، ފޯރީގައި ކުޅެ 1 ލަނޑު 0 ލަނޑުން އިންޑިއާ ބަލިކުރިއެވެ. އެ މުބާރާތުގެ ފަޚްރުވެރި ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ދިވެހި ދަރީން ހޯދާ، ޓްރޮފީއާއި، ރަން މެޑަލް ޙާޞިލްކޮށް، ތާރީޚް ބަދަލުކޮށްލިއެވެ. "ސާބަހޭ ސާބަހޭ ޤައުމީ ޓީމަށް ސާބަހޭ" ކިޔަމުން ދިވެހިން ވެރިރަށް މާލޭގެ މަގުތައް ފުރާލިއެވެ. ހުރިހާ ދިވެހިންގެ ލޯތަކުން އުފާވެރިކަމުގެ ކަރުނަ ފާއްދާލިއެވެ. އޭގެ ފަހުން 2018 ވަނަ އަހަރުގެ މުބާރާތްވެސް ރާއްޖޭގެ ޤައުމީ ޓީމުން ކާމިޔާބޮށް ރަން މެޑަލް ޙާޞިލްކުރިއެވެ. އެއީވެސް ޤައުމު ހެއްވާލި ދުވަހެކެވެ.

ގޫގަލް އިމޭޖް

އެއީ އެދުވަހުގެ ވާހަކައެވެ. މިއަދަށް ވިސްނާލަމާ ހިނގާށެވެ. ދިވެހި ފުޓްބޯޅައަށް ބޮޑު ބަދަލެއް އަތުވެޖެހެން ހީވޭތޯ ކޮންމެ މީހަކުކުރެން އަހާލިއަސް ދޭނީ ހަމަ އެއް ޖަވާބެވެ. ބުނާނީ އާއެކެވެ. ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. މި ބަދަލު ބޮޑަށް ފާހަގަވާން ފެށީ މީގެ 15 ވަރަކަށް އަހަރު ކުރިންނެވެ. ފުޓްސަލް ކުޅުން އާންމުވެ، ޒުވާނުން އެކުޅިވަރަށް ގޮސް ހުސްވީމައޭ ދެންނެވިދާނެއެވެ. އެހެންނަމަވެސް ކުރިއާއި އަޅާބަލާއިރު ފުޓްބޯޅަ ތަރައްޤީކޮށް ކުރިއެރުވުމަށް ޤައުމީ ފެންވަރުގައި ކުރެވޭ އިންވެސްޓްމަންޓް ބޮޑުވެއްޖެވެ. ޤައުމީ ފުޓްބޯޅަ ޓީމްތަކުގެ ކުޅުންތެރިންނަށް މުސާދީގެން، ބައިނަލްއަޤްވާމީ ފެންވަރުގެ ޚިދުމަތް ދީގެންވެސް ސަރަޙައްދީ މުބާރާތްތަކުން އެދެވޭ ކާމިޔާބެއް ނުލިބި ހުސްއަތާ ކިތައް މުބާރާތް ނިންމާލަން ޖެހިއްޖެތޯއެވެ. މާލެއާއި، އަތޮޅު ތެރޭގައި ކުރިން ހިރަފުހާއެކު ތަތްތެޅިގެން، ހަނަފަސް އަޑިގުޑަން ދަނޑުތަކުގައި ކުޅުނުނަސް މިއަދުގެ ޙާލަތު ވަރަށް ތަފާތެވެ. ޓާފް އަޅައި، ލައިޓް ޖަހާފައި އޮންނަ ފުޓްބޯޅަ ދަނޑެއް ނޫނީ ފުޓްސަލް ދަނޑެއް ނެތް ރަށެއް މަދުވާނެއެވެ. ބޮޑެތި ޢަދަދުތަކުން ފައިސާގެ އިނާމު ދޭގޮތަށް ކުޅޭ ފުޓްސަލް މުބާރާތްތަކުގެ ޢަދަދު ދަންނަވަން ނޭގޭހާ ގިނައެވެ. ނަމަވެސް މިލިއަން މިލިއަނުން ޚަރަދުކޮށްގެން ތަރައްޤީކުރި ފުޓްބޯޅަ ދަނޑުތައް އެއޮންނަނީ ވަންނާނެ ބުޅަލެއް ކާޅެއް ނެތި ފަޅުކޮންނެވެ. ފުރަ މާލޭގެ ޙާލަތުވެސް ހަމަ މިފަދައެވެ. ދެހާހުގެ ކުރީގެ އަހަރުތަކާއި ޖެހެންދެއް މާލޭގެ ރަސްމީ ދަނޑު (ގަލޮޅު ފުޓްބޯޅަ ދަނޑު) ގެ ކައިރިން މަޖީދީ މަގުން ހިނގާލާއިރު، ކަންފަތް ހީވާނީ ފަޅައިގެން ހިނގައިދާނެހެންނެވެ. ފުރަތަމަ ޑިވިޜަންގެ ޓީމްތައް ކުޅޭ ތަން ބަލަން ދަނޑަށް ވަދެ ތިބޭ ސަޕޯޓަރުން ނަގާ ފޯރިއާއި ލަވާ ހަޅޭކުގެ އަޑުންނެވެ. ވަރުގަދަ ޓީމްތައް ކުޅޭ ބައެއް ދުވަސްދުވަހު ގޮނޑިބަރީގެ ޓިކެޓް ހުސްވެއެވެ. އެހެންނަމަވެސް މިހާރު ކިތައްމެ ވަރުގަދަ މެޗެއް ކުޅުނަސް ކުޅިބަލަން ދޮޅަހަކަށް މީހުންވެސް ނުވަންނަ ދުވަސްތައް ގިނަވާނެއެވެ.

ހައިރާންކަމާއެކު ކޮންމެ މީހަކުވެސް ކޮށްލާ ސުވާލަކީ ދިވެހި ފުޓްބޯޅައަށް މިވީ ކިހިނެއް ހެއްޔެވެ؟ މި ސުވާލުގެ ޖަވާބުގައި ހިމަނަންޖެހޭ ޙަޤީޤީ މުހިންމު ވާހަކަތަކެއް ކުރިން ދެންނެވިއްޖެއެވެ. އެއް ސަބަބަކީ ފުޓްސަލްގެ ފޯރި ގަދަވެ އެކުޅިވަރަށް ޒުވާނުން ހިތް ދިއުމެވެ. އަނެއް ސަބަބަކީ ރާއްޖޭގެ ބޭރުގެ މަޝްހޫރު ލީގްތައް ކަމުގައިވާ، އިނގިރޭސި ޕްރިމިއާ ލީގާއި، އިޓަލީގެ ސެރިއްއާއި، ސްޕޭންގެ ލަލީގާއާއި، ޖަރުމަންވިލާތުގެ ބޮޑަސް ލީގްތަކުގެ މެޗްތައް ވަގުތުން ފެންނާތީއެވެ. ގޭގެ ސިޓިންގ ރޫމްގައި ތިބެގެން ބަލައިލުމުގެ އިތުރަށް، އަމިއްލަ އަތުގައި އޮންނަ ސްމާޓް ފޯނުންވެސް ކޮންމެ ތަނެއްގައި ހުރެގެންވެސް ބަލައިލެވޭތީއެވެ. ތިން ވަނަ ސަބަބެއް ކަމުގައި ފާހަގަވަނީ ރާއްޖޭގެ ފުޓްބޯޅައިގެ ޤައުމީ ޕްލޭނެއް އެކަށައަޅައި ތަންފީޛު ނުކުރެވުމެވެ. މިގޮތުން ޒުވާނުންނަށް ތަމްރީން ދިނުމުގެ މަސައްކަތްވެސް ހަރުދަނާ ގޮތެއްގައި ކުރިއަށް ނުގެންދެވުމެވެ. އަދި ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާ ކަމުގައިވާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ތެރެއަށް ސިޔާސީ ނުފޫޛު ވަނުމެވެ. އެއިދާރާގެ ހިންގުން ދޯދިޔާވެ، ކޮރަޕްޝަންގެ މައްސަލަތައްވެސް ފެންމަތިވެ އެތަން ގަޑުބަޑުވެފައިވާތީއެވެ.

ގޫގަލް އިމޭޖް

ކަންތައް މިހިސާބަށް ދިއުމުން ފުޓްބޯޅައަށް ޝައުޤުވެރިވާ މީހުން ހިމޭނުން ތިބެގެން ފަރަކުނުޖެހޭނެއެވެ. ފުޓްބޯޅަ އާޢިލާއާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރަންމިވަނީ މަޖުބޫރުވެފައެވެ. އިޚްލާޞްތެރި ނިޔަތެއް އޮވެގެން، ޒިންމާދާރުކަމާއެކު ސަރުކާރާއި، ފުޓްބޯޅަ އެސޯސިއޭޝަންތަކާއި، ކުޅިވަރު ކުލަބުތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އެންމެން އެކުގައި މަސައްކަތް ކުރަންޖެހިއްޖެއެވެ. އެއްކަމަށްވުރެވެސް ބޮޑަށް އިޖުތިމާޢީ ރޫޚް ދިރުވާ އާލާކުރަން މަސައްކަތް ކުރުން މާ މުހިންމެވެ. އެހެންނޫނީ ދިވެހިން އެންމެ ބޮޑަށް ލޯބިވާ، ރައްޔިތުން އެއްބައިވަންތަ ކުރުވާ ފުޓްބޯޅަ ހީނަރުވަމުންގޮސް މިވާހަކަ ދައްކާލާނެ މީހަކުވެސް ނުހުންނަ ހިސާބަށް ހިނގައިދާނެއެވެ.   

ކޮމެންޓް
އިތުރު ލިއުން
ދިވެހި ޓިކްޓޮކް ކޮމިއުނިޓީ އަދި ދިވެހިން ގުޅިގެން ޔާމްބެ އަށް 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފި
މިސްޓަރ މޯލްޑިވްސް މުހައްޔަދު ޔާމީން (ޔާމްބެ) ގެ ކިޑްނީ ބައްޔަށް އެހީގެ ގޮތުގައި ދިވެހި ޓިކްޓޮކް ކޮމިއުނިޓީ އަދި ދިވެހިން ގުޅިގެން 2 ލައްކައަށްވުރެ ގިނަ ރުފިޔާ ހޯދައިދީފިއެވެ.
07 Sep 2024
ހަބަރު
ތައިލެންޑްގަހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް މިނިސްޓަރ ޠާރިޤު އިބްރާހީމް ޒިޔާރަތްކުރައްވައިފި
މޫސުމީ ބަދަލުތަކާ ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު އޮނަރަބަލް ޠާރިޤު އިބްރާހީމް މިއަދު ތައިލެންޑްގެ އެމްބަސީއަށް ޒިޔާރަތްކުރައްވައިފިއެވެ.
07 Sep 2024
ހަބަރު
ފުލުހުންގެ އުޅަނދުތައް ދައްކާލުމަށް މާލޭގައި ޚާއްސަ ހަރަކާތެއް ބާއްވައިފި
ދިވެހި ފުލުހުންގެ ޚިދުމަތުގެ ދުވަހާ ގުޅުވައިގެން، ފުލުހުން ބޭނުންކުރާ އުޅަނދުތައް ދައްކާލުމުގެ ޚާއްސަ ހަރަކާތެއް މާލޭގައި ބާއްވައިފިއެވެ.
07 Sep 2024
ހަބަރު
ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭ: ނައިބު ރައީސް
މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
07 Sep 2024
ހަބަރު